Roadha Mihaaru
ފަނޑިޔާރު ހަމީދު ވަކިކުރަން ފާސްކޮށްފި

ކޮމިޓީގެ ނިންމުމާ ހިލާފަށް ފަނޑިޔާރު ހަމީދު ވަކިކުރަން ނިންމައިފި

06 ޖޫން 2022

ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރު ހަމީދާއި ހައި ކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމް އާ ގުޅޭ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން އެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ފަނޑިޔާރުންނަށް ޖޭއެސްސީގެ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަށްޓަކައި އަލުން ޖޭއެސްސީ އަށް އެ މައްސަލަ ފޮނުވުމަށެވެ.

މައްސަލަ އަނބުރާ ފޮނުވާލަން ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 48 މެމްބަރަކު ވޯޓު ދެއްވީ ކޮމިޓީ ރިޕޯޓް ފާސް ނުކުރުމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވާލަން 18 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ރިޕޯޓު ފާސް ނުވުމުން ރިޔާސަތުން ވޯޓަށް އެހީ ފަނޑިޔާރު ހަމީދު ވަކި ކުރުމާ ގުޅޭ ގޮތުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށެވެ. އޭނާ ވަކި ކުރަން ފެންނަ ކަމަށް 58 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމް ވަނީ މައްސަލަ މަޖިލީހަށް ފޮނުވުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ޖުޑީޝަރީ ކޮމިޓީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކޮމިޓީން ނިންމި ގޮތަށް އެ މައްސަލަ އަނބުރާ ފޮނުވާލަން ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ.

ނަމަވެސް ޖޭއެސްސީގައި މަަޖިލިސް ތަމްސީލް ކުރައްވައި އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ޖޭއެސްސީން މިހާތަނަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށާއި އެ ހުރިހާ ރިޕޯޓެއްގައި ވެސް މައްސަލަތައް ތަހުގީގު ކޮށްފައި ވަނީ އެއް އިޖުރާއަތެއްގެ މައްޗަށް ކަމަށެވެ. އަދި ގާނޫނުގައި ބަޔާން ކޮށްފައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"މި މައްސަލަ ފިޔަވައި އެ 99 ރިޕޯޓުން އެއްވެސް ރިޕޯޓެއް ނެތް އިޖުރާއަތާ ހިލާފަށް ޖޭއެސްސީން އަމަލު ކުރި ކަމަށް [މަޖިލީހުގެ ކޮމިޓީން] ބަޔާން ކޮށްފައެއް،" ހިސާން ވިދާޅުވި އެވެ.

"އިޖުރާއަތްތަކާއި ހަމަތަކަކީ ވަކި މީހަކަށް ވަކި މައްސަލައަކަށް އަމަލު ކުރަން ޖެހޭނެ އެއްޗެއް ނޫން އެއީ އެންމެނަށް އެއް ހަމަޔަކުން އެއް އުސޫލަކުން އަމަލު ކުރަން ޖެހޭނެ އެއްޗެއް."

ޖުޑިޝަރީ ކޮމިޓީގެ މެމްބަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީ އަށް ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ހުށަހެޅުމުން އެ ކޮމިޝަނުން އެކުލަވައިލި ފުރަތަމަ ކޮމިޓީން ނިންމީ ފަނޑިޔާރުން ވަކި ނުކޮށް އިދާރީ ފިޔަވަޅެއް އެޅުމަށް ކަމަށެވެ. އެ ނިންމުން ބޭއްވުމަށް ފަހު އަލުން އެހެން ކޮމިޓީއެއް އެކުލަވައިލުމުން ދެ ވަނަ ކޮމިޓީން ވެސް ނިންމީ ފަނޑިޔާރުން ވަކި ނުކުރުމަށެވެ.

ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ފަނޑިޔާރުން ވަކި ކުރުމަށް ކަމަށް އަލީ ވިދާޅުވި އެވެ. ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ގޮތުން އެންމެ ފަހުން އެކުލަވައިލި ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ވާހަކަ ޖޭއެސްސީން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވި ސިޓީގައި އެއްބަސްވެފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"ފަނޑިޔާރުންނަކީ އިޖުރާއީ އަދުލުވެރިކަން ހައްގު ނޫން ބައެއް ކަމުގައި މި މަޖިލީހުން ނިންމާ ކަމަށް ވާނަމަ އަޅުގަނޑު ހަމަ މައާފާއެކު ދަންނަވާލަން ޖެހެނީ ތިބޭފުޅުންނެކޭ 18 ވަނަ މަޖިލީހެކޭ އެއްވެސް ތަފާތެއް ނެތް،" އަލީ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ފަނޑިޔާރުން ވަކި ކުރުމަށް މިހާރު ވެސް އެ ފަނޑިޔާރުން ވަކި ކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

"ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކާއިރު ވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މި އޮތީ ތްރީ ލައިން ވިޕު އަޅާފައި ކޮމިޓީ ރިޕޯޓު ބަލައި ނުގަނެ ފަނޑިޔާރުން ވަކި ކުރަން ނިންމައިފަ،" ޝިޔާމް ވިދާޅުވި އެވެ.