Roadha Mihaaru
އޮޑިޓާ އެއްގޮތަށް ރަށްތަކުން ހަމައަގު ހޯދާނެ: ރައީސް

ހިޔާނާތުގެ ރަށްތަކުގެ ހަމަ އަގުގެ އޮޑިޓާ އެއްގޮތަށް ފައިސާ ހޯދާނެ: ރައީސް

09 ޖޫން 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ނުއަގުގައި ދޫކޮށްފައިވާ ރަށްތަކުގެ ހަމަ އަގު ހޯދަން އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓެއް ހަދާފައިވާ ކަމަށާއި އެ އަގުތަކާ އެއްގޮތަށް އޭސީސީން ހަމަ އަގު ހޯދުމުގެ މަސައްކަތްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ނުއަގުގައި ދޫކޮށްފައިވާ ރަށްތަކުގެ ހަމަ އަގު ހޯދަން އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓެއް ހަދާފައިވާ ކަމަށާއި އެ އަގުތަކާ އެއްގޮތަށް އޭސީސީން ހަމަ އަގު ހޯދުމުގެ މަސައްކަތްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ދޫކުރި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ރަށްތަކުގެ ހަމައަގަކީ ކޮބައިތޯ ބަލަން އޮޑިޓް އޮފީހުން ވަނީ ވެލުއޭޝަން އޮޑިޓެއް ހަދައިފަ އެވެ. ރައީސް އޮފީހުން މިހާރު ވަނީ އޭސީސީއަށް އެ އޮޑިޓް ފޮނުވައިފަ އެވެ.

މި ރަށްތަކުގެ ވެލުއޭޝަނެއް އޮޑިޓް އޮފީހުން ހެދީ ހިޔާނާތް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސަށް އެރުވި ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި، ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް، ހަމައެއްލަމައެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.

"އޭސީސީން ދެން މިހާރު ކުރަމުންދާނެ ކަމަކީ އެއާ އެއްގޮތަށް ފައިސާ ދައްކާފައި ނެތް ކަމަށް ވަންޏާ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޔާނާތުން ފައިދާވި މީހުންގެ ލިސްޓެއް ޝައްކު ކުރެވޭ މީހުންނާ އެކު ހާމަވެގެން ދިޔަ ކަމަށާއި އެ ލިސްޓު ހާމަވީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އެކަމާ ގުޅިގެން ތަހުގީގަށް ހުރަސްތަކެއް އެޅިގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވދިާޅުވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނާ ހަވާލުކުރި އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ އެކަށީގެންވާ ސްޕީޑުގައި ނުބެލުނެވެ. އެކަމަކު އެ ކޮމިޝަނުން ވެސް ރަނގަޅު މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ފަދަ ހިޔާނާތެއް ހިނގިޔަ ނުދިނުމަށް ނިޒާމުގައި ހުރި ކަންކަން އިސްލާހުކުރަން ވަކިވަކި މުއައްސަސާތަކުން އިސްލާހުކުރަން ފެންނަ ކަންކަމުގެ ލަފާތައް އެސެޓް ރިކަވަރީ ކޮމިޝަނުން ދީފައި އެބަހުރި ކަމަށައި އެކަން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުން ވަނީ އެކަމެއް ނޫން ކަމަށާއި އެދެނީ ހަމަ އަގު ހޯދުމާއި ފައިދާ ލިބުނު މީހުން ހޯދުން ކަމަށް ވިދާޅުވި އެވެ.

"އެ ދަތި އުނދަގޫ މަސައްކަތް އަޅުގަނޑު މި އުއްމީދުކުރަނީ އޭސީސީން ކުރިއަށް ވުރެން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށް. އަޅުގަނޑު ޔަގީންކަން މިދެނީ އޭސީސީއަށް ވެސް ދެން ހުރި މުއައްސަސާތަކަށް ވެސް ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަން ދޭން ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް އެ ހިޔާނާތާ ގުޅިގެން ސިއްރެއް ނުކުރައްވާނެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތައް އަތުލަން ޖެހެ އެވެ. އެއީ، އެމްއެމްޕީއާރުސީގެ ޑީލްތަކުގައި ރަށްތައް ހޯދާފައި ވަނީ ނުއަގުގައި ކަން އެ ހޯދި ފަރާތްތަކަށް ވެސް އެނގޭނެތީ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި އެ ރަށްތައް ލިބުނު މީހުން އޭސީސީގެ ރިޕޯޓުން އެނގެން އޮތް އިރު، މި ޚިޔާނާތުގައި އެ ފަރާތްތައް ވެސް ކުށްވެރިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ވެސް ކުރިން ބުރަވެ އަދި ސަރުކާރަށް ގޮވާލާފައި އޮތީ ރަށްތައް އަތުލުމަށެވެ.

އެކަމަކު، ހިޔާނާތުގެ ތެރެއިން ދޫކުރި ބައެއް ރަށްތައް ނިންމައި މިހާރު ވަނީ އޮޕަރޭޓްކުރަން ފަށައިފަ އެވެ. އިންވެސްޓަރުންގެ އިތުބާރު ވެސް ދަމަހައްޓަން ޖެހޭއިރު، އެގޮތަށް ރަށްތައް ދައުލަތަށް ނެގިދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.