Roadha Mihaaru
ސޭވް ދަ ބީޗްގެ ހެޑްކުއާޓާ ރޫޅާލުމުން ކަންބޮޑުވުން

ވިލިމާލޭގައި ހުންނަ ސޭވް ދަ ބީޗް ޖަމިއްޔާގެ ހެޑްކުއާޓާ ރޫޅާލުމުން ކަންބޮޑުވުން

14 އެޕްރީލް 2024

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ބީޗް" އަށް ވިލިމާލެއިން ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އެ ޖަމިއްޔާގެ ހެޑްކުއާޓާ ރޫޅާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ބީޗް" އަށް ވިލިމާލެއިން ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އެ ޖަމިއްޔާގެ ހެޑްކުއާޓާ ރޫޅާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"ސޭވް ދަ ބީޗް" އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާ އަށް ވިލިމާލެއިން ދޫކޮށްފައިވާ ބިމުގައި ގާއިމްކޮށްފައިވާ ހެޑްކުއާޓާ ރޫޅާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން އެއްވެސް އެންގުމަކާ ނުލައި މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާގެ ހެޑްކުއާޓާ ހަދާފައި ވަނީ ވިލިމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތަށް އޮކްޓޯބަރު 2012 ގައި އެ ޖަމިއްޔާ އަށް ހަވާލުކުރެވުނު ކޮންޓްރެކްޓެއްގެ ދަށުން ލިބިފައިވާ ސަރަހައްދުގައި ކަމަށް ބުންޏެވެ.

އެ ބިމުގައި މަސައްކަތްކުރަމުން ދަނިކޮށް ސިޓީ ކައުންސިލުން އެ މަސައްކަތް ހުއްޓުވާފައި ވަނީ ކޮންޓްރެކްޓާ ހިލާފަށް ކަމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިވިލް ކޯޓުގެ ނިންމުމެއްގައި ވެސް ބުނެފައިވި ނަމަވެސް، ދަށު ކޯޓުން މި މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރުމުގެ ކުރިން އެއްވެސް އެންގުމަކާ ނުލައި އަދި ތަން ހުސްކުރުމަށް ނޯޓިސް ވެސް ދިނުމެއް ނެތި އެތަން ރޫޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ސޭވް ދަ ބީޗް" އިން ބުނި ގޮތުގައި، ވިލިމާލޭގެ ގޮނޑުދޮށް ސާފުކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުގެ އެއްވެސް ތަފުސީލެއް ވެސް އެ ޖަމިއްޔާއާ ހިއްސާކޮށްފައެއް ނުވެ އެވެ. ވިލިމާލޭގެ ގޮނޑުދޮށަށް އެޅޭ ކުނި ވެމްކޯގެ މުވައްޒަފުން ހަފުތާއަކު ދެ ފަހަރު ސާފުކުރިޔަސް، ވިލިމާލެއަށް ދަތުރުކުރާ މީހުން ގޮނޑުދޮށަށް އަޅާ ކުނި ގިނަ ފަހަރަށް ސާފުކުރަނީ އެ ޖަމިއްޔާއިންނެވެ. އެ ސަރަހައްދުގައި 40 ޑަސްބިން ބަހައްޓައި ކޮންމެ ދުވަހަކު އެ ޑަސްބިންތައް ސާފުކުރުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން ކުރެ އެވެ.

ވިލިމާލޭގެ ގޮނޑުދޮށަށް ކޮންމެ ދުވަހަކު ހަ ކިލޯ އަށް ވުރެ ގިނަ ކުނި އަޅާކަން އެ ޖަމިއްޔާގެ އަންދާޒާތަކުން ދައްކަ އެވެ.

މި މައްސަލާގައި މާލޭގެ މޭޔަރު އާދަމް އާޒިމަށް "މިހާރު" އިން ގުޅުމުން ވިދާޅުވީ މިއީ ގާނޫނީ މައްސަލައަކަށް ވުމުން މި ވަގުތު ކޮމެންޓް ކުރެއްވެން ނެތް ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކަންކަން ކުރަމުން ގެންދާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.