Roadha Mihaaru
ފަރުވާ ފެއިލްވެ ޑްރަގް ކޯޓުގެ ބޭނުން ކެނޑެނީ!

ފަރުވާގެ ނިޒާމު ފެއިލްވެ ޑްރަގް ކޯޓުގެ ބޭނުން ކެނޑެނީ!

26 ޖޫން 2022

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓެއް އުފެދުނީ މުހިންމު ބޭނުމެއްގަ އެވެ. މަސްތުވާތަކެތި ބޭނުންކުރުން އަދަބު ދީގެން ހުއްޓުވުމަށް ވުރެ ބޮޑަށް ފަރުވާ ދީގެން އެކަން ހުއްޓުވުމުގެ ނިޒާމެއް ގެނައުމަށެވެ. އެހެންވެ، 2012 ވަނަ އަހަރު ޑްރަގް ކޯޓު އުފެދުނީ ފަރުވާގެ ކޯޓެއްގެ ގޮތުގަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓެއް އުފެދުނީ މުހިންމު ބޭނުމެއްގަ އެވެ. މަސްތުވާތަކެތި ބޭނުންކުރުން އަދަބު ދީގެން ހުއްޓުވުމަށް ވުރެ ބޮޑަށް ފަރުވާ ދީގެން އެކަން ހުއްޓުވުމުގެ ނިޒާމެއް ގެނައުމަށެވެ. އެހެންވެ، 2012 ވަނަ އަހަރު ޑްރަގް ކޯޓު އުފެދުނީ ފަރުވާގެ ކޯޓެއްގެ ގޮތުގަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ އެއްވަރުގެ މުސާރަ އާއި އިނާޔަތްތައް ދީގެން ފަސް ފަނޑިޔާރުންނާއި އެތައް މުވައްޒަފުންނެއް ތިބެގެން އަހަރަކު 11 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު، އެ ކޯޓު އުފެއްދި މަގްސަދު ހާސިލްވާ ކަމާ މެދު އާންމުންގެ ސުވާލު ފަހަކަށް އައިސް އަމާޒުވެ އެވެ. ވަކިން ޚާއްސަކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގައި މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެސް ބިރެއް ނެތި މީހުން އުޅޭ މަންޒަރު އާންމުވާ ކޮންމެ ފަހަރަކު އެވެ.

ފަރުވާއަށް ވަކި ކޯޓެއް ހުންނަން ޖެހޭތަ؟

މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ މައްސަލަތަކެއް ބެއްލެވި ކުރީގެ ފަނޑިޔާރަކު ވިދާޅުވި ގޮތުގައި ޑްރަގް ކޯޓަކީ ނަތީޖާއެއް ނުނެރެވޭ ކޯޓެއް ކަމުގައި ބުނެވޭނެ ޖާގައެއް ނޯންނާނެ އެވެ. އޭގެ ހެއްކެއްގެ ގޮތުން، އެ ކޯޓުން ކަނޑައެޅި ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި މީހުންގެ ތެރެއިން ކުށް ތަކުރާރުކޮށްގެން ގެންނަނީ 7 ޕަސެންޓާއި 10 ޕަސެންޓާ ދެމެދު މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑްރަގް ކޯޓަކީ ބޭކާރު ކޯޓެއް ނޫން. ދެކުނު އޭޝިއާގައި ފުރަތަމަ ޑްރަގް ކޯޓު ރާއްޖޭގައި މި ހުރީ. ފަނޑިޔާރަކަށް އެހާ ޝައުގުވެރި މަސައްކަތަކަށް ނުވެދާނެ މިކަންކަން. މާ ބޮޑު ގާނޫނީ ދިރާސާއެއް ކުރާކަށް ނުޖެހޭ. އެކަމަކު މި ނިޒާމު ކިތަންމެހާ ވެސް މުހިންމު ރާއްޖެއަށް،" އޭނާ ވިދާޅުވި އެވެ.

ޑްރަގް ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑްރަގް ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބޭނުންވަނީ ފަރުވާ ހެއްޔޭ ނުވަތަ ޖަލަށްދާން ހެއްޔޭ އަހައިފިއްޔާމު ބައެއް މީހުންނަށް މާ ރަނގަޅު ޖަލަށް ދިއުން."

ފަރުވާގެ ނިޒާމު ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގާނޫނީ ދާއިރާގެ އެހެން ބޭފުޅަކު ވެސް ވިދާޅުވި ގޮތުގައި ޑްރަގް ކޯޓުން ކުރާ މަސައްކަތަކީ އެހެން ކޯޓުތަކާ އަޅާ ބަލާއިރު އާދައިގެ މަސައްކަތެއް ކަމަށް ވިޔަސް، އެއީ ގާނޫނީ ގޮތުން ބޮޑު ކަމެކެވެ. އެއީ މީހަކަށް އަދަބެއް ދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހެއްގެ މައްޗަށް އަދަބެއް ކަނޑެނޭޅޭނެ މާލޭ ސިޓީ ކައުންސިލަކަށް. އެކަން ކުރެވޭނީ ފަނޑިޔާރަކަށް،" އޭނާ ވިދާޅުވި އެވެ. "ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް. އެހެންވީމަ އެ ކުށަށް އަދަބު ދިނުމާ އެކު، ފަރުވާ ދީގެން އިސްލާހު ކުރެވޭނެ ގޮތެއް މި އޮތީ މި ނިޒާމުގައި."

އޭނާ ވިދާޅުވި ގޮތުގައި ޑްރަގް ކޯޓު އުވާލުމަށް ފަހު އެ ކޯޓުގެ މަސައްކަތްތައް އެހެން ކޯޓުތަކަށް ބަދަލުކޮށްފި ނަމަ އެ ކޯޓުތަކަށް ބުރަ ވެސް ބޮޑުވާނެ އެވެ.

ނަތީޖާ ނުފެންނަނީ ފަރުވާގެ ނިޒާމު ބޮއްސުންލުމުން

ފުރަތަަމަ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ޑްރަގް ކޯޓާ މެދު ނުތަނަވަސްކަން އުފެދިފައިވަނީ މުޅި ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ފަރުވާގެ ނިޒާމުގައި އޮތް ލަސްކަމެވެ. ފަރުވާއަށް ހުކުމްކޮށްފައިި ތިބި އެތައް ބަޔަކު ކިޔޫގައި ތިބެންޖެހެ އެވެ. އެތައް ސަތޭކަ ބަޔަކު އަބަދުވެސް ކިޔޫގައި ތިބޭތީ ފަރުވާ އަށް ހުކުމް ކުރިޔަސް، ވަގުތުން ފަރުވާއެއް ނުލިބެ އެވެ.

"ރާއްޖޭގައި މި ޖެހެނީ ފަރުވާ އަށް ހުކުމްކުރާ ދުވަހު އެ މީހާ ކައިރީގައި ބުނަން ދެން ގެއަށް ގޮސް ބަސްއަހައިގެން ހުންނާށޭ ފަރުވާ ފެށެންދެން."

ފަރުވާއަށް ޝަރުތު ފުރިހަމަވާ ނަމަ އަދި އޭނާ ކުށަށް އެއްބަސްވެއްޖެ ނަމަ، ޑްރަގް ކޯޓުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު އެ ހުކުމް ތަންފީޒު ނުކޮށް ހިފެހެއްޓުމަށް ފަހު އަދި ފަރުވާގެ ފުރިހަމަ ކުރަން އަމުރު ކުރާނެ އެވެ. ޖަލަށް ދާންޖެހޭނީ ފަރުވާ ފުރިހަމަ ނުކޮށްފި ނަމަ އެވެ.

"ބޭނުންވަނީ ފަރުވާ ހެއްޔޭ ނުވަތަ ޖަލަށްދާން ހެއްޔޭ އަހައިފިއްޔާމު ބައެއް މީހުންނަށް މާ ރަނގަޅު ޖަލަށް ދިއުން. އެއީ ތިން އަހަރުގެ ހުކުމެއްގައި ވަގުތުން ޖަލަށް ގޮސްފައި ދޮޅު އަހަރުވީމަ އެބަ ލިބޭ ޕެރޯލް. އެކަމަކު ފަރުވާއަށް ދާން ބޭނުން ވިޔަސް، އެތައް އަހަރެއް ވެދާނެ ފަރުވާ ނުފެށިގެން." ފުރަތަމަ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމަށް ބޭނުންކުރާ ފަޅު އިމާރާތެއް -- ފޮޓޯ/މިހާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމަށް ބޭނުންކުރާ ފަޅު އިމާރާތެއް -- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޑްރަގް ކޯޓުން ކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަނީ ފަރުވާ ފުރިހަމަ ކުރަން ކުރާ އަމުރު ވަގުތުން ތަންފީޒު ނުވާތީ އެވެ.

"އޮސްޓްރޭލިއާގައި ފަރުވާއަށް ހުކުމްކުރާ ދުވަހު އެ މީހާ ވަގުތުން ގެންދާނެ ފަރުވާގެ ޕްރޮގްރާމަށް. ރާއްޖޭގައި އެއް އަހަރު، ދޮޅު އަހަރު ނުވަތަ ދެ އަހަރު ކިޔޫގައި މި ތިބެނީ ފަރުވާ ނުފެށިފައި،" އޭނާ ވިދާޅުވި އެވެ.

ގިނަ މީހުން ޑްރަގް ކޯޓާ ހަމައަށް އަންނައިރު ތިބެނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ކަމަށްވާތީ ފަރުވާ ނުފެށި ލަސްވުމުން އަނެއްކާވެސް އޭގެ ތެރެއަށް އެނބުރި ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މި ޖެހެނީ ފަރުވާއަށް ހުކުމްކުރާ ދުވަހު އެ މީހާ ކައިރީގައި ބުނަން ދެން ގެއަށް ގޮސް ބަސްއަހައިގެން ހުންނާށޭ ފަރުވާ ފެށެންދެން. ކިހިނެތްތޯ އެގޮތަށް އެ މީހުން ތިބޭނީ." އޭނާ ވިދާޅުވި އެވެ.

"އާންމު ތަންތަނުގައި މިގޮތަށް ތިބޭ އެންމެންނަކީ ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ ބަޔަކަށް ނުވެ ހިނގައިދާނެ"

މައިގަނޑު މައްސަލައަކީ ފަރުވާގެ ނިޒާމު މިހާރު ހިންގާ ގޮތް ކަމަށް ދެން މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. ފަރުވާގެ ހުރިހާ ކަމެއް އެންޑީއޭއިން ކުރަންޖެހޭނެ ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި އެންޑީއޭއަކީ މައި އިދާރާ ކަމުގައި ދެކިގެން، ރާއްޖެއިން ބޭރުގެ މަރުކަޒުތަކާއި ސަރުކާރު ކުންފުނިތަކުން ވެސް ފަރުވާގެ ނިޒާމު ތަންފީޒުކުރަން ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާރުޑީސީން މަގު ހަދާއިރު އެ މަސައްކަތުގައި ވެސް ބައިވެރިވާން ޝަރުތު ކުރެވިދާނެ. އެ ޝަރުތާ ޚިލާފްވީމާ ޑްރަގް ކޯޓަށް އޭނާގެ މައްޗަށް އަދަބު ވެސް ދެވިދާނެ. ޖަލަށް ވެސް ލެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ފަންނީ މުހިންމު ދާއިރާތަކުން ކިޔަވައިގެން ތިބި މީހުން ވެސް އެބަތިއްބެވެ. އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ފައިދާކުރާނެ މަސައްކަތްތަކުގައި ބައިވެރިވެވޭނެ ގޮތަށް ފަރުވާގެ ނިޒާމު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިރެއް ނެތި ޑްރަގް ބޭނުން ކުރަނީ، ޑްރަގް ކޯޓު ކޮބާ؟

އަނެއްކޮޅުން، މަސްތުވެގެން މަގުމަތީގައި ތިބޭ މީހުންނާއި އިމާރާތްތަކާއި ފަޅުގެތަކުގައި ފާޅުގައި މަސްތުވާތަކެތި ބޭނުންކުރުން ދާދިފަހުން އާންމުވެގެން ދިޔަ ސަބަބެއްގެ ގޮތުގައި އެއް ބޭފުޅަކު ވިދާޅުވީ އެފަދަ މީހުން ހައްޔަރު ކުރިޔަސް، ބަންދު މުއްދަތު ޖެހޭނެ ގޮތެއް ނެތުމެވެ. އަދި އެފަދަ މީހުން ބައިތިއްބާނެ ޚާއްސަ ރިމާންޑް ސެންޓަރެއް ހަދަން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ލާޒިމް ކުރިޔަސް، އެކަން ކުރެވުނީ މިދިޔަ އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަންދު މުއްދަތު ޖެހުން ހުއްޓާލީމާ މަގުމަތީގައި އެފަދަ މީހުން ގިނަވި. އަނެއްކޮޅުން ޑްރަގް ކެފޭތައް ހިންގަމުން ދިޔަ ތަންތަން ބަންދު ކުރީމާ އެއީ ވެސް އަނެއް ސަބަބު މިފަދަ މީހުން މަގުމަތީގައި ގިނަވި،"

"ބަންދު މުއްދަތު ޖެހުން ހުއްޓާލީމާ މަގުމަތީގައި އެފަދަ މީހުން ގިނަވި. އަނެއްކޮޅުން ޑްރަގް ކެފޭތައް ހިންގަމުން ދިޔަ ތަންތަން ބަންދު ކުރީމާ އެއީ ވެސް އަނެއް ސަބަބު މިފަދަ މީހުން މަގުމަތީގައި ގިނަވި،" ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ މީހުން ހައްޔަރު ކުރިޔަސް، އެ މީހުންގެ ބަންދު މުއްދަތު ޖެހުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުއްޓާލީ އެ ކޯޓުގެ އިހްތިސާސް ނެތް ކަމަށް ބުނެ އެވެ. އަދި ގާނޫނު އޮތްގޮތުން ޑްރަގް ކޯޓަށް އެކަން ކުރެވޭކަށް ވެސް ނެތެވެ.

އަނެއްކޮޅުން މަސްތުވާތަކެތި ބޭނުންކުރާ ކޮންމެ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ ބާރެއް ގާނޫނު އޮތްގޮތަކުން ނުހިނގަ އެވެ. ފަރުވާ ބޭނުންވިޔަސް، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާނީ އެ މީހެއްގެ މައްޗަށް ޖިނާއީ ބޮޑު ދައުވާއެއް އެހެން ކޯޓެއްގައި އުފުލިފައިނުވާ ނަމަ އެވެ.

"އާންމު ތަންތަނުގައި މިގޮތަށް ތިބޭ އެންމެންނަކީ ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ ބަޔަކަށް ނުވެ ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖްތަމައުގައި ގިނަވާ ކޮންމެ ފަހަރަކު އޭގެ އިނގިލި އެންމެ ފުރަތަމަ އަމާޒުވަނީ ޑްރަގް ކޯޓަށެވެ. އެކަމަކު ފަރުވާގެ ނިޒާމަކީ ޑްރަގް ކޯޓަށް އެކަނި ހިންގޭނެ ނިޒާމެއް ނޫނެވެ. ފަރުވާގެ ނިޒާމު ރަނގަޅަށް ތަންފީޒުކޮށްގެން ނޫނީ ޑްރަގް ކޯޓު އުފެއްދި މަގްސަދު ހާސިލެއް ނުވާނެ އެވެ.