Roadha Mihaaru
ފަރުވާގައި ހުރެ، ކުށްކުރުމުން އަޅާ ފިޔަވަޅަށް ބަދަލެއް

ފަރުވާގެ މުއްދަތުގައި ކުށެއް ކުރުމުން ފިޔަވަޅު އަޅާ އުސޫލަށް ބަދަލު ގެންނަނީ

15 ޑިސެމްބަރ 2018

ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ މުއްދަތުގައި އިތުރު ކުށެއް ކުރުމުން އަމަލުކުރާ އުސޫލަށް އަންނަ އަހަރު ބަދަލު ގެންނަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ މުއްދަތުގައި އިތުރު ކުށެއް ކުރުމުން އަމަލުކުރާ އުސޫލަށް އަންނަ އަހަރު ބަދަލު ގެންނަން ނިންމައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ޑްރަގް ކޯޓުން އެކުލަވާލާފައިވާ ޝަރުތުތަކުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ކޯޓުން ކުރާ ރިހެބިލިޓޭޝަން އަމުރުގެ މުއްދަތުގައި އިތުރު ކުށެއް ކޮށްފި ނަމަ ފުރަތަމަ ކުރާނީ 100ރ. ގެ ޖޫރިމަނާ އެކެވެ. ފަރުވާއިން ވަކި ކުރާނީ ދެވަނަ ފަހަރު އެ މީހަކު ކުށެއް ކޮށްފި ނަމަ އެވެ.

އޭރު އެ ގަވާއިދު އޮތްގޮތުން، އިތުރު ކުށެއް ކުރީ ކަމަށް ބަލަމުން އައީ ޖިނާއީ ތުހުމަތެއްގައި އެ މީހަކު ހައްޔަރު ކުރާ ހިސާބުންނެވެ. އެހެންވެ، ފަރުވާގައި ހުރި މީހަކު އެހެން ކުށެއްގައިި ހައްޔަރު ކުރުމާ އެކު، އެ މީހަކު އިތުރު ކުށެއް ކުރީ ކަމަށް ބަލައި އޭރު ފިޔަވަޅު އަޅަ އެވެ.

އެކަމަކު އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން ފަރުވާގެ މުއްދަތުގައި އިތުރު ކުށެއް ކޮށްފި ނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ވެސް އޮންނާނީ އެ މީހަކު ފަރުވާއިން ވަކި ކުރުމެވެ. އެކަމަކު އިތުރު ކުށެއް ކުރުން ކަމަށް ބަލަމުން އަންނަ މިންގަނޑަށް އެ އިސްލާހުގައިވަނީ ބަދަލު ގެނެސްފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ފަރުވާގެ މުއްދަތުގައި އިތުރު ކުށެއް ކުރީ ކަމަށް ބަލާނީ، ޖިނާއީ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާ ހިސާބުންނެވެ.

އެ އިސްލާހަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.