Roadha Mihaaru
ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުކަމުގެ ހުއްދަ ބާތިލް

ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުކަމުގެ ހުއްދަ ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

07 ޖޫން 2022

ފަނޑިޔާރުކަމުން ވަކިކުރާ މީހުންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުކަމުން ވަކިކުރާ މީހުންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަ ގޮތުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމާއެކު، އެ މީހެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން އަލުން ލިބޭނެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މަގާމާ އެކަށީގެންނުވާ އަމަލެއް ކޮށްގެން އެ މީހަކު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާނެ އެވެ.

އެ ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރުކަމުން ވަކިކުރާ މީހުންނަށް ދުވަހަކު ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުދެވޭނެ އެވެ. އެކަމަކު އެ ނޫން ހާލަތުތަކުގައި މަގާމުން ވަކިކުރާތާ ފަސް އަހަރުވުމުން އަލުން އެދެފި ނަމަ ހުއްދަ ދެވިދާނެ އެވެ.

އެ ބިލުގައިވާ ގޮތުން، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް އިސްތިއުފާ ދެއްވިޔަސް، އެ އުސޫލު ހިނގާނެ އެވެ.

މަގާމުން ވަކިކުރި ފަނޑިޔާރުންނާއި ވަކިކުރަން ނިންމާފައި ވަނިކޮށް، އިސްތިއުފާ ދެއްވި ގިނަ ބޭފުޅުން މިހާރު ކޯޓުތަކުގައި ވަކާލާތު ކުރެ އެވެ. އިއްޔެ ވެސް މަޖިލީހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކޮށްފަ އެވެ.