Roadha Mihaaru
ރިޕޯޓް ނެރުން ލަސްވުމުން ރައީސްގެ ސުވާލު އޭސީސީއަށް

އޭސީސީގެ ރިޕޯޓް އާންމު ކުރުން ލަސްކުރީ ކީއްވެގެންތޯ ވިދާޅުވެ، ރައީސް ސުވާލު އުފައްދަވައިފި

14 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ރިޕޯޓް ތިން އަހަރު ވަންދެން ހާމަނުކޮށް ބޭއްވީ ކީއްވެގެންތޯ ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސުވާލު އުފައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ރިޕޯޓް ތިން އަހަރު ވަންދެން ހާމަނުކޮށް ބޭއްވީ ކީއްވެގެންތޯ ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސުވާލު އުފައްދަވައިފި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް އޭސީސީން އާންމުކުރީ މިއަދެވެ. ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމިތާ ދެ އަހަރު ވީއިރު ވެސް، އެ ރިޕޯޓް އޭސީސީން އާންމުނުކޮށް އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮތުމުން ގިނަ ބައެއްގެ ފާޑު ކިޔުން ކުރިން އެކަމަށް އަމާޒުވި އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރައްވާ ޖީހާން މަހްމޫދްގެ ކެމްޕެއިން ލޯންޗް ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަނަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ. އޭސީސީގެ ތަހުގީގު ރިޕޯޓް މިއަދު އާންމު ކުރި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމަކު ތިން އަހަރު ވަންދެން އެ ރިޕޯޓް ހާމަ ނުކޮށް ބޭއްވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސުވާލަކީ ތިން އަހަރު ގާތްގަނޑަކަށް. ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެގެންތޯ؟. މިއަދު ތޯ އެ އިއުލާން ކުރަންވީ؟ އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ ހުރިހާ ފަރާތްތަކަށް ވެސް، މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މިއަދު ވެސް އަޅުގަނޑުމެން މި އައީ އޭގެ ކަންތައްތަކެއް ކޮށްފައި." ރައީސް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް އެ ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރެއްވުމެވެ.

އެ ދެބޭފުޅުން މަގާމުތަކުން ސަސްޕެންޑް ކުރީ މައްސަލަ ބަލައި ނިމެންދެނެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް މިރޭ ވިދާޅުވީ ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށާއި އެއީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ.