Roadha Mihaaru
އިންޑިއާ އިން އެއްފަހަރާ 104 ސެޓެލައިޓް ފޮނުވާލައިފި

އިންޑިއާ އިން އެއްފަހަރާ 104 ސެޓެލައިޓް ފޮނުވާލާ، ރެކޯޑެއް ހަދައިފި

15 ފެބުރުއަރީ 2017

ނިއު ދިއްލީ (ފެބްރުއަރީ 15) - އިންޑިއާ އިން އެއް ފަހަރާ 104 ސެޓެލައިޓް އުދުއްސާލުމަށް ފަހު ރެކޯޑެއް ހަދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 15) - އިންޑިއާ އިން އެއް ފަހަރާ 104 ސެޓެލައިޓް އުދުއްސާލުމަށް ފަހު ރެކޯޑެއް ހަދައިފި އެވެ.

އިންޑިއާގެ ދެކުނުގެ ސްޕޭސްޕޯޓް ސްރިހަރިކޮޓާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓްތައް ކާމިޔާބުކަމާ އެކު އުދުއްސާލިކަން އިންޑިއާ ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން އިއުލާން ކުރުމާ އެކު އެ ތަނަށް ޖަމާވެ ތިބި ސައެންސްވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

ރަޝިޔާގެ އަތުގައި ކުރިން އޮތް ރެކޯޑެއް މުގުރާލުމަށް ފަހު އިންޑިއާ އިން 104 ސެޓެލައިޓް އުދުއްސާލުމާ ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ޖައްވީ ސައެންސްވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިންޑިއާ އިން ސެޓެލައިޓް ފޮނުވާލާ މަންޒާރު ބަޔަކު މިއަދު ފޮޓޯ ނަގަނީ. --ފޮޓޯ:ސީއެންއެން

އިންޑިއާ އިން ސެޓެލައިޓް ފޮނުވާލާ މަންޒާރު ބަޔަކު މިއަދު ފޮޓޯ ނަގަނީ. --ފޮޓޯ:ސީއެންއެން

މީގެ ކުރިން އެއް ފަހަރާ އެންމެ ގިނަ ސެޓެލައިޓް ފޮނުވާލުމުގެ ރެކޯޑް އޮންނަ ރަޝިޔާ އިން 2014 ވަނަ އަހަރު ވަނީ 39 ސެޓެލައިޓް އެއް ފަހަރާ އުދުއްސާލައިފަ އެވެ.

ރޮކެޓާ އެކު ފޮނުވާލި ސެޓެލައިޓްތަކުގެ ތެރޭން ތިން ސެޓެލައިޓް ފިޔަވައި ހުރިހާ އެއްޗެއް ނިސްބަތް ވަނީ ބޭރު ގައުމުތަކަށެވެ. އޭގެ ތެރޭގައި އިޒްރޭލް، ކަޒަކްސްތާން، ނެދަލޭންޑްސް، ސްވިޒަލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އެމެރިކާގެ 96 ސެޓެލައިޓް ހިމެނެ އެވެ. އެމެރިކާގެ ސެޓެލައިޓްތަކުގެ ތެރޭން 90 ސެޓެލައިޓް ނިސްބަތް ވަނީ ސެން ފްރެންސިސްކޯގެ ޕްލެނެޓް ކުންފުންޏަށެވެ.

މިދިޔަ ޖޫން މަހު ވެސް އިންޑިއާ އިން ވަނީ 20 ސެޓެލައިޓާ އެކު ރޮކެޓެއް އުދުއްސާލައިފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ 13 ސެޓެލައިޓް ހިމެނެ އެވެ.