Roadha Mihaaru
މެޗު ތެރޭން ޒްވެރޭވަށް އަނިޔާވެ، ނަޑާލް ފައިނަލަށް

ފްރެންޗް އޯޕަން: މެޗު ތެރޭން ޒްވެރޭވަށް އަނިޔާވެ، ނަޑާލް ފައިނަލަށް

04 ޖޫން 2022

ޕެރިސް (ޖޫން 4) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި ޖަރުމަނުގެ އަލެކްޒެންޑާ ޒްވެރޭވަށް މެޗުގައި އަނިޔާ ވެގެން މެޗު ނިންމާލަން ޖެހުމުން ރަފައެލް ނަޑާލަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޖޫން 4) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި ޖަރުމަނުގެ އަލެކްޒެންޑާ ޒްވެރޭވަށް މެޗުގައި އަނިޔާ ވެގެން މެޗު ނިންމާލަން ޖެހުމުން ރަފައެލް ނަޑާލަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ސެމީ ފައިނަލް މެޗު ހުއްޓާލަން ޖެހުނީ ދެވަނަ ސެޓުގެ 12 ވަނަ ގޭމުގެ ފަހު ޕޮއިންޓަށް ކުޅެނިކޮށް އުމުރުން 25 އަހަރުގެ ޒްވެރޭވަށް އަނިޔާ ވެގެންނެވެ. ޒްވެރޭވަށް ކުޅުން ކުރިއަށް ނުގެންދެވުނީ ފައި އެޅުނު ގޮތަކުން އޭނާގެ ކަނާތު ފައިގެ ކުޑަހުޅު ވިދިގެންނެވެ.

ޒްވެރޭވް އަށް ސެމީ ފައިނަލުގައި އަނިޔާވި ވަގުތު.-- ފޮޓޯ: އޭއެފްޕީ

ޒްވެރޭވް އަށް ސެމީ ފައިނަލުގައި އަނިޔާވި ވަގުތު.-- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ ތިންވަނައިގައި އޮތް ޒްވެރޭވަށް އަނިޔާވެ މެޗު ނިންމާލަން ޖުހުނު އިރު ފުރިހަމަ ކުރެވުނީ އެންމެ ސެޓެކެވެ. އެކަމަކު ތިން ގަޑިއިރާއި 13 މިނިޓަށު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފުރިހަމަ ކުރަން ވެސް 91 މިނިޓު ހޭދަވި އެވެ. މި ސެޓު ނަޑާލް ކާމިޔާބު ކުރީ ޓައި ބްރޭކަކަށް ގޮސްގެން، 7-6 (10-8) އިންނެވެ. އަދި ދެވަނަ ސެޓު ނިމްމާލަން ޖެހުނީ 6-6 ގޭމުން އެއްވަރު ވެގެންނެވެ.

ފަސްވަނައަށް ސީޑް ކުރެވުނު، ކުރީގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި، މިހާރު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ބަލި ކޮށްފަ އެވެ. އަދި ޒްވެރޭވް ވަނީ ކުއާޓާ ފައިނަލުގައި، ސްޕެއިންގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް ބަލި ކޮށްފަ އެވެ.

"މިއީ ވަރަށް އުނދަގޫ ވަގުތު ކޮޅެއް، އޭނާއަށް (ޒްވެރޭވް) އަށް އަހަރެން ހަމްދަރުދީވަން. އޭނާ މުބާރާތުގައި ތަފާތު މޮޅަށް ކުޅެމުން ދިޔައީ. އަހަރެންނަށް އެނގޭ އޭނާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރަން ކުރާ މަސައްކަތް. އޭނާ ކާމިޔާބު ކުރާނެ އެއް މުބާރާތަށް ވުރެ ގިނައިން،" ރެކޯޑް 21 ގްރޭންޑް ސްލޭމް ޓްރޮފީ އުފުލާލައިފައިވާ ނަޑާލް ބުންޏެވެ.

"މި ހާލަތުގައި ވަރަށް ބައިވަރު ވާހަކަ ދައްކަން އުނދަގޫވޭ. ރޮލަންޑް ގަރޯސް (ފްރެންޗް އޯޕަން) ފައިނަލަށް ދިޔުމަކީ އަހަރެންގެ އަބަދުވެސް ހުވަފެނެއް. އެކަމަކު ސެމީ ފައިނަލް މެޗު ނިމުނު ގޮތް ހިތްގައިމެއް ނޫން. އަހަރެން ހުރިން ސާޝާ (ޒްވެރޭވް) އާ އެކު ޓްރީޓްމަންޓް ރޫމުގައި."

އަނިޔާވި ޒްވެރޭވް ވީލްޗެއާ އަކަށް އަރުވައިގެން ކޯޓުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާވި ޒްވެރޭވް ވީލްޗެއާ އަކަށް އަރުވައިގެން ކޯޓުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

އިއްޔެ 36 އަހަރު ފުރުނު ނަޑާލް ފްރެންޗް އޯޕަން ފައިނަލަށް ދަތުރު ކޮށްފައިވާއިރު އޭނާވެފައި ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ. އެމެރިކާގެ ބިލް ޓިލްޑެން 1930 ވަނަ އަހަރު ފްރެންޗް އޯޕަން ރަނަރަޕް މަގާމު ހޯދި އިރު އޭނާގެ އުމުރުން 37 އަހަރެވެ.

ނަޑާލް ފައިނަލުގައި ކުޅޭނީ އޭނާގެ އެކަޑަމީގެ ދަރިވަރަކާ ދެކޮޅަށް

މާދަމާ ކުޅޭ މުބާރާތުގެ ފައިނަލުގައި ނަޑާލްއާ ދެކޮޅަށް ނުކުންނާނީ އަށްވަނައަށް ސީޑް ކުރެވުނު ނޯވޭގެ ކެސްޕާ ރޫޑް އެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މަރީން ޗިލިޗްއާ ވާދަކޮށް، 3-6، 6-4، 6-2، 6-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިއީ އުމުރުން 23 އަހަރުގެ ރޫޑް އޭނާގެ ކެރިއަރުގައި ގްރޭންޑް ސްލޭމް މުބާރާތުގެ ސިންގަލްސް ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި އޭނާ އަކީ ފްރެންޗް އޯޕަން ފައިނަލަށް ދަތުރުކުރި ފުރަތަމަ ނޯވޭގެ ޓެނިސް ކުޅުންތެރިޔާ ވެސް މެ އެވެ.

ޗިލިޗް އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް ކާމިޔާބު ކުރި ނޯވޭގެ ރޫޑް.-- ފޮޓޯ: އޭއެފްޕީ

ޗިލިޗް އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް ކާމިޔާބު ކުރި ނޯވޭގެ ރޫޑް.-- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން 2014 ގެ ޔޫއެސް އޯޕަން ކާމިޔާބު ކުރި ޗިލިޗް، 33، ވަނީ 2017 ގެ ވިމްބެލްޑަން އާއި ޖެހިގެން އައި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އަތުން ބަލިވެފަ އެވެ.

"ރަފާ (ނަޑާލް) އަކީ އަހަރެންގެ އައިޑޮލް. އޭނާއަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން އަހަރެން ނުކުޅޭ ހަމައެކަނި ކުޅުންތެރިޔާ. ގްރޭންޑް ސްލޭމް ފައިނަލެއްގައި އޭނާއާ ދެކޮޅަށް ކުޅެން މިއީ އެންމެ ރަނގަޅު ވަގުތު. އެއީ އަހަރެންނަށް ވަރަށް ހާއްސަ ވަގުތުކޮޅަކަށް ވާނެ،" ސްޕެއިންގައި ހުންނަ ރަފައެލް ނަޑާލް އެކަޑަމީގައި 2018 އިން ފެށިގެން ތަމްރީނު ހޯދަމުން އަންނަ ރޫޑް ބުންޏެވެ.

"އޭނާ (ނަޑާލް) ކުޅޭނީ އޭނާގެ އެކަޑަމީގައި ތަމްރީނު ކުރާ ދަރިވަރަކާ. މިއީ އަބަދުވެސް އަހަރެން ދެކެމުން އައި ހުވަފެނެއް."