Roadha Mihaaru
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ

ކްލޭ ކޯޓުގެ ރަސްގެފާނު ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ

28 މެއި 2024

ޕެރިސް (މެއި 28) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ރެކޯޑް އަދަދު ކަމަށްވާ 14 ފަހަރު ހޯދާފައިވާ ސްޕޭންގެ ރަފައެލް ނަޑާލް، މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި އެވެ.

ޕެރިސް (މެއި 28) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ރެކޯޑް އަދަދު ކަމަށްވާ 14 ފަހަރު ހޯދާފައިވާ ސްޕޭންގެ ރަފައެލް ނަޑާލް، މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި އެވެ.

އަންނަ ހޯމަ ދުވަހު 38 އަހަރު ފުރޭ ނަޑާލް އިއްޔެ ކުޅުނު ފުރަތަމަ ބުރުގެ މެޗުން ބަލިވީ، ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް ޖަރުމަންގެ އަލެކްސެންޑަ ޒްވެރޭވްއާ ވާދަކޮށް 6-3، 7-6 (7-5)، 6-3 އިންނެވެ.

"އަނެއްކާވެސް ބައްދަލުވާނެ ކަމަށް އުންމީދު ކުރަން، އެކަމަކު ނޭނގެ،" އިއްޔެ ސީދާ ސެޓުން ބަލިވި މެޗަށްފަހު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އިމޯޝަނަލް ވެފައި ހުރި ނަޑާލް ބުންޏެވެ.

"އަހަރެން މިތަނަށް (ފްރެންޗް އޯޕަން އަށް) އެނބުރި ނައުން ގާތް، އެކަމު 100 ޕަސެންޓް ޔަގީން ކަމާއެކު ނުބުނެވޭނެ. ނަމަވެސް މި ކޯޓުގައި (ރޮލެންޑް ގެރޯސް ގައި) އޮލިމްޕިކްސް (މިއަހަރު) ކުޅެން އުންމީދު ކުރަން، އެއީ އަހަރެންނަށް މިވަގުތު ލިބޭ މޯޓިވޭޝަނަކީ."

ނަޑާލް އެންމެ ފުރަތަމަ ފްރެންޗް އޯޕަންގައި ވާދަ ކޮށްފައި ވަނީ 2005 ވަނަ އަހަރެވެ. އެ އަހަރު ވެސް ރޮލެންޑް ގެރޯސްގެ ކްލޭ ކޯޓުގައި ތަށި ހޯދީ އޭނާ އެވެ.

އިއްޔެގެ މެޗަކީ އޭނާ މުބާރާތުގައި މިހާތަނަށް ކުޅުނު ޖުމްލަ 116 މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ބުރުން އޭނާ ވަކިވީ މެޗުގެ ކުރިން، އޭނާގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މިއަހަރުގެ ފްރެންޗް އޯޕަން އަކީ، މިދިޔަ އަހަރު އޮތް ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފަހު ނަޑާލް ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ތަށި ދިފާއު ކުރަން ނުކުތް ނަމަވެސް އޭނާ މުބާރާތުން ވަކިވާން ޖެހުނީ ދެވަނަ ބުރުގެ މެޗުތެރޭން އޭނާ އަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެންނެވެ.

އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ނަޑާލް އަށް ގެއްލުނު އިރު، އެންމެ ފަހުން އޭނާ ރޮލެންޑް ގެރޯސްގައި ކުޅުނީ 2022 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތް ކާމިޔާބު ކުރިއިރު ސެމީ ފައިނަލްގައި ވާދަކުރީ ޒްވެރޭވް އާއެވެ. ނަޑާލް އަށް ފައިނަލުން ފުރުސަތު ލިބުނީ މެޗު ތެރޭން ޒްވެރޭވްގެ ފައިގެ ކުޑަހުޅު ވިދިގެން މެޗު ކުރިޔަށް ގެންދެވޭގޮތް ނުވެގެންނެވެ.

ނަޑާލް ވަނީ މިހާތަނަށް 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފަ އެވެ. ކުރީގެ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ އަނިޔާގެ ސަބަބުން މި އަހަރުގެ މުބާރާތާ ކުރިމަތިލިއިރު އޮތީ ރޭންކިންގެ 275 ވަނައިގަ އެވެ.