11 ޖޫން 2022
ފުވައްމުލަަކަށް ވުރެން ބޮޑު އެހެން ހުވަފެނެއް ޚައިފް އަހްމަދުގެ ނެތެވެ؛ ދިމާވި ކުއްލި ކަމެއްގައި، ފުރޮޅުލީ ގޮނޑިއެއްގައި ހަޔާތް ވޭތުކުރަން މަޖުބޫރުވުމުގެ މާ ކުރިން ވެސް އެ ރަށަށް ދިއުމަކީ އޭނާ ނިޔަތް ގަނެގެން ހުރި އެއް ކަންތަކެވެ. ޑައިވްކުރުމާއި ރާޅާ އެޅުމަށް އޮތް ލޯތްބާ ހެދި އެވެ.
ފުވައްމުލަަކަށް ވުރެން ބޮޑު އެހެން ހުވަފެނެއް ޚައިފް އަހްމަދުގެ ނެތެވެ؛ ދިމާވި ކުއްލި ކަމެއްގައި، ފުރޮޅުލީ ގޮނޑިއެއްގައި ހަޔާތް ވޭތުކުރަން މަޖުބޫރުވުމުގެ މާ ކުރިން ވެސް އެ ރަށަށް ދިއުމަކީ އޭނާ ނިޔަތް ގަނެގެން ހުރި އެއް ކަންތަކެވެ. ޑައިވްކުރުމާއި ރާޅާ އެޅުމަށް އޮތް ލޯތްބާ ހެދި އެވެ.
ޚައިފް ގަބޫލުކުރާ ގޮތުގައި ރާޅާ އަޅަން ވެސް ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއް ބީޗަކީ ފުވައްމުލަކެވެ. އެ ރަށުގެ ޖާދޫގައި އޭނާ ޖެހުނީ، ފުވައްމުލައް ޕްރޮމޯޓްކުރަން ދޫކޮށްލާ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތަކެވެ.
އެ ރަށަށް ދާން ބޭނުންވާ ވާހަކަ އޭނާގެ ފޭސްބުކްގައި ލިއުނީ މާ ބޮޑު އުއްމީދެއް އޮވެގެން ނޫނެވެ. އެކަމަކު ދެ ގަޑިއެއްހާ އިރު ތެރޭގައި ހުވެފެނުގައި ކުލަ ޖެހޭނެކަން ޔަގީންވި ކަމަށް ޚައިފް ބުންޏެވެ.
އޭނާއަށް އެއީ ހައިރާންކުރުވި އުފަލެކެވެ. ބައެއްގެ ހިތްހެޔޮކަމުން، އެހާ އަވަހަށް އެކަން ހަމަޖެހުމާއި އިއްޔެ އެ ރަށަށް ދެވުމުން ހުރީ އުފާވެރި އިހްސާސެއްގެ ތެރޭގަ އެވެ.
ޚައިފް: އޭނާ ކުރަން ބޭނުންވި އެއްވެސް ކަމެއްގައި ފަސް ނުޖެހޭ.
"ބުނެދޭން ނޭނގޭ ވަރަށް އުފާވި ގިނަ ބަޔަކު މަރުހަބާ ކިޔަން އެއާޕޯޓަށް އައިސްތިބީމަ ވެސް. ވަރަށް ބޮޑު ޑްރީމެއް ފުވައްމުލަކަކީ," އޭނާ "މިހާރު"އަށް ބުންޏެވެ.
މޭޔަރު އިސްމާއިލް ރަފީގާއި އެ ރަށުގައި ސަމޭދާން ގެސްޓްހައުސް ހިންގާ ސައުދުﷲ އަހްމަދު (ސައުދު)ގެ އިސްނެގުމާއި އެ ނޫން ގިނަ ބައެއްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ފުވައްމުލަކަށް އާދެވުނީ ޚައިފްގެ 34 ވަނަ އުފަންދުވަހާ ދިމާކޮށެވެ.
"ވަރަށް ބޮޑު އިއްތިފާގަކަށް މިވީ. ފުވައްމުލަކުގެ ލޯބި މިއީ ލިބުނު އުފަންދުވަހުގެ އަގުހުރި ހަދިޔާ."
ސައުދު ބުނި ގޮތުގައި މ. މުލީ، ޚާއިފްގެ އިތުރުން އޭނާއަށް އެހީތެރިވާން އައި ޒުވާނާ އެ ރަށުގައި ހުރުމާއި ކެއުން ހަމަޖައްސައިދިނުމުގައި ފުވައްމުލަކުގެ ވަރަށް ގިނަ ބަޔަކު އިސް ނެގި އެވެ. އޭގެއިން ދައްކައިދިނީ އޭނާ ސިފަކުރި ގޮތުގައި ފުވައްމުލަކަކީ ހިތްހެޔޮ ބަޔަކު ދިރިއުޅޭ އެންމެންނަށް މަރުހަބާ ކިޔާނެ ހުޅުވިފައި އޮތް ރަށެއް ކަމެވެ.
"ފުވައްމުލަކުގެ ހިތްހެޔޮކަން މިއީ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން, ކޮންމެ މީހަކަށް ވެސް މި ރަށުން ވެލްކަމް ކިޔާނެ، ޚައިފް އެއީ ދިރިއުޅުމަށް ވަރަށް މަސައްކަތް ކުރާ ޒުވާނެއް، އޭނާ ކުރަން ބޭނުންވާ ކަންކަން ދޫކޮށް ނުލައި ކުރާނެ،" ސައުދު ބުންޏެވެ.
ޚައިފް ފުވައްމުލަކަށް ދާން ވެލާނާ އެއާޕޯޓުގައި.
އޭނާ ބުނި ގޮތުގައި އެ ދަތުރު ޚައިފްއަށް ހަމަޖައްސައިދިނުމުގައި މޭޔަރާއި އެހީތެރިވި އެހެން މީހުންގެ ވެސް ބޭނުމަކީ ފުވައްމުލަކަކީ އެންމެންނަށް ހުޅުވިފައި އޮތް ތަނެއް ކަން ޔަގީންކަން ކޮށްދިނުމެވެ.
އެކަން ފާހަގަކުރަމުން ޚައިފް ބުނީ ރާޅާ އަޅަން އޮތް ލޯބިން ފުވައްމުލަކަށް ހިތް ހުޅުވި ރާޅުތަކުގެ ތެރެއަށް ގެނބުނީ ވަރަށް ކުޑައިރު ކަމަށެވެ.
"އަހަރެންގެ ހުވަފެނަކީ މި ރަށުގެ ބީޗު ބްރޭކް، އިރާދަކުރެއްވިއްޔާ މިއަދު އެކަން ވާނެ. ރާޅާ އަޅަން ނުފޭބުނީ އިއްޔެ ވަރަށް ހަވީރު އާދެވުނީމަ," ޚައިފް ބުންޏެވެ.
ޚައިފް ފޭސްބުކްގައި ޖެހި ސްޓޭޓަސް ފެނުނީ ބޮޑީ ބޯޑިން އެސޯސިއޭޝަންގައި އުޅޭ އޭނާގެ ރައްޓެއްސަކަށެވެ. ފުވައްމުލަކުގައި ސަމަދާން ގެސްޓް ހައުސް ހިންގާ ސައުދަށް އެކަން އެންގީ އޭނާ އެވެ.
ޚައިފްގެ ހުރުން ހިލޭ ހަމަޖައްސައިދިން ސައުދު އާއި އޭނާ އެކު ފުވައްމުލަކަށް ދިޔަ ޒުވާނާ އެކު ފޮޓޯއަކަށް ނަގަނީ
"މިއީ ވަރަށް ގިނަ ބައެއްގެ އެހީ. ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ. ވަރަށް އެކުވެރި ހިތްހެޔޮ ބަޔަކު ތިބި ރަށެއް," އޭނާ ބުންޏެވެ.
ކުޑައިރުގެ ހިތްދަތި ހަޔާތުން އަރައިގަތުމަށް ގްރޭޑް ހައަކާ ހަމައިން ކިޔެވުން ދޫކޮށްލައި ސްކޫލުން ވެސް ވަކިވީ އެވެ. އެހެން އުޅެނިކޮށް މާފުށީގެ އިސްލާހިއްޔާއަށް ދާން ޖެހުނެވެ. އެތަނުގައި ހޭދަވީ ދެތިން މަސް ތެރޭގައި ޚައިފް މަސައްކަތް ދަސްކުރި އެވެ.
އުމުރުން 18 ނުފުރުނަސް ވަޒީފާއަކަށް ގޮސް އަމިއްލައަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގެ ވިސްނުން އަ އެވެ.
ފުރަތަމަ އުޅުނީ ސަފާރީއެއްގަ އެވެ. ކްރޫއެއްގެ ގޮތުގައި އުޅެ ގިނަ ކަންކަން ދަސްކުރި އެވެ. އެ ސަފާރީ ވިއްކާލުމުން ޚައިފް ވަޒީފާ ބަދަލުކުރީ ލޯންޗެއްގެ ކްރޫއަކަށެވެ. އޭގައި އުޅެމުން ލޯންޗު ދުއްވަން ދަސްކުރީ އެވެ.
ޚައިފް މޫދުން އެރުމުން ރައްޓެހިން އެހީތެރިވަނީ: ސާފް ކުރުމަކީ އަދިވެސް އޭނާގެ ހިތްހަމަޖެހުން.
ލައިސަންސް ނަގައި ކައްޕިއަކަށް އުޅެގެން ރަނގަޅު އާމްދަނީއެއް ވެސް ހޯދި އެވެ. ދެ ވަނަ ލޯންޗުގައި އުޅެނިކޮށް އޭތި ވިއްކާލަން އުޅުމުން ޚައިފް ދިޔައީ ބ. އަތޮޅު ތުޅާދުއަށެވެ.
އެ ރަށުގައި ޑައިވްކުރަން ފަށައި މަހެއް ވީ ތަނާ އޭނާއަށް ދިމާވީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ.
"އެ ދުވަހު ޑައިވިން ނިންމާފައި މައްޗަށް އެރި ތަނުން ލޯމައްޗަށް އަނދިރިވެފައި ގޮތްގޮތް ވާން ފެށީ. އޮށޯވެގެން އޮވެފައި ރަނގަޅުހެން ހީވެގެން ތެދުވަން ވެގެން ބެލިއިރު ފައިކޮޅުގައި ނެތް އެއްވެސް ކަމެއް. ނުއެއް ތެދުވެވުނު," ޚައިފް ކިޔައިދިނެވެ.
"އަހަރެން އެދިގެން ޗެމްބަރުގައި ވެސް ހަފުތާއަކަށް ވުރެން ގިނަ ދުވަހު އޮވެފައި ބޭރަށް ގެންދިޔައީ. ޑޮކްޓަރު ބުނީ މައިބަދައިގެ މައްސަލައަކުން ދިމާވި ކަމެކޭ. އެ ހިސާބުން ގޮނޑީގައި މި އިންނަނީ,"
ޚައިފް ފުވައްމުލަކުގައި ކުޑަ ކުއްޖަކާ އެކު: އޭނާގެ ހުވަފެނެއް ހަގީގަތަށް ވެފައިވާ ކަމަށް ބުނި.
ފުރަތަމަ ކޮޅުގައި އޭނާއަށް އުނދަގޫވި އެވެ. އެހެން މީހުންގެ އެހީއާ ނުލައި އެއްވެސް ކަމެއް ނުކުރެވޭތީ އެވެ. އެކަމަކު މަޑުމަޑުން އެކަނި އުޅެން ދަސްކޮށް, އަމިއްލައަށް ހުރިހާ ކަމެއް ވެސް ކުރުމުގެ ހިތްވަރު ހޯދީ އެވެ.
ޚައިފް އަކީ މިހާރު ވެސް ލޯންޗު ކެޕްޓަނެކެވެ. ގެސްޓުން ގޮވައިގެން މަހަށް ގޮސްގެން އޭނާގެ ހަރަދުތައް ހަމަޖެއްސޭވަރަށް އާމްދަނީ ހޯދަ އެވެ. އޭގެ އިތުރުން އަދިވެސް އޭނާ ދޫނުކުރެވުނު ކަމަކީ ސާފްކުރުމެވެ. މުބާރާތްތަކުގައި ވެސް ބައިވެރިވާ ހިތްވެ އެވެ. އެކަމަކު މާލެ އައިސް ހޭދަވާ ހަރަދުތަކާ ހެދި އެކަން އަދިވާ ގޮތެއް ނުވެ އެވެ.
"ވަރަށް ހިތްވަރު ކުރެވޭ. އެއްވެސް ކަމެއް ކުރަން ވިސްނައިފިއްޔާ ނުކޮށް ދޫކޮށްނުލާނަން ނުވާނެއޭ ކިޔާފައި. އެއީ ދެން އަމިއްލައަށް ގެންގުޅޭ މޮޓޯއަކީ," ޚައިފް ބުންޏެވެ.
ފުވައްމުލަކަށް އާދެވުމަކީ ވެސް އެފަދަ އުއްމީދެކެވެ. ކޮންމެވެސް ގޮތަކުން އެ ރަށަށް ދިއުމަކީ އޭނާ ކުރާނެ ކަމެއް ކަމަށް ޚައިފް ބުންޏެވެ. އެކަމަކު ވަރަށް ނަސީބު ރަނގަޅުކޮށް އެކަން ދިމާވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ޚައިފް ފުވައްމުލަކުގައި އޭނާ އަށް މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކާ އެކު ފޮޓޯއެއް ނަގަނީ.
ގުދުރަތީ ރީތި އެތައް ކަމެއް ލިބިފައިވާ ފުވައްމުލަކުގައި އޭނާ ހަތް ދުވަހު މަޑުކުރާނެ އެވެ. އޭނާގެ ލޯބި އޮތީ ފުވައްމުލަކުގެ ހިތްގައިމު ބީޗަށެވެ.
"ގިނަ ބަޔަކު ފަހަތުގައި ތިބެ ފުވައްމުލަކުން މިކޮށްދިނީ އަހަންނަށް އަގު ވަޒަން ނުކުރެވޭނެ ވަރުގެ ކަމެއް. ދުވަހަކު ވެސް ހަނދާނުން ނުފިލާނެ، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޚައިފް ބުންޏެވެ.
އަޒާން: ފުވައްމުލަކުގެ ރާޅުގަނޑުން ޗެމްޕިއަނެއް
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ފުވައްމުލަކު ކައިރިއަށް ފީނުމަށް ފީ ނުނަގާނެ
ފީނަން ފީއެއް ނަގާތީ ޑައިވަރުން އިހުތިޖާޖަށް
ހާއްސަ އެހީއަށް ބޭނުންވާ 6 މީހުންގެ 15 ޑައިވް
ޑައިވިން ލެޖެންޑް "ގެއްލުން": ފެންކަޅިވެ، ހުއްޓިފައި
މަހުމޫދުގެ ފަރުވާ އިންޑިއާގައި ފަށައިފި
ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް