Roadha Mihaaru
ކުޑަކުއްޖެއްގެ މަރު: ހަތަރު މީހުންގެ އިސްތިއުނާފް ބޭރު

ކުޑަކުއްޖަކު މަރާލި މައްސަލަ: ހަތަރު ގާތިލުންގެ އިސްތިއުނާފް ބަލައެއްނުގަތް

02 ޖޫން 2022

މާލޭގައި ކުޑަކުއްޖަކަށް ގްރޫޕަކުން ހަމަލާދީ މަރާލި މައްސަލާގައި ޖަލަށްލި އެންމެންގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ކުޑަކުއްޖަކަށް ގްރޫޕަކުން ހަމަލާދީ މަރާލި މައްސަލާގައި ޖަލަށްލި އެންމެންގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

އޮކްޓޫބަރު، 2018 ގައި 15 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސ. ހިތަދޫ ޗަމަންގޭ ހުސައިން ނިހާދު އަހުމަދާއި އެރަށު މަލަ، މުހައްމަދު އައިމަން ހަބީބާއި ސ. މަރަދޫ މޫންލައިޓްގްލޯރީ ހަސަން ނަބާހާއި މއ. ޓޮމާޓޯފްލާވާ ހުސައިން ޖައިލަމްގެ މައްޗަށެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުއްދަތު އޮތީ ހަމަވެފައިވާތީ އެ މީހުންގެ ފަރާތުން ހައި ކޯޓުގައި އެދުނީ އިސްތިއުނާފް ކުރުމުގެ ހުއްދައަށެވެ. އެއީ އިސްތިއުނާފް މުއްދަތު ހަމަވުމުން ދެން އަމަލުކުރަން އޮންނަ ގޮތެވެ.

އިސްތިއުނާފް ލަސްވި ސަބަބެއްގެ ގޮތުގައި އެ ހަތަރު މީހުންގެ ފަރާތުން ވެސް ހުށަހެޅި ސަބަބަކީ ކްރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވުމެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކުރީ މިއަހަރު ފެބްރުއަރީ މަހު އެވެ.

ހަތަރު މީހުންގެ މައްސަލާގައި ވެސް މިދިޔަ މަހުގެ ފަހުކޮޅު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ އެ މީހުންގެ އިސްތިއުނާފަށް ހުއްދަ ދޭންޖެހޭ މަގްބޫލު ސަބަބެއް ނެތް ކަމަށެވެ. އެއީ އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެ މީހުންގެ ފަރާތުން އެދުނީ ވެސް ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށްވުމާއި ރިޕޯޓަށް އެދުން ލަސްވި ސަބަބެއް ބަޔާން ކޮށްފައި ނެތުމުންނެވެ.

މީގެ އިތުރުން މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓާ މައްސަލަ ނިންމި ދުވަހު ދޫކޮށްފައިވާ ކަން ވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާހަގަކުރި އެވެ. ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމެވިޔަސް، ފަނޑިޔާރު ފާތިމަތު ފަރުހީޒާ ދެކެވަޑައިގަތީ އެ މައްްސަލަތައް ބަލައިގަތުމުގެ ހުއްދަ ދިނުމަށެވެ.