Roadha Mihaaru
ފްރެންޗްއޯޕަން 14 ވަނަ ފަހަރަށް ނަޑާލް ކާމިޔާބުކޮށްފި

ނަޑާލްގެ އެކަޑަމީގެ ކުޅުންތެރިޔާ ރޫޑް ބަލިކޮށް ނަޑާލް ފްރެންޗު އޯޕަން ކާމިޔާބުކޮށްފި

06 ޖޫން 2022

ޕެރިސް (ޖޫން 5) - ސްޕެއިންގައި ހުންނަ ރަފޭލް ނަޑާލްގެ އެކަޑަމީގައި ތަމްރީނު ހަދަމުން އަންނަ ކެސްޕާ ރޫޑް ބަލިކޮށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި އެވެ.

ޕެރިސް (ޖޫން 5) - ސްޕެއިންގައި ހުންނަ ރަފޭލް ނަޑާލްގެ އެކަޑަމީގައި ތަމްރީނު ހަދަމުން އަންނަ ކެސްޕާ ރޫޑް ބަލިކޮށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި އެވެ.

އެކާމިޔާބާއެކު ނަޑާލް ވަނީ 14 ވަނަ ފަހަރު މުބާރާތް ކާމިޔާބު ކޮށް، އޭނާގެ 22 ވަނަ ގްރޭންޑް ސްލޭމް ޓްރޮފީ ހާސިލް ކޮށްފަ އެވެ.

ނަޑާލް ވަނީ 2005 އިން ފެށިގެން މިއަހަރުގެ ފްރެންޗް އޯޕަން މުބާރާތުގެ ފައިނަލަށް ދަތުރުކުރި 14 ފަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ނަޑާލް ކެޓީ މުބާރާތް ކާމިޔާބު ކުރި ޖޮކޮވިޗް އަތުން ބަލި ވެގެންނެވެ. ނަމަވެސް ފަސްވަނައަށް ސީޑް ކުރެވުނު ނަޑާލް މިއަހަރުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ގައި ޖޮކޮވިޗް ބަލި ކޮށްގެންނެވެ.

އަށްވަނައަށް ސީޑް ކުރެވުނު ރޫޑް، 23، އާ ދެކޮޅަށް ކުޅުނު ފައިނަލުގައި ނަޑާލް ސެޓްތައް ގެންދިޔައީ 6-3، 6-3، އަދި 6-0 އިންނެވެ. މިއާ އެކު ނަޑާލް އަށް ވަނީ ވާދަވެރި ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އާއި ސާބިއާގެ ނޯވަކް ޖޮކޮވިޗަށް ވުރެ އިތުރަށް ދެ ގްރޭންޑް ސްލޭމް ޓައިޓަލް ކާމިޔާބު ކޮށްފަ އެވެ.

"މިހެން ކުރިއަށް ދާން ވަރަށް ހަކަތަ ބޭނުންވޭ. އަހަރެން ބޭނުމީ ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލަން. އަހަރެންނަކަށް ނޭނގޭ ކުރިޔަށް އޮތްތާންގައި ކަންތައް ވާނެ ގޮތެއް، އެކަމަކު މިގޮތުގައި ކުރިއަށް ދާން މަސައްކަތް ކުރާނަން،" ނަޑާލް ބުންޏެވެ.

ނަޑާލް (ވ) އަދި ފައިނަލުގައި ދެކޮޅަށް ވާދަކުރި ރޫޑް (ކ).-- ފޮޓޯ: އޭއެފްޕީ

ނަޑާލް (ވ) އަދި ފައިނަލުގައި ދެކޮޅަށް ވާދަކުރި ރޫޑް (ކ).-- ފޮޓޯ: އޭއެފްޕީ

މިއީ ނޯވޭ އަށް ނިސްބަތްވާ ރޫޑް އާއި ނަޑާލް ވާދަކުރި ފުރަތަމަ ޕްރޮފެޝަނަލް މެޗެވެ. އޭގެ އިތުރުން ރޫޑް ވާދަކުރި ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް ވެސް މެއެވެ.

"އަހަރެމެންނަށް އެނގޭ ތިއީ މޮޅު ޗެމްޕިއަނެއްކަން، އަދި ފައިނަލެއްގައި (ނަޑާލްއާ) ދެކޮޅަށް އަހަރެންނަށް ކުޅުމުގެ ތަޖުރިބާ ވެސް ކުރެވިއްޖެ،" ގައިނަލް މެޗަށް ފަހު ރޫޑް ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ނަޑާލްގެ ފަޔަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާ ރިޓަޔާ ކުރަން ޖެހިދާނެ ކަމަށް ހީކުރެވުނަސް އޭނާ ވަނީ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް؛ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް 21 ގްރޭންޑް ސްލޭމް ޓައިޓަލް ހަމަ ކޮށްފަ އެވެ. އަދި އޭގެ ފަހުން އޭނާގެ މޭ ކަށިގަނޑުގައި ރެނދެއް ލައިގެން ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އެނބުރި އައިސް މިދިޔަ މެއި މަހު އޮތް އިޓާލިއަން އޯޕަން ގައި އަނެއްކާ ވެސް އޭނާގެ ފައިގެ މައްސަލައެއް ދިމާވި އެވެ.

ނަޑާލް އަށް 36 އަހަރު ފުރުނުތާ ދެ ދުވަސް ފަހުން މިރޭ ކުޅުނު ފައިނަލްގެ ކާމިޔާބީއާ އެކު އޭނާ ވެފައި ވަނީ ފްރެންޗް އޯޕަން ކާމިޔާބުކުރި އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބު ކުރި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ 34 އަހަރުގައި 1972 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ސްޕެއިންގެ އަންޑްރެސް ގިމެނޯ އަތުގަ އެވެ.

އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ކާމިޔާބުކުރީ ދުނިޔޭގެ އަންހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ޕޮލެންޑްގެ އީގާ ސްވިއަޓެކް އެވެ. އޭނާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމެރިކާގެ 18 އަހަރުގެ ކޯކޯ ގޯފްގެ މައްޗަށް 6-1 އަދި 6-3 އިން ކުރި ހޯދައިގެންނެވެ.

މިއީ އުމުރުން 21 އަހަރުގެ ސްވިއަޓެކް ކާމިޔާބުކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މިއާ އެކު އޭނާ މިއަހަރު އެންމެ ފަހުން ވާދަކުރި ހަ މުބާރާތް ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ފްރެންޗް އޯޕަން ފައިނަލަކީ ގޯފްގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ.