Roadha Mihaaru
މާޒީ އިން ކުރާނެ ފައިދާއެއް ނެތް، މިއީ ތަފާތު މެޗެއް

މާޒީ އިން ކުރާނެ ފައިދާއެއް ނެތް، މިއީ ތަފާތު މެޗެއް: ކްލޮޕް

30 ޑިސެމްބަރ 2016

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އިރުޝާދުދިން ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ނަތީޖާއިން ކުރާނެ ފައިދާއެއް ނެތް ކަަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އިރުޝާދުދިން ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ނަތީޖާއިން ކުރާނެ ފައިދާއެއް ނެތް ކަަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން އިރު ވަނީ ގާޑިއޯލާގެ ބަޔާނާ ދެކޮޅަށް އަށް ފަހަރު ކުޅެފަ އެވެ. އޭގެ ތެެރެއިން ހަތަރު މެޗުން ކްލޮޕް ވަނީ މޮޅުވެފަ އެވެ.

މާދަމާރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސިޓީ ބައްދަލުކުރާއިރު، ކްލޮޕް ބުނީ މިއީ އެއްވެސް ޓީމަކަށް ފަސޭހަވާނެ މެޗެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަހަންނަށް އެނގޭ ބަޔާނުގައި ޕެޕް ކުޅުވީ ކިހިނެއްކަން. އެކަމަކު އެކަމުން މި މެޗަށް ކުރާނެ ފައިދާއެއް ނެތް. މިއީ މުޅިން ތަފާތު މެޗެއް. ދެ ކޯޗުން މިތިބީ ތަފާތު ދެ ކްލަބުގައި،" ކްލޮޕް ބުންޏެވެ.

ގާޑިއޯލާ އަކީ ފަހުގެ ތާރީހުގައި ފުޓްބޯޅަ އަށް އެންމެ ތަފާތު ސްޓައިލެއް ތައާރަފްކުރި ކޯޗު ކަމަށާއި އޭނާގެ ފެންވަރާ މެދު ސުވާލު އުފެއްދޭކަށް ނެތް ކަމަށް ކްލޮޕް ބުންޏެވެ.

"ޔޯހަން ކްރައިފްގެ ޓޯޓަލް ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދިޔައީ ގާޑިއޯލާ. އޭނާ ހަވާލުވި ކޮންމެ ޓީމެއްގައި ވެސް އެ ތަކުރާރު އެބަކުރޭ. ސިޓީގެ ނަތީޖާތައް މި ވަގުތު ދަށް ނަމަވެސް އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް އަހަރެން ނުދެކެން،" ކްލޮޕް ބުންޏެވެ.

ލީގުގައި މިދިޔަ މަހު ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނު ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ އަށް މާދަމާރޭގެ މެޗުގައި ކުޅެވުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.

ކްލޮޕް ބުނީ ކޯޓީނިއޯ އަންނަނީ އޭނާގެ އިންޖަރީން ރަނގަޅުވަމުން ކަމަށާއި އެހެން ނަމަވެސް އަވަސް އަރުވާލައިގެން އޭނާ މެޗުތަކުގައި ބޭނުން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"ކޯޓީނިއޯ އަންނަނީ ޓްރެއިނިން ތަކުގައި ބައިވެރިވަމުން. ސިޓީ މެޗާއި ސަންޑަލެންޑް މެޗުގައި ކޯޓީނިއޯ ބޭނުކުންކުރުމާ މެދު އެހާ ވަރަކަށް ނުވިސްނަން. ކޯޓީނިއޯ އެނބުރި އެއައީ ބޮޑު އިންޖަރީ އަކުން އޭނާ އެއްކޮށް ރިކަވާވާން ވަގުތު ބޭނުންވާނެ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް ލީގުގެ ދެ ވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ. ސިޓީ ތިން ވަނައިގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 22:30 ގަ އެވެ.