Roadha Mihaaru
"ބޭންކް އެކައުންޓްތައް ފުލުހުންނަށް ބެލިގެން ނުވާނެ"

ބޭންކް އެކައުންޓްތައް ފުލުހުންނަށް ބެލިގެން ނުވާނެ: ޔާމީން

02 ޖޫން 2022

މީހުންގެ ބޭންކް އެކައުންޓްތައް ތަހުގީގުތަކުގައި ފުލުހުން ބަލަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީހުންގެ ބޭންކް އެކައުންޓްތައް ތަހުގީގުތަކުގައި ފުލުހުން ބަލަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ބޭންކްތަކުގައި ފައިސާ ނުބެހެއްޓޭ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައިވާ ކަމަށެވެ. އެއީ ފުލުހުންނާއި ސަރުކާރުން މީހުންގެ ބޭންކް އެކައުންޓް ބަލާތީ ކަމަށާއި އެކައުންޓްތަކުގައި ހުންނަ ފައިސާއަކީ ސަރުކާރަށް ބެހެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ، މީހުންގެ އަމިއްލަ ފައިސާ. އެކަމަކު އަމިއްލަ ސިފަތަކެއް ނޯވޭ. ފުލުހުންގެ ތަހުގީގަށް ބަލަންވީމަ ދާނެ ގޮތަށް ގޮސް މީހުންގެ އެކައުންޓްތައް ބަލަނީ. އެއީ ފުލުހުންނާ ބެހޭ ކަމެއް ނޫން. އެއީ ދައުލަތަކާ ބެހޭ ކަމެއް ނޫން." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކައުންޓްތައް ބެލުމުގެ ފުރުސަތު ދެވޭނީ މަސްތުވާތަކެއްޗާއި ޓެރަރިޒަމް ފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންގެ މައްސަލަތަކުގައި އެކަންޏެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް އެކަން އޮންނަ ގޮތް ކަމަށް ވިދާޅުވި އެވެ.

"ކިހިނެތްތޯ ކޮންމެ މީހެއްގެ އެކައުންޓް ބަލާނީ. އެއަށް ވުރެ މާ ތަހުޒީބީ ހިސާބަކަށް ދުނިޔެ އައިސްފައި މި އޮތީ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބޭންކް އެކައުންޓްތައް ފަސޭހައިން ބެލޭ ނަމަ، މީހުން ބޭންކްތަކުގައި ފައިސާ ނުބަހައްޓާނެ ކަމަށެވެ. އޭރުން ބޭންކިން ނިޒާމުގެ ބޭނުން ކެނޑުނީ ކަމަށް ވިދާޅުވި އެވެ. އަދި ދިވެހި ސަރުކާރާއި އިންޑިއާއާ އެކު ހެދި އެއްބަސްވުމެއް އޮތްގޮތުން ރާއްޖޭގެ ބޭންކް އެކައުންޓްތައް އިންޑިއާ ސަރުކާރަށް ބެލޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ކަންތައްތައް މިދާ ގޮތުން މީހުން ބޭންކްތަކުގައި ފައިސާ ނުބަހައްޓާނެ." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވިއިރު، ބޭންކިން ގާނޫނާއި ޖިނާއީ އިޖްރައާތުގެ ބުނާގޮތުން ބޭންކް އެކައުންޓްތައް ތަހުގީގީ އިދާރާތަކަށް ބެލޭނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް އަންގާ އެންގުމެއްގެ ދަށުންނެވެ.