Roadha Mihaaru
42 ކިލޯ ޑްރަގުގެ ތުހުމަތުވި ދެ މީހުން ދޫކޮށްލައިފި

42 ކިލޯގެ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

02 ޖޫން 2022

މާލޭގައި މިދިޔަ މާޗު މަހު ހިންގި ޑްރަގް އޮޕަރޭޝަނަކުން ހޯދި 42 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މިދިޔަ މާޗު މަހު ހިންގި ޑްރަގް އޮޕަރޭޝަނަކުން ހޯދި 42 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ޑްރަގްސް އަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބައަކާ ގުޅުން ހުރި އެއްޗެހި ކަމަށް ބެލެވޭ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ އެއްޗެހި ހުރީ މާފަންނުގެ ގެއެއްގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލައިފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ނަޝީދެވެ.

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނަޝީދު.-- ފޮޓޯ: ޕޮލިސް

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނަޝީދު.-- ފޮޓޯ: ޕޮލިސް

އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއްނޫޅެ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ދޫކޮށްލީ މުއްދަތު ހަމަވިއިރު ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރުމުންނެވެ.

ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނީ އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ އަހުމަދަށް ކަމަށެވެ. އަދި އޭނާ ފިލަންވެގެން ފޯނާއި ފޯނު ނަންބަރު ބަދަލުކުރި ކަމަށް ބުނެފައިވެ އެވެ.

ނަޝީދު އަތުން ގިނަ އަދަދެއްގެ ފައިސާ އަދި އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާ ގުޅުންހުރި ލިޔުންތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އެކައުންޓް ސްޓޭޓްމަންޓުތަކަށް ބަލާއިރު މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުރަވެވޭ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.