Roadha Mihaaru
ވިލިމާލެ ބީޗުގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލަނީ

ވިލިމާލެ އިރުމަތީ ބީޗުގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލައި، އެކަމަށް ހަރުގެއެއް ހަދަނީ

10 ޖޫން 2022

ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލެ އިރުމަތީ ފަރާތު ބީޗުގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ޖަލްސާގައި އެގޮތަށް ނިންމީ، މާލެ، ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށް، ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު، އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

ފައިބަރު ބަންނަ ސަރަހައްދު، ވިލިމާލޭގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން، އެ ސަރަހައްދުގައި ހެދިފައި އޮތް ގަސްތަކަށާއި ބީޗަށް ވަރަށް ބޮޑު ގެއްލުމެއް ލިބުމުން، ތިމާވެށި ހިމާޔަތްކުރަން އަޑުއުފުލާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އިން ވަނީ އެ ސަރަހައްދުގައި ސިލްސިލާ އެއްވުންތައް ބާއްވައި، ސޯޝަލް މީޑިއާގައި ވެސް އެކަމާ ދެކޮޅަށް ކެމްޕެއިނެއް ހިންގައިފަ އެވެ.

ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމީ، ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށެވެ.

އެ ހަރުގެ ހަދާނީ ވިލިމާލެ ވެމްކޯ ސަރަހައްދުގައި ކަމަށާއި އަދި އެގޮތަށް ނިންމީ، އެ ސަރަހައްދަށް ފައިބަރު މަސައްކަތް ކުރުން ބަދަލުކޮށްދިނުމަށް، ޕްލޭނިން މިނިސްޓްރީން ވެސް އެ ކައުންސިލްގައި އެދިފައި ވާތީ ކަމަށް ބުންޏެވެ. އަދި އެ ހަރުގެ ހަދާނީ ކުލި ނެގޭ ގޮތަށް ކަމަށް ވެސް ބުންޏެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދުމަށް ވެސް ސިޓީ ކައުންސިލުން އެ ދުވަހު ނިންމި އެވެ.

"ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ސަރުކާރަށް ދަންނަވަން މާލެ ސިޓީ ކައުންސިލުން ނިންމައިފައި ވަނީ ފައިބަރު މަސައްކަތަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވުމާއި މިހާރު އެ މަސައްކަތްކުރަމުން އަންނަ ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާތަކުން އެކަމާއި ކަންބޮޑުވުން ހިއްސާކުރުމާއި ގުޅިގެންނެވެ،" އެ ކައުންސިލްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ވިލިމާލެ އިރުމަތީ ފަރާތު ބީޗަކީ މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ މީހުން މޫދަށް އެރުމަށާއި ޕިކްނިކް ދިއުން ކަހަލަ ކަންކަމަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ތަނެކެވެ. ބްރިޖުގެ މަސައްކަތާ އެކު، އެ ބީޗަށް ގެއްލުންވަމުން ދާތީ އާންމުންގެ ކަންބޮޑުވުންތައް ގިނަ އެވެ.