Roadha Mihaaru
ސެޓަލައިޓް ލޯންޗު ދެކުނު ކޮރެއާ އަށް ކާމިޔާބުވެއްޖެ

ޖައްވަށް ސެޓަލައިޓް ފޮނުވަން ކުރި މަސައްކަތް ދެކުނު ކޮރެއާ އަށް ކާމިޔާބުވެއްޖެ

22 ޖޫން 2022

ދެކުނު ކޮރެއާ އިން އެ ގައުމުގެ ފުރަތަމަ ސެޓަލައިޓްތައް އިއްޔެ ލޯންޗުކޮށްފި އެވެ.

ދެކުނު ކޮރެއާ އިން އެ ގައުމުގެ ފުރަތަމަ ސެޓަލައިޓްތައް އިއްޔެ ލޯންޗުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޖައްވީ އިދާރާ ނޭރޯ ސްޕޭސް ސެންޓަރުން، އެ ގައުމުގެ އަމިއްލަ ސެޓަލައިޓެއް ޖައްވަށް ފޮނުވަން މިދިޔަ އަހަރު ވެސް މަސައްކަތް ކުރި އެވެ. ޑަމީ ސެޓަލައިޓެއް ފޮނުވަން ކުރި މަސައްކަތް އެފަހަރު ކާމިޔާބެއް ނުވި އެވެ.

ނަމަވެސް، މިފަހަރުގެ މިޝަން އެ ސެންޓަރުން ވަނީ ކާމިޔާބުކޮށްފަ އެވެ. އުސްމިނުގައި 47 މީޓަރު އަދި ބަރުދަނުގައި 200 ޓަނު ހުރި "ނޫރީ" ކިޔާ ތިން ސްޓޭޖުގެ ރޮކެޓެއްގައި ފޮނުވާލި އެ ސެޓަލައިޓްތައް މިހާރު ވަނީ ދުނިޔޭގެ އޯބިޓްގެ ތެރެއަށް ވަދެފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ރެކޮޓެއްގައި ޖައްވަށް ފަސް ސެޓަލައިޓެއް ފޮނުވި އެވެ.

ދެކުނު ކޮރެއާގެ ސައިސްންސް މިނިސްޓްރީން ބުނީ، ދެ އަހަރު ވަންދެން އެ ސެޓަލައިޓްތައް ބޭނުންކުރާނީ ދުނިޔެއާ ގުޅޭ ދިރާސާތައް ހެދުމަށް ކަމަށެވެ. އަދި އޭގެ ތެރޭގައި ޓެސްޓަކަށް ފޮނުވި 1.3 ޓަނުގެ ޑަމީ ސެޓަލައިޓް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އެއް ޓަނަށް ވުރެ ބަރު ސެޓަލައިޓްތައް ޖައްވަށް ފޮނުވޭވަރުގެ ވެހިކަލްތައް އުފެއްދުމުގެ ގާބިލުކަން މިހާތަނަށް ލިބިފައި ވަނީ ރަޝިއާ، އެމެރިކާ، ޔޫރަޕިއަން ޔުނިއަން، ޗައިނާ، ޖަޕާން އަދި އިންޑިއާ އަށް އެކަންޏެވެ. ދެކުނު ކޮރެއާ އިން އިއްޔެ ހޯދި އެ ކާމިޔާބީއާ އެކު މިހާރު އެ ގައުމު ވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޖައްވީ ރޭހުގެ ވާދަވެރިއަކަށް ވެފަ އެވެ.

ދެކުނު ކޮރެއާގެ ސްޕޭސް ޕްރޮގްރާމްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2030ގެ ކުރިން އެ ގައުމުން ހަނދަށް ދިއުމެވެ.