Roadha Mihaaru
ވިލިމާލޭގެ ފަރަށް، ހިތްފަޅައިގެންދާ ވަރުގެ ގެއްލުމެއް!

ވިލިމާލޭގެ ފަރަށް، ހިތްފަޅައިގެންދާ ވަރުގެ ގެއްލުމެއް، ގެއްލުން މާ ބޮޑު!

10 ސެޕްޓެމްބަރ 2022

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ލިބިފައި ވަނީ ހީކުރި ވަރަށް ވުރެ ބޮޑު "ހިތްފަޅައިގެންދާ ވަރުގެ" ގެއްލުމެއް ކަމަށް ސޭވް ދަ ބީޗުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ލިބިފައި ވަނީ ހީކުރި ވަރަށް ވުރެ ބޮޑު "ހިތްފަޅައިގެންދާ ވަރުގެ" ގެއްލުމެއް ކަމަށް ސޭވް ދަ ބީޗުން މިއަދު ބުނެފި އެވެ.

ތިމާވެށި ހިމާޔަތްކުރަން އަޑު އުފުލާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އިން އެހެން ބުނީ، ޕްލެޓްފޯމްގެ ފައިތަކުން ފަރުމައްޗަށް ލިބުނު ގެއްލުން ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރުމަށް ފަހު އެވެ. ޕްލެޓްފޯމްގެ ބައިތައް ފަރުމަތިން ނެގުމުގެ ކުރިން ނަގާފައިވާ އެ ވީޑިއޯ އިން ވެސް އެ ތަނުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާ މަންޒަރާއި ފަރުމަތީގައި ބޮޑެތި ދަގަނޑު ހޮޅިތައް ވެއްޓިފައި އޮއްވައި ފެނެ އެވެ.

އެ ޖަމިއްޔާގެ ރައީސް ހަސަން އަހުމަދު "މިހާރު" އަށް އެ މަންޒަރު ސިފަކޮށްދެއްވަމުން ވިދާޅުވީ، އެ ތަނަށް ލިބިފައި ވަނީ ހީކުރި ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ޕްލެޓްފޯމްގެ ފައިތައް ފަރަށް އެރީއްސުރެ ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ވަންދެން އެ ތަނުގައި ކޮންމެ ރާޅަކާއެކު ހިއްލައި ނަގައި ޖަހާލާއިރަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވިގޮތުގައި، ޕްލެޓްފޯމް ރާޅާއެކު ޖެހޭ ކޮންމެ ފަހަރަކު އެ ހިސާބުގަނޑު "ވައިބްރޭޓް" ވާ ކަމުގެ އިހުސާސް ވިލިމާލާގެ އަތިރިމަތީގައި އޭނާ ހުންނަވާ ވަގުތު އޭރު އިހުސާސް ކުރެއްވުނެވެ. ގޭގައި ހުންނަވާއިރު ވެސް ހަމަ އެ އިހުސާސް ކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ބޮޑު ގެއްލުމެއް ލިބޭނެކަން އެނގޭ. އެކަމަކު މިހާ ވަރުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ހިތަށް ވެސް ނާރާ. އަޅުގަނޑުމެން ދިޔައީ އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެ ކުންފުންޏާއި އީޕީއޭގައި ވެސް މި ކަންބޮޑުވުންތައް ހިއްސާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ޕްލެޓްފޯމްގެ ފައި ފަރުތެރެ އަށް ވަދެ ހަތަރު ވަޅުގަނޑެއް ހެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ވަޅުގަނޑުގެ ފުންމިނުގައި 2.1 މީޓަރު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އެއް ވަޅުގަނޑު ހަމަ ވަރަށް ފުން. ދެން އިން ތިން ވަޅުގަނޑު އިނީ ފަރުގައި އެއްޗަކުން ޖެހުނީމާ ދެފަޅިވެފައިވާ އިންނަ ކަހަލަ ގޮތަކަށް. މީހެއްގެ އަތް ދެ ހަތް ހުޅުވާލީމާ އިންނަ ވަރުގެ ސްޕޭސް އެއް ހެދިފައި އިން."

ހަސަން ވިދާޅުވި ގޮތުގައި ތަނބުތައް މޫދަށް ވެއްޓި، އާނުގަނޑުގައި ރެނދުލައި ވަރަށް ބޮޑަށް ހަލާކުވި އެވެ. އެ އެއްޗެހި އެ ތަނުން ނަގައިގެން ގެންދިޔައިރު ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް އެ ތަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޭވް ދަ ބީޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސައްކަތްކުރާއިރު އެކްސިޑެންޓެއް ދިމާވެދާނެ ކަމަށް ބަލައި އެ ކަމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ތައްޔާރުނުވެ އޮތުމެވެ.

"މި ވަރުގެ މަސައްކަތެއް ކުރާއިރު އެކްސިޑެންޓެއް ދިމާވެދާނެ. އެ ކަމަށް ރެޑީވެގެން ތިބެން ޖެހޭނީ. ފަރަށް އަރައިފިއްޔާ ނެގުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކުންފުނީގެ. އެކަމަކު އެ މަސައްކަތް އެތައް ދުވަހެއް ވީ އިރު ވެސް ނުކުރެވުނު،" ކަންބޮޑުވުމާއެކު އޭނާ ވިދާޅުވި އެވެ.

ހަސަން ވިިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުމަކީ އެހާ އަވަހަށް ރަނގަޅުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ތަނެއް ރަނގަޅުވުމަށް 30-40 އަހަރު ހޭދަވާ ކަމަށާއި އެއީ ޖޫރިމަނާއަކުން ވެސް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް ފުންކުރަން އެހާ ބޮޑަށް އުނދަގޫވީ އެ ނުނަގާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ޕްލެޓްފޯމްގެ ކަށިތައް ފަރުގެ ތެރެއަށް ވަދެފައި ހުރުމުންނެވެ. އެކަމަކު މިހާރު އެތަން ނަގައި ސާފުކޮށްފައިވާއިރު އެ އެޖެންސީން ދަނީ އެ ތަނަށް ލިބުނު ގެއްލުން ބަލަމުންނެވެ.