Roadha Mihaaru
ބޮޑު ހިޔާނާތުގެ 5 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް

އެމްއެމްޕީއާރުސީގެ ހިޔާނާތް: ބޮޑު ފަސް މައްސަލައެއް މަޝްވަރާއަށް ޕީޖީއަށް

06 އޮކްޓޯބަރ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޮޑު ފަސް މައްސަލައެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައި ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޮޑު ފަސް މައްސަލައެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައި ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ ވިދާޅުވީ ތަހުގީގަށް ފަހު މަޝްވަރާތައް ފެށި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ފަރުދުންގެ މައްސަލަތައް ހިމެނޭ ކަމަށެވެ. ޕީޖީއާ އެކު މަޝްވަރާއަށް ފަހު މި މައްސަލަތަކުގެ ތަފްސީލް ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކެއްގައި ދައުވާކުރުމާ ހިސާބުގައި އޮތްއިރު، އޭސީސީން އެކަނި މި ތަހުގީގު ފެށީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލައި ހުރިހާ މަސައްކަތްތަކެއް ހަވާލުކުރުމުންނެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވެ އެވެ.

މި ތަހުގީގުގައި އޭސީސީން އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އޭސީސީން ވަނީ އެސެޓް ރިކަވާ ކުރުމާ ގުޅޭ ދިރާސާއެއް ވެސް ހަދައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖޮއިންޓް ތަހުގީގު ހިންގިއިރު ހިޔާނާތުގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެ އެވެ. ފަހުން މަޖިލީހުން ވަނީ މި ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދައި ނަންތަކާއި ފައިސާ ޖަމާވި ވަރުގެ ތަފްސީލް ވެސް އާއްމުކޮށްފަ އެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަނުން އޭރު ބުނެފައި ވަނީ ލިސްޓުގައި ތިބި އެންމެންނަކީ ހިޔާނާތުގެ ބައިވެރިން ނޫން ކަމަށެވެ. އެ ކޮމިޝަން އުވާލަން ޖެހުނީ މި މައްސަލަތައް އެކަށީގެން ގޮތެއް ނުބެލި ލަސްވި ކަމުގެ ފާޑުކިއުންތަކާ އެކުގަ އެވެ.