Roadha Mihaaru
އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ

އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ

15 ޖޫން 2022

ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން ސަލާމަތްވުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި، އެމެރިކާ އާއި ޗައިނާ އިން އެހީތެރިވެދިނުމަށް އެ ދެ ގައުމުން ނިންމައިފި އެވެ.

ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން ސަލާމަތްވުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި، އެމެރިކާ އާއި ޗައިނާ އިން އެހީތެރިވެދިނުމަށް އެ ދެ ގައުމުން ނިންމައިފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާ އަށް އެހީތެރިވުމުގެ ގޮތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި މަސައްކަތް ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. އަދި އެކަމާ ބެހޭ ގޮތުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އެކުގައި ފޯނުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވީ މިއީ ލަންކާގެ ތާރީޚުގައި ވެސް ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް، ގޮންޖެހުން ވަރަށް ބޮޑު ދުވަސްކޮޅެއް ކަމަށެވެ. އެހެން ވިޔަސް، އެމެރިކާ އޮތީ ލަންކާ އަށް އެހީތެރިވާން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ބްލިންކެން ވާހަކަ ދެއްކެވި އިރު، ސްރީ ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު ޖޫލީ ޗުންގް އާއި ލަންކާގައި ހުންނަވާ ޗައިނާގެ ސަފީރު ކީ ޒެންހޮންގް، ކޮލޮމްބޯގައި ހުންނަ ޗައިނާ އެމްބަސީގައި މިދިޔަ ހޯމަ ދުވަހު ބައްދަލުކުރައްވައި، ލަންކާގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު ޗައިނާ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ، މިހާރު ލަންކާ އަށް ކުރިމަތިވެފައިވާ ދަތިތަކުން އެ ގައުމު ސަލާމަތް ކޮށްދިނުމުގައި، އެމެރިކާ އާއި ޗައިނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޗައިނާ އިން މިހާރު ވެސް ވަނީ ސްރީ ލަންކާ އަށް އެހީތެރިވުމުގެ ގޮތުން 500 މިލިއަން ޔުއާންގެ ހަނޑޫ ފޮނުވަން ނިންމައިފަ އެވެ. ހަ ޝިޕްމަންޓަކަށް ބަހާލައިގެން ހަނޑޫ ފޮނުވާ އިރު، ފުރަތަމަ ދެ ޝިޕްމަންޓްގައި ހިމެނޭ ހަނޑޫ، މި މަހުގެ 25 އަދި 30 ވަނަ ދުވަހު ލަންކާ އަށް ފޯރާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.

ޗައިނާ އިން ފޮނުވާ ހަނޑުލުގެ ތެރެއިން، 10000 ޓަނުގެ ހަނޑޫ ދިނުމަށް ހަމަޖެހިފައިވަނީ، ސްކޫލް ކުދިންނަށް ހިންގާ ނާސްތާ ޕްރޮގްރާމްގެ ތެރެއިން، އެންމެ ބޭނުން ޖެހިފައިވާ ކުޑަކުދިންނަށެވެ.