Roadha Mihaaru
ލިވަޕޫލް އުއްމީދުގައި، ސިޓީގެ އަމާޒު ތަށްޓަށް!

ލިވަޕޫލް އުއްމީދުގައި، ސިޓީގެ އަމާޒު ތަށްޓަށް!

12 މެއި 2019

ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް މިރޭ ނުކުންނައިރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރުގައި މެންޗެސްޓާ ސިޓީން ތަށި އުފުލާލުމަށް އަމާޒުހިފާފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލްގެ އުއްމީދަކީ ސިޓީ ކުޅޭ މެޗުން ޕޮއިންޓް ގެއްލި 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް މިރޭ ނުކުންނައިރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރުގައި މެންޗެސްޓާ ސިޓީން ތަށި އުފުލާލުމަށް އަމާޒުހިފާފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލްގެ އުއްމީދަކީ ސިޓީ ކުޅޭ މެޗުން ޕޮއިންޓް ގެއްލި 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ސިޓީ އޮތީ 37 މެޗުން 95 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 37 މެޗުން 94 ޕޮއިންޓެވެ. ސިޓީ ރަށުންބޭރުގައި މިރޭ ބްރައިޓަން އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. ލިވަޕޫލަށް ފުރުސަތެއް އޮތީ ސިޓީ ކުޅޭ މެޗުން މޮޅުނުވެ، ލިވަޕޫލް ކުޅޭ މެޗުން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން މޮޅުވެއްޖެނަމަ އެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ފޯރިގަދަ އެއް ރޭހުގެ ފަހު މެޗުތަކަށް ނުކުންނައިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިލި އެންމެ އުނދަގޫ އެއް ޗެލެންޖް ކަމަށް ބުނެފަ އެވެ. އަދި މި ފަހަރުގެ ލީގު ސިޓީ އަށް ގެއްލިއްޖެނަމަ ގިނަ ފާޑުކިއުންތަކެއް އަމާޒުވާނެ ކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ ހުރިހާ ކަމަކަށް ތަކުރާރުވެގެން ކަމަށް ބުންޏެވެ.

"އަހަރެމެންނަށް ޗެމްޕިއަންސް ލީގުން ފެނުނީ ޓީމަކަށް މުބާރާތެއް ނިމޭ ހިސާބުން ހުރިހާ ކަމެއް ނިމޭނެ. ދެން އަމާޒުވާނީ ފާޑުކިއުން އޭގެ ސަބަބުން އެ ޓީމަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުފޯރާ. އަހަރެމެން ވެސް މިހުރީ އެ ފަދަ ހާލަތެއްގައި އެންމެ ގޯހެއް ހެދުނަސް މުޅި މެޗަށް އަސަރުކުރާނެ،" މިރޭގެ މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 13 މެޗުން މޮޅުވެފަ އެވެ. ގާޑިއޯލާ ބުނީ މިދިޔަ އަހަރު ސިޓީން 100 ޕޮއިންޓް ހަމަކޮށް ލީގު ތަށި އުފުލާލުމަށް ފަހު މި ސީޒަނުގައި އިތުރަށް އުނދަގޫވާނެ ކަމަށް އުއްމީދުކުރި ކަމަށެވެ.

"މި ހިސާބަށް އަހަރެމެން އައުމަކީ ފަހުރެއްގެ ގޮތުގައި އަހަރެން ދެކެނީ. އިދިކޮޅަށް ނުކުތް ހުރިހާ ޓީމެއް އޮތީ ވަރުގަދަކޮށްފައި. ހާއްސަކޮށް މި ރޭސް އިތުރަށް ފުރިހަމަވީ ލިވަޕޫލް ދެއްކި ހިތްވަރުން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގެ ބޮޑުބައިގައި ލިވަޕޫލުން އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އެކަމަކު ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލި ހިސާބުން ފެށިގެން ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން އެއް ވަނަ މަގާމު ގެއްލުނީ އެވެ. މި ފަހަރު ލީގުގައި ލިވަޕޫލް ހަމައެކަނި ބަލިވީ ސިޓީ ދަނޑުގައި ކުޅުނު މެޗުން އެކަންޏެވެ. ފަހު މެޗަށް ނުކުންނައިރު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހުރީ އަދިވެސް ލީގު ހޯދުމުގެ އުއްމީދުގަ އެވެ.

"ފުޓްބޯޅައިގައި އަހަރެމެންނަށް ތަފާތު ވަގުތުތަކެއް ފެނިގެންގޮސްފި. އަހަރެންގެ ނަޒަރުގައި މި ހަފްތާގެ ޕްރިމިއާ ލީގުގެ ފަހު މެޗުތަކުގެ ތެރެއިން ވެސް އަހަރެމެންނަށް ރަނގަޅު ކަންތައްތަކެއް ވެދާނެ. މިތިބީ އުއްމީދުގައި،" ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލަށް ފުރުސަތު ހޯދައިދިން ކްލޮޕް ބުންޏެވެ.

ކްލޮޕް އެންމެ ފަހުން ތަށްޓެއް ހޯދީ 2012 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗަކަށް ހުރިއިރު އެވެ. ލިވަޕޫލުން އެންމެ ފަހުން ތަށްޓެއް ހޯދީ ވެސް އެ އަހަރުގެ ލީގު ކަޕް އެވެ. ކްލޮޕް ބުނީ މި ފަހަރުގެ ލީގު އެ ޓީމަށް ނުލިބުނު ކަމުގައިވިޔަސް މިއީ ގޯސް ސީޒަނެއްގެ ގޮތުގައި ބެލޭނެ ޖާގައެއް ނެތް ކަމަށެވެ.

"އަހަރެމެން ވަނީ މި ކްލަބްގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައި. އަހަރެމެން ބަލިވީ އެންމެ މެޗަކުން. ޓީމު އޮތީ ވަރަށް ރަނގަޅަށް. މި ރޭހުގައި އަހަރެމެންނަށް މި ޓީމުގެ ފެންވަރު ވަޒަންކޮށްލެވުނު ގިނަ މެޗުތަކެއް ފެނިގެންދިޔަ. މިއީ ގޯސް ސީޒަނެއް ކަމަށް ނުދެކޭނަން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުންނައިރު އޮތް ހިތްހަމަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ، މުހައްމަދު ސަލާހާއި އެންޑީ ރޮބަޓްސަން އަދި ޖޯޑަން ހެންޑަސަން މެޗަށް ފިޓްވެފައިވުމެވެ. މިރޭ ސިޓީ ކުޅޭ މެޗުގައި ކެވިން ޑިބްރޭނާ އަށް ކުޅެވުނު ނަމަވެސް ފެނާންޑީނިއޯ އަށް ސީޒަން ނިމުމުގެ ބިރުވަނީ ބޮޑުވެފަ އެވެ.

ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެސް މިރޭ ފަށާނީ ރާއްޖެ ގަޑިން 19:00 ގަ އެވެ.