Roadha Mihaaru
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ

މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާ ނަމަ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފި

08 މެއި 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި ވިޔަސް އެ ދިމާލުން ދަތުރުކުރާ މައްސަލަ ބޮޑުވެ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި ވިޔަސް އެ ދިމާލުން ދަތުރުކުރާ މައްސަލަ ބޮޑުވެ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ދީފި އެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނީ، އެ ސަރަހައްދުން ދަތުރުކުރުން މިދިޔަ އަހަރުގެ އޮގަސްޓް 15 އިން ފެށިގެން މަނާކޮށްފައި އޮތަސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، އެ ދިމާލުން ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރާ ވަގުތުތަކުގައި މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެ ސަރަހައްދު ބަންދުކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށް މިއަދު ކުރި އިއުލާނުގައި ވެސް ޓްރާސްޕޯޓް މިނިސްޓްރީން ބުންޏެވެ.

"ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާންކުރީމެވެ،" އެ އިއުލާނުގައި ވެ އެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓުގެ ދަށުން އެއްގަމާއި ކަނޑުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ހަދަމުން އަންނަ އެ ބްރިޖުގެ ތަނބުތައް ކަނޑުގައި ޖެހުމުގެ މަސައްކަތް ވެސް މިހާރު އޮތީ ފަށައިފަ އެވެ.