Roadha Mihaaru
ސްޕޭސް މިޝަންގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށްފި

ސްޕޭސް މިޝަންގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށް ޓެސްޓުކޮށްފި

23 ފެބުރުއަރީ 2023

ރާއްޖޭގެ ސްޕޭޝް މިޝަން "އަޒުމް" ގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށް، ޓެސްޓު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސްޕޭޝް މިޝަން "އަޒުމް" ގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށް، ޓެސްޓު ކޮށްފި އެވެ.

ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ބޭރުގެ އެއްވެސް ބައެއްގެ އެހީއަކާ ނުލައި ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ސްޕޭސް ޓިމުގެ އޭރޯސްޕޭސް އިންޖިނިއަރު ހުސައިން އައްސަދާއި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރު މުހައްމަދު ޖުނައިދު އަދި މެކޭނިކަލް އިންޖިނިއަރު އަހުމަދު އިޖާޒު އަބްދުﷲ ކަމަށެވެ.

ސެޓެލައިޓް، ޕްރޮގްރާމް ކުރުމާއި ޓެސްޓުކުރުމުގައި ސްޕޭސް ޓީމުގެ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން އަދި މަރިޔަމް ޝިމާނަތު ވެސް ބައިވެރިވި އެވެ.

ކިއުބްސެޓް ފެންވަރުގެ ސެޓެލައިޓް ޑިޒައިން ކުރީ ބޭނުންވާ މިޝަނަކާ ގުޅޭގޮތަށް ފަސޭހައިން ސައިޒު ބޮޑުކުރެވޭ އަދި ތަފާތު މިޝަންތަކާ ގުޅޭގޮތަށް ބަދަލުކުރެވޭ ގޮތަށެވެ.

އައިޖީއެސް އިން ބުނީ ސްކޫލް/ޔުނިވާސިޓީތަކުގެ އެކްސްޕެރިމެންޓަލް މިޝަންތަކުން ފެށިގެން ސަބް އޯބިޓަލް މިޝަން އަދި އޯބިޓަލް މިޝަންތަކުގެ ޑިޒައިނަށް ބަދަލު ނުގެނެސް ވެސް ސެޓެލައިޓް ހާޑުވެއާ އުފެއްދޭނެ ކަމަށެވެ.

އެގޮތަށް ސެޓެލައިޓު ހަދާއިރު އެންމެ ބޮޑު ތަފާތަކަށް ވާނީ ހާޑްވެއާ ކޮލިޓީ އާއި ޕޭލޯޑް ނުވަތަ މިޝަންގެ އެޕްލިކޭޝަނެވެ.

އައިސީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި، ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. މުޅިން އަމިއްލައަށް ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރައްވަ އެވެ.

"މިއީ ހަމައެކަނި ކަރުދާހުގައި އޮތް ޑިޒައިނެއް ނޫން. ސެޓެލައިޓް ޑިޒައިން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ވަނީ ހާޑްވެއާ އުދައްދާ، ސެޓެލައިޓް ޕްރޮގްރާމްކޮށް މުހިއްމު ޓެސްޓުތައް ވެސް ކޮށްފައި،" ރިފްއަތު ވިދާޅުވި އެވެ.

ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިން ފައިނަލްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގަ އެވެ. އެ ދުވަހު ހާޑްވެއާ އޯޑަރުކުރުމަށް ފަހު ހާޑްވެއާ ލިބުމުން ސެޓެލައިޓް ޕްރޮގްރާމްކޮށް، ޓެސްޓުތައް ނިންމީ އިއްޔެ އެވެ.