Roadha Mihaaru
އިރުގެ ކޮޅިގަނޑުން ސެޓެލައިޓްތަކެއް ފަނާވެއްޖެ

އިރުގެ ކޮޅިގަނޑުން ސްޓާލިންކުގެ ސެޓެލައިޓްތަކެއް ފަނާވެއްޖެ

10 ފެބުރުއަރީ 2022

އިރުން އަރައިގެން ދިޔަ ބިޔަ ހުޅުގަނޑަކުން ޖައްވުގެ ތެރޭގައި އުފެދުނު ދަގަތްފާނީ ކޮޅިގަނޑުގެ އަސަރު ފޯރުމުގެ ސަބަބުން، އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ 40 ސެޓެލައިޓެއް ހަލާކުވެ އޭގެ ތެރެއިން ބައެއް ސެޓެލައިޓްތައް އަނދައި ހުލިވެގެން މި ބިމަށް ފައިބައިފި އެވެ.

އިރުން އަރައިގެން ދިޔަ ބިޔަ ހުޅުގަނޑަކުން ޖައްވުގެ ތެރޭގައި އުފެދުނު ދަގަތްފާނީ ކޮޅިގަނޑުގެ އަސަރު ފޯރުމުގެ ސަބަބުން، އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ 40 ސެޓެލައިޓެއް ހަލާކުވެ އޭގެ ތެރެއިން ބައެއް ސެޓެލައިޓްތައް އަނދައި ހުލިވެގެން މި ބިމަށް ފައިބައިފި އެވެ.

އިރުގެ ދަގަތްފާނީ ކޮޅިގަނޑުގައި ޖެހި ހަލާކުވެގެން ދިޔައީ، ފެލްކަން ރޮކެޓެއްގައި މި މަހުގެ 3 ވަނަ ދުވަހު ޖައްވަށް ފޮނުވި 49 ސެޓެލައިޓްގެ ތެރެއިން 40 ސެޓަލައިޓެވެ. ކަންދިމާކުރި ގޮތުން، އެ ދުވަހު ޖައްވަށް ފޮނުވި ސެޓެލައިޓްތައް ރޮކެޓުން ވަކިކޮށް ޖައްވުގެ ތެރެއަށް ދޫކޮށްލެވުނީ، އިރުގެ ދަގަތްފާނީ ކޮޅިގަނޑާ ދިމާވާ ގޮތަށެވެ.

ސެޓެލައިޓްތައް އަނދައިގެން ދިޔަކަން އިއުލާންކުރުމުގެ އިތުރުން، މި ހާދިސާގެ ސަބަބުން އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުމުގެ މިންވަރެއް ސްޕޭސްއެކްސް ކުންފުނިން ހާމައެއް ނުކުރެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ޖައްވަށް ފޮނުވާ ސްޓާލިންކް ސެޓެލައިޓްތަކުން ކޮންމެ ސެޓެލައިޓެއްގެ އަގު އެއް މިލިއަން ޑޮލަރަށް ވުރެ ކުޑަ ވާނެ އެވެ.

އެ ކުންފުނިން މުޅި ދުނިޔޭގައި އަގު ހެޔޮކޮށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން މިހާރު ވެސް 2000 އާ ގާތްކުރާ އަދަދެއްގެ ސެޓެލައިޓް ޖައްވުގައި ދައުރުވަމުން ދެ އެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، ދުނިޔޭގައި އިންޓަނެޓްގެ ހިދުމަތް އެންމެ ދަށް ސަރަހައްދުތަކަށް ހައި ސްޕީޓް އިންޓަނެޓްގެ ހިދުމަތް، ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ.

އެ ކުންފުނިން ފޯރުކޮށްދޭ އިންޓަނެޓްގެ ހިދުމަތް މިހާތަނަށް އޮތީ އަޖުމަބެލުމުގެ މަރުހަލާގައި ކަމަށް ވާއިރު، މިހާރު ވެސް 25 ގައުމެއްގައި 145،000 މީހުން މި ހިދުމަތް ބޭނުންކުރެ އެވެ.

އިރުގެ ދަގަތްފާނީ ކޮޅިގަނޑެއް އުފެދޭނެ ކަމަށް ސައެންސްވެރިން ކުރިން އިންޒާރު ކޮށްފައި ވަނިކޮށް، ޖައްވުގެ ތެރެއަށް ސެޓެލައިޓްތައް ފޮނުވީ، ކޮން ގޮތަކަށް ޖައްވުގެ މޫސުން ލަފާކުރުމަށް ފަހުގައިތޯ، ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސްޕޭސްއެކްސް ކުންފުނިން ޖަވާބެއް ނުދެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އިރުގެ ދަގަތްފާނީ ކޮޅިގަނޑުގައި ޖެހި ހަލާކުވި ސެޓެލައިޓްތަކުގެ ސަބަބުން، މި ބިމަށް ވެސް އަދި ޖައްވުގައި ދައުރުކުރަމުންދާ އެހެން ސެޓެލައިޓްތަކަށް ވެސް އެއްވެސް ނުރައްކަލެއް ނެތެވެ. އެއިން ސެޓެލައިޓެއް އޭގެ އޯބިޓުން ކައްސާލައިގެން މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަންކަމުގައި ވިޔަސް، މި ބިމާ ހަމައަށް ފޯރުމުގެ ކުރިން އަނދައި ހުލިވެގެންދާނެ އެވެ.

އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސްއެކްސް ކުންފުނިން ޖައްވަށް ފޮނުވާ ސެޓެލައިޓްތަކުން ކޮންމެ ސެޓެލައިޓެއްގެ ބަރުދަނަކީ ގާތްގަނޑަކަށް 260 ކިލޯ އެވެ. އެ ކުންފުނީގެ ފުރަތަމަ ސެޓެލައިޓް ޖައްވަށް ފޮނުވީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.