Roadha Mihaaru
މިއަހަރު ހާސިލްވާނީ މަޝްރޫތަކުގެ 80 ޕަސެންޓް

މި އަހަރަށް ހާސިލް ކުރެވޭނީ މަޝްރޫއުތަކުގެ 80 ޕަސެންޓު މަސައްކަތް: އަސްލަމް

27 އޯގަސްޓް 2019

މި އަހަރު ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތަކުން ހާސިލް ވާނީ ގާތްގަނޑަކަށް 80 ޕަސެންޓް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތަކުން ހާސިލް ވާނީ ގާތްގަނޑަކަށް 80 ޕަސެންޓް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނިމޭނެ އިރެއް ބެލުމަށް އެ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދެއް ވެވަޑައިގެންފި ނަމަ، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް އެކަމެއް ފުރިހަމަ އަށް ކުރަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މިހާތަނަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ހުރި މަސައްކަތްތަކުގެ އަގު 600 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި 563 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓާ 80 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށެވެ.

"ޑިސްބާސްމަންޓަކީ މަސައްކަތް ސީދާ ކުރިއަށްދާ މިންވަރާ ގުޅިފައި އޮންނަ ކަމެއް. އަޅުގަނޑުމެންނަށް މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި ހާސިލް ވާނީ ގާތްގަނޑަކަށް 80 ޕަސެންޓު. 100 ޕަސެންޓެއް ހާސިލް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތުގެ ގޮތުގައި 59 މަސައްކަތެއް ބަޖެޓުގައިވެ އެވެ. އޭގެތެރޭގައި ބޮޑެތި މަސައްކަތްތަކާއި ކުދި މަސައްކަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 19 މަޝްރޫއެއްގައި އަމަލީ މަސައްކަތުގައި ސޮއިކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ޓެންޑަ މަރުހަލާގައި 22 ރަށެއް އުޅޭ އިރު، ޓެންޑާ އަށް ފޮނުވުމަށް 18 ރަށެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު ކޮށްގެން މިގެންދަނީ ބަޖެޓުގައި މަސައްކަތް ކުރުމަށް ބޮޑުކޮށް ފައިސާ ހިމަނާފައި ހުރި މަސައްކަތްތައް އަހަރުގެ ކުރީކޮޅު ފަށައިގެން އައިސް މަދުން ފައިސާ ހިމެނިފައި ހުރި ކަންކަން އަހަރުގެ ފަހު ކޮޅުގައި ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.