Roadha Mihaaru
އެމްއެމްޕީއާރުސީ މައްސަލާގައި ނާޒިމްއާ ސުވާލުކޮށްފި

އެމްއެމްޕީއާރުސީ މައްސަލާގައި އޭސީސީން ނާޒިމްއާ ސުވާލުކޮށްފި

21 ޖޫން 2023

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެ ފަހަރެއްގެ މަތިން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ދެ ފަހަރެއްގެ މަތިން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އިއްޔެ އާއި މިއަދު ނާޒިމް ކޮމިޝަނަށް ހާޒިރުކުރި އެވެ. މިއީ، ނާޒިމް ސިފަކުރެއްވި ގޮތުގައި، ސަރުކާރުން އޭސީސީއަށް ނުފޫޒު ފޯރުވައިގެން އޭނާއަށް ބިރު ދެއްކުމެވެ.

ނާޒިމް ހާޒިރުކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފުނުވިޔަސް އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ބުނެ ގިނަ ބައެއްގެ މައްސަލަ ބަލަމުންދާއިރު، ނުއަގުގައި ވިއްކާލި ފަޅުތަކާއި ރަށްތަކުގެ މައްސަލަ ވެސް އޭސީސީން ތަހުގީގުކުރެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭސީސީއަށް ހާޒިރުކުރީ 2014 އިން 2015 އަށް ހިންގި ހިޔާނާތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ މައްސަލައެއްގައި މައުލޫމާތު ސާފުކުރަން ކަމަށް ބުނެ ކަމަށެވެ.

މީގެ 9 އަހަރު ކުރިން ހިނގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ މި ހާޒިރުކުރީ ސިޔާސީ ގޮތުން އަގު ވައްޓާލުމުގެ އިތުރުން ރައްޔިތުން ކުރާ ތާއީދު ކަނޑުވާލަން ބައެއްގެ ނުފޫޒުންނެވެ.

"މިއީ ސީދާ ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ފަހަތުގައި އޮވެގެން ކުރާ ކަމެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ނާޒިމްގެ ބަޔާނުގައިވެ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކި ފެންވަރުގެ މަގާމްތައް އަދާކުރައްވާތާ 30 އަހަރަށް ވުރެން ގިނަވި އިރު ދައުލަތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައެއް ނުވާނެ އެވެ. މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގާ މި އަމަލު ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ގޮވާލެއްވީ އެކި ގޮތްގޮތުން އިންތިހާބަށް ނުފޫޒު ފޯރުވުން ސަރުކާރުން ހުއްޓާލުމަށެވެ. އަދި ނުފޫޒުން އެއްކިބާވެ އޭސީސީ ވެސް ޒިންމާއަދާކުރަން އޭނާ ގޮވާލެއްވި އެވެ.