Roadha Mihaaru
އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ދިމިޝްގު އެއާޕޯޓަށް

އިޒްރޭލުގެ މިސައިލް ހަމަލާގައި ދިމިޝްގު އެއާޕޯޓަށް ބޮޑު ގެއްލުމެއް

12 ޖޫން 2022

އިޒްރޭލު ސިފައިން މިދިޔަ ހުކުރު ދުވަހު، ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ވައިގެ ބަނދަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސީރިޔާ ސަރުކާރުން އިއްޔެ ބުނެފި އެވެ.

އިޒްރޭލު ސިފައިން މިދިޔަ ހުކުރު ދުވަހު، ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ވައިގެ ބަނދަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސީރިޔާ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ސީރިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިޒްރޭލުގެ މިސައިލް ހަމަލާތަކުގައި ވައިގެ ބަނދަރުގެ ރަންވޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ރަންވޭ އަލުން ބޭނުންކުރުމަށްޓަކައި ވަރަށް ބޮޑު މަރާމާތެއް ކުރަންޖެހޭނެ ކަމަށް ވެސް ސީރިޔާ އިން ބުނެ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި ވައިގެ ބަނދަރު ހަލާކުވުމާ ގުޅިގެން، އެ ވައިގެ ބަނދަރުން ކުރާ ހުރިހާ ދަތުރުތަކެއް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ރަންވޭގައި ހަރުކޮށްފައިވާ ބޮކިތަކަށާއި ނިޔަމިކަމުގެ ސާމާނުތައް ވެސް ހަލާކުވުމުގެ ސަބަބުން، އެ ވައިގެ ބަނދަރަށް އެއްވެސް ބޯޓެއް ޖެއްސުމާއި ފުރުން ވަނީ މެދުކަނޑާލައިފަ އެވެ.

ސީރިޔާ ސަރުކާރުން ބުނި ގޮތުގައި ދިމިޝްގުގެ ވައިގެ ބަނދަރަށް މިސައިލް ހަމަލާތަކެއް ދިނީ، އިޒްރޭލުން އަޅުވެތިކޮށްފައިވާ ސީރިޔާގެ ގޯލާންގެ އުސް ބިންތަކުގައި ތިބި އިޒްރޭލު ސިފައިންގެ މަރުކަޒުތަކުންނެވެ. ހަމަލާތައް ދިނީ ހުކުރު ދުވަހުގެ ފަތިސް ވަގުތުވާން ކައިރިވެފައި ވަނިކޮށެވެ.

މި ހަމަލާގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނަސް، ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ސީރިޔާ ސަރުކާރުން ބުނެ އެވެ. އިޒްރޭލުގެ މި ހަމަލާތައް ކުށްވެރިކޮށް ރަޝިޔާ އިން ބުނީ، މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށެވެ.

ހުކުރު ވިލޭރޭ ދިން މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލު ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ސީރިޔާގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމަ އަށް ފަހު، ސީރިޔާގެ އެކި ތަންތަނަށް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް ދެމުންނެވެ. އެ ގޮތުން އިޒްރޭލުގެ ހަމަލާތައް އާންމު ގޮތެއްގައި އަމާޒު ކުރަނީ، ސީރިޔާ ސަރުކާރު ސިފައިންގެ މަގާމުތަކަށާއި އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ މަރުކަޒުތަކަށާއި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ސީރިޔާގައި ހަރަކާތްތެރިވާ ސަރަހައްދުތަކަށެވެ.