Roadha Mihaaru
ބްރިޖު އަވަސްކުރަން އިތުރު 26 މިލިއަން ޑޮލަރު!

މާލެ- ވިލިމާލެ ގުޅާލުން އަވަސްކުރަން އެފްކޮން ހުށަހަޅަނީ އިތުރު 26 މިލިއަން ޑޮލަރު!

02 ޖޫން 2022

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގައި، މާލެ އާއި ވިލިމާލެ ގުޅާލުން އަވަސްކޮށް އަންނަ އަހަރުގެ ޖުލައި މަހު ދަތުރުތައް ފެށޭވަރަށް ނިންމަން އިންޑިއާގެ އެފްކޮންސް އިން އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ)އަށް އެދިފައިވާ ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގައި، މާލެ އާއި ވިލިމާލެ ގުޅާލުން އަވަސްކޮށް އަންނަ އަހަރުގެ ޖުލައި މަހު ދަތުރުތައް ފެށޭވަރަށް ނިންމަން އިންޑިއާގެ އެފްކޮންސް އިން އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ)އަށް އެދިފައިވާ ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެކަމަކު މި އަގަށް ސަރުކާރުން އަދި އެ ކުންފުންޏާ އެކު އެއްބަހެއް ނުވެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މަސައްކަތުގެ ސްޕީޑު އަވަސްކުރަން މަޝްވަރާތަކެއް ދިޔަ ނަމަވެސް އެއްވެސް އަގެއް ކަނޑައެޅި އެ އަގަކަށް މިހާތަނަށް އެއްބަސްވެވިފައި ނެތް ކަަމަށެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި މާލެ އާއި ގުޅާލަނީ ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ކުރިން އާއްމުކޮށްފައި ވަނީ 2024 އަށެވެ.

އެއީ، ފުރަތަމަ މާލެއިން ގުޅިފަޅަށް ގުޅާލުމެވެ. މަސައްކަތް ފަށާ ތާރީހުން، 27 މަސް ދުވަހުގެ ތެރޭގައި މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން އޮތީ އާއްމުކޮށްފަ އެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭ، ޖިއޯޓެކްނިކަލް ސާވޭ ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަގު މިހާތަނަށް ފައިނަލެއް ނުވޭ، މަޝްވަރާތައް ދަނީ ކުރިއަށް. -- ޕްލޭނިން

އެކަމަކު، އެފްކޮން އިން މިދިޔަ ހޯމަދުވަހު އިންޑިއާގައި، ދިވެހި ނޫސްވެރިންނަށް އާއްމުކުރި ތާރީހްތަކުން އެނގޭ ގޮތުގައި، މާލެ އިން ވިލިމާލެއަށް ގުޅާލައި ދަތުރު ފެށުން އޮތީ އަވަސްކޮށްފަ އެވެ. ސަރުކާރުން އެދިގެން ބްރިޖުގެ ތާރީހްތަކަށް ބަދަލު ގެނެސްފައިވާ އިރު، އެނގިފައިވާ ގޮތުގައި، އެ މުއްދަތަށް ނިންމަން އެފްކޮންގެ ހުށަހެޅުމަކީ ޖުމްލަ 26 މިލިއަން ޑޮލަރެވެ.

"މިހާރު"އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ފައިސާ ދޭން ވާހަކަ ދައްކަމުން އަންނަނީ ފުރަތަމަ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) އަށެވެ. ބާކީ ބައި ދޭގޮތަށް އޮތީ މާލެ އިން ވިލިމާލެއާ ހަމައަށް ގުޅާލައި ބްރިޖް ބޭނުންކުރެވޭ ވަރަށް ނިންމުމުންނެވެ. ނުނިމިއްޖެ ނަމަ ފައިސާ ދޭން ނުޖެހޭނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖުލައި 26 އަށް ނިންމަން ކޮންޓްރެކްޓަރާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ކޮސްޓް ކަންތައްތަކުގައި އަދި ޑިސްކަޝަންސްތަކެއް ދަނީ. ކޮސްޓެއް ދާ އަދި ފައިނަލެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު"އަށް ލިބިފައިވާ އަދަދުތައް ރަނގަޅުތޯ ދެންނެވުމުން ވިދާޅުވީ "އެއްވެސް ގޮތަކަށް އަދި ނުނިމޭ" ކަމަށެވެ.

ބްރިޖް މަޝްރޫއުގެ މަސައްކަތް އެފްކޮން އިން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބްރިޖް މަޝްރޫއުގެ މަސައްކަތް އެފްކޮން އިން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ.

މަސައްކަތް ނިންމާ ތާރީހުތައް

- މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިމޭނެ.

- މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށޭނެ.

- ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެ.

- މުޅި ޕްރޮޖެކްޓް ނިންމާލެވޭނީ ނޮވެމްބަރު 2024 ގައި.

ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.