Roadha Mihaaru
ދެން ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔެއް: ރަނޭ

ބީޗް ވޮލީން ރަން މެޑައްޔަކާ ހަމައަށް ގެންގޮސް ދެވިއްޖެ، ދެން ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔެއް: ރަނޭ

12 ފެބުރުއަރީ 2023

ބީޗް ވޮލީން ރަން މެޑައްޔަށް ފަހު، މިހާރު އޭނާގެ ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔަކާ ހަމައަށް ގައުމީ ޓީމު ގެންގޮސް ދިނުން ކަމަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެވެ.

ބީޗް ވޮލީން ރަން މެޑައްޔަށް ފަހު، މިހާރު އޭނާގެ ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔަކާ ހަމައަށް ގައުމީ ޓީމު ގެންގޮސް ދިނުން ކަމަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ވަނީ އެ މުބާރާތް ކާމިޔާބުކޮށް ވޮލީބޯޅައިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ރަން މެޑަލް ހޯދައި ދީފަ އެވެ.

މި މަހު 23 ގައި ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތް ލޯންޗު ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުރީގެ ސެޓަރު ވިދާޅުވީ ބީޗު ވޮލީބޮޅައިން ރަން މެޑައްޔަކާ ހަމައަށް ގެންގޮސް ދެވުމުން ލިބޭ ހިތްހަމަޖެހުމާ އެކު މިހާރު އޭނާގެ އެންމެ ބޮޑު ޓާގެޓަކީ އިންޑޯ ވޮލީން މި އަހަރު ފަހްރުވެރިވާ ކާމިޔާބެއް ހޯދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިސްރާބު ޖަހާފައި މިހުރީ އިންޑޯ ވޮލީ މުބާރާތްތަކުގެ ތެރެއިން ކޮންމެ ވެސް އެއް މުބާރަތަކުން ބްރޯންޒް އާއި ސިލްވާގެ ބަދަލުގައި ގޯލްޑް މެޑަލް އަކަށް ބަދަލު ކުރެވޭނެ މަސައްކަތެއް ކުރަން،" ޑިސެމްބަރު މަހު ބޭއްވި ބީޗް ވޮލީ މުބާރާތުން ގައުމީ ޓީމު ރަން މެޑަލް ހޯދި ފަހުން ފުރަތަމަ ފަހަރަށް ބޭއްވި މީޑީއާގެ އިވްނެޓެއްގައި ބައިވެރިވެ ވަޑައިގެން ރަނޭ ވިދާޅުވި އެވެ.

ފޯ ނޭޝަން އިންތަނޭޝަނަލް މުބާރާތް ލޯންޗު ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އެ މުބާރާތުގެ ސަބަބުން ރާއްޖެއިން ވާދަކުރާ ގޭމްސްތަކާއި މުބާރާތްތަކުގައި ކާމިޔާބު ހޯދަން މަގު ފަހި ވާނެ ކަމަށް ރަނޭ ވިދާޅުވި --- ފޮޓޯ: ފޮޓޯ: ޔޫތު މިނިސްޓްރީ

ފޯ ނޭޝަން އިންތަނޭޝަނަލް މުބާރާތް ލޯންޗު ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އެ މުބާރާތުގެ ސަބަބުން ރާއްޖެއިން ވާދަކުރާ ގޭމްސްތަކާއި މުބާރާތްތަކުގައި ކާމިޔާބު ހޯދަން މަގު ފަހި ވާނެ ކަމަށް ރަނޭ ވިދާޅުވި --- ފޮޓޯ: ފޮޓޯ: ޔޫތު މިނިސްޓްރީ

މިހާރު ކުރަމުންދާ މަސައްކަތާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް، ފޯރުކޮށް ދެއްވަމުން ގެންދަވާ އެއްބާރުލުމާއެކު އެ ކާމިޔާބާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ވީއޭއެމްގެ ރައީސްކަން އޭޕްރީލް 2021 ން ފެށިގެން ކުރައްވަމުން ގެންދަވާ ރަނޭ މިއަދު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަށް އަފްޣާނިސްތާނާއި މެލޭޝިއާ އަދި ސިންގަޕޫރު ޓީމުތައް ވާދަ ކުރާނެ އެވެ. އަފްގާނިސްތާނުން ވާދަ ކުރާނީ އެ ގައުމުގެ ފިރިހެން ޓީމު އެކަންޏެވެ. އަންހެން މުބާރާތުގައި ތިން ޓީމު ވާދަ ކުރާތީ މުބާރާތް ކުރިއަށް ގެންދާނީ ރައުންޑް ރޮބިން އުސޫލުން ކުޅުމަށް ފަހު އެއްވަނަ އަށް ދާ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. އަދި އަނެއް ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު ފައިނަލުގެ ދެވަނަ ޖާގަ ކަނޑައަޅާނެ އެވެ. މުބާރާތުގެ ސަބަބުން މި އަހަރު ގައުމީ ވޮލީ ޓީމުން ކުރިމަތިލާ އިންޓަނޭޝަނަލް ގޭމްސްތަކުގައި އޭގެ ފައިދާ ފެނިގެންދާނެ ކަމަށް ރަނޭ އުންމީދު ކުރައްވަ އެވެ.

"އަފްޣާނިސްތާނަކީ އަޅުގަނޑުމެން ހިމެނޭ (ވޮލީގެ) ސެންޓްރަލް އޭޝިއާ ގައުމަކަށް ވެފަ އަދި އަޅުގަނޑުމެންނާ ވާދަވެރި ގޮތަކަށް ކުޅެމުން އަންނާތީ އޯގަސްޓް މަހު އޮންނަ ސެންޓްރަލް އޭޝިއަން މުބާރަތަށް އޭގެ ފައިދާ ހަމަ ވަރަށް ބޮޑަށް ޕޮޒިޓިވްކޮށް ފެނިގެންދާނެ،" ވީއޭއެމްގެ ނައިބު ރައީސްކަން ވެސް ކުރިން ކުރެއްވި ރަނޭ ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވަނީ: މަހްލޫފް ދެއްވާ އެއްބާރުލުން ރަނޭ ފާހަގަ ކުރެއްވި --- ފޮޓޯ: ޔޫތު މިނިސްޓްރީ

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވަނީ: މަހްލޫފް ދެއްވާ އެއްބާރުލުން ރަނޭ ފާހަގަ ކުރެއްވި --- ފޮޓޯ: ޔޫތު މިނިސްޓްރީ

"ސެންޓަރަލް އޭޝިއާގެ އަންހެން މުބާރާތަށް އަންހެން ޓީމު ނޭޕާލަށް ދާއިރު (ރާއްޖޭގެ މި މުބާރާތުން) އަންހެން ޓީމަށް ވެސް އޭގެ ފައިދާ ލިބި ކާމިޔާބު ހޯދޭނެ މުބާރަތެއްގެ ގޮތުގައި ފެންނަނީ."

ޖޫން މަހު ރަނޭ ވިދާޅުވީ ރަން މެޑަލް ނޫން އެއްޗަކުން މިހާރު ފުއްދާލެވެން ނެތް ކަމަށެވެ. އޭގެ ފަހުން ޑިސެމްބަރު މަހު ބީޗް ވޮލީން އެޑަމް އާއި ކުޑަ ކާއްޓޭ ރަން މެޑަލް ހޯދި އެވެ. ބީޗް ވޮލީ ޓީމަށް ކުރިއެރުން ލިބުމުގައި އެ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިންގެ ދައުރު ބޮޑު ކަމަށް ވޮލީގެ ތަޖުރިބާކާރުން ބުނެ އެވެ.

ގައުމީ ފިރިހެން ސީނިއާ ޓީމަށް ވެސް އިރުޝާދު ދެނީ ބްރެޒިލްގެ ކޯޗެއް ކަމަށްވާ ސާޖިއޯ ވެލޯސޯ އެވެ. ރަނޭ ވިދާޅުވީ ވެލޯސާ އާއެކު މިދިޔަ އެއް އަހަރު ވަންދެން ފިރިހެން ޓީމުން ކުރި މަސައްކަތުގެ ފައިދާ ކުރީ ކިހާވަރަަކަށް ތޯ، ކުރިއަށް އޮތް އިންޓަނޭޝަނަލް މުބާރާތުން ދެނެގަނެވޭނެ ކަމަށެވެ.

ފޯ ނޭޝަން މުބާރަތަށް ތައްޔާރު ވުމަށް އަންހެން ޓީމާއި ފިރިހެން ޓީމުން ވެސް އަންނަނީ ތައިލެންޑްގައި ޓްރޭނިން ހަދަމުންނެވެ. ދިހަ ދުވަހުގެ ޓްރޭނިން ކޭމްޕަކަށް ފަހު ޓީމު މާލެ އަންނާނީމި މި މަހުގެ 20 ވަނަ ދުވަހު އެވެ.