Roadha Mihaaru
"ރިޔާސީ ބަޔާނުގައި އޮތީ ކުރީ ސަރުކާރުގެ މަސައްކަތް"

އިދިކޮޅުގެ ޖަވާބު: ރިޔާސީ ބަޔާނުގައި އޮތީ ކުރީ ސަރުކާރުގެ މަސައްކަތް

19 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރެއްވި ގިނަ ކަންކަމަކީ ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރެއްވި ގިނަ ކަންކަމަކީ ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ވެރިކަމާ ހަވާލުވުމާށް ފަހު، ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ހަރަދަށް ޒިންމާވާ ގާނޫނުގައި އެމްއެމްއޭ މެދުވެރިކޮށް ޕަބްލިކް ބޭންކް އޯވަ ޑްރޯ ކުރެވޭ ކުރެވޭ މާއްދާ ސަސްޕެންޑް ކޮށްފައި ވަނީ ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ކަމަށެވެ.

އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ނިންމާފައިވާ ނިންމުމެއް ކަމަށާއި މި ސަރުކާރުން އެހެން ގޮތަކަށް އަމަލު ކުރަން ބޭނުން ވިޔަސް މަޖިލީހުގެ ހުއްދައަކާ ނުލައި ކުރެވޭނެ ކަމެއްނޫން ކަމަށް ބިގޭ ވިދާޅުވި އެވެ.

ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރު އެޅުމާއި މަރާމާތު ކުރަން ލޯނު ދޫކުރާނެ ވާހަކަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އިރު އެއީ ކުރީގެ ސަރުކާރުން ނިންމައިގެން ފަށާފައިވާ މަސައްކަތެއް ކަމަށް ބިގޭ ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންގެ ފްލެޓުން ކުލި ކުޑަ ކުރައްވާނެ ކަން އިއުލާން ކުރެއްވި އިރު އެއީ ވެސް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަން ރައީސް އަށް އެނގިވަޑައިނުގެންނެވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް ދެ ބިލިއަން ޓޫރިސްޓުން ޒިޔާރާތް ކުރައްވާނެ ވާހަކަ ރައީސް ވިދާޅުވި އިރު އެއީ ތިން މަހުގެ ތެރޭގައި ކުރި މަސައްކަތެއް ނޫން ކަމަށާއި އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގެ ތެރޭގައި ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

"ބޭހުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ވަސީލަތްތައް ފޯރުކޯށްދި ނޭޝަނަލް ހެލްތު ލެބޮޓަރީ ގާއިމް ކުރުމަށް ސޮއި ކުރީ އެމްޑީޕީ ސަރުކާރުން. ޑްރޯން ޑެލިވަރީ ނިޒާމް ވެސް ތައާރަފް ކުރީ އެމްޑީޕީ ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަން ރިޔާސީ ބަޔާނުގައި އިއުލާން ކުރެއްވި އިރު އެ ބިލް ކުރީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

"ހަގީގަތްތައް އޮޅުވާލައި ކަންކަން ފޮރުވަން ފަށައިފި"

ރިޔާސީ ބަޔާނުގައި ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް ފޮރުވުމެއް ނެތި ބަޔާން ކުރަން ޖެހޭ އިރު ރައީސް މުއިއްޒު އިއްވެވި ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއެކު ބަޔާން ނުކުރާ ކަމަށް ބިގޭ ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތާއި ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތް އެ މަނިކުފާނު ބަޔާން ކުރެއްވީ ދޮގު މައުލޫމާތާއި ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރާއި 2026 ވަނަ އަހަރު ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް ކުރީގެ ސަރުކާރުން އެކުލަވާލައި އާންމު ކޮށްފައިވީ ނަމަވެސް ރިޔާސީ ބަޔާން ނިންމައިލެއްވިއިރު، ދަރަނި އަދާ ކުރާނެ ގޮތުގެ ސީރިއަސް ޕްލޭނެއް މި ސަރުކާރުގައި އޮތް ކަން ވެސް ފާހަގަ ނުކުރައްވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

ހާމަކަން ބޮޑު ސަރުކާރެއް އުފައްދަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާއި ދައުލަތުގެ ހަރަދުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މައުލޫމާތު ޝާއިއު ކުރުން ވެސް ހުއްޓާލާފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުމުގެ އިތުރުން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސް އަޅާނެ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

ބިގޭ ވަނީ ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ކުރީ ސަރުކާރުން ރަށްރަށުގައި ފެށި މަޝްރޫއުތަކާއި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ވެސް އަލުން މި ސަރުކާރުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ ވާހަކަ ދައްކައިގެން ވެރިކަމަށް ވަޑައިގަތް ނަމަވެސް އެ ސިފައިންނާ ބެހޭ އެއްވެސް މައުލޫމާތެއް ރިޔާސީ ބަޔާނުގައި ނުދެއްވާ ކަމަށް ބިގޭ ވިދާޅުވި އެވެ. އޭގެން އެނގެނީ ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިން ރާއްޖޭގައި ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.