Roadha Mihaaru
ކްލޮޕް ދޮގުހެދުމުން ގާޑިއޯލާ ހިިތްހަމަނުޖެހިއްޖެ

ކްލޮޕް ދޮގުހެދުމުން ގާޑިއޯލާ ހިިތްހަމަނުޖެހިއްޖެ

07 ފެބުރުއަރީ 2021

މެންޗެސްޓާ (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދޮގު ހެދިކަމަށް ބުނެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މެންޗެސްޓާ (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދޮގު ހެދިކަމަށް ބުނެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މެޗުގެ ކުރިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ ލިވަޕޫލުން މެޗުތައް ކުޅެން ޖެހެނީ އެއްވެސް ބްރޭކެއް ނެތި ކަމަށާއި އެކަމަކު ސިޓީ އަށް ދެ ހަފްތާއެއްހާ ދުވަހުގެ ބްރޭކެއް ލިބުނު ކަމަށް ބުނެފަ އެވެ.

ސިޓީން މިދިޔަ ޑިސެމްބަރު މަހު 28 ވަަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ ސިޓީގައި ކޮވިޑް-19 ގެ ކޭސްތަކެއް ގިނަވެ، ޓީމުގެ ހާލަތު ރަނގަޅަށް ސާފުނުވާތީ އެވެ. ސިޓީ އަށް ބްރޭކެއް ލިބުނީ ޑިސެމްބަރު 26 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެން ޗެލްސީއާ ދެކޮޅަށް ޖެނުއަރީ ތިން ވަނަ ދުވަހު ކުޅުނު މެޗާ ހަމައަށެވެ. އެ މުއްދަތަށް ބަލާނަމަ ސިޓީ އަށް ލިބުނީ ހަފްތާއެއްގެ ބްރޭކެކެވެ.

ގާޑިއޯލާ ބުނީ އޭނާ ހީކުރީ ކްލޮޕަކީ އެ ގޮތަށް ހަގީގަތް އޮޅުވާލާނެ ކޯޗެއް ނޫން ކަމަށެވެ.

"ޔާގަން (ކްލޮޕް) އެބަޖެހޭ ކަލަންޑަރަށް ރަނގަޅަށް ބަލާލަން. އަހަރެމެންގެ ޓީމުގެ ކުޅުންތެރިންނަށް ކޮވިޑް ޖެހުނު. އަހަރެމެންނަށް ލިބުނީ އެއް ހަފްތާ ބްރޭކަކަށް. އަހަރެމެން ޗެލްސީއާ ދެކޮޅަށް ނުކުތީ އެންމެ 14 ކުޅުންތެރިންނާ އެކު. އަހަރެން ޔާގެން (ކްލޮޕް)އާ ބައްދަލުވީމަ މި ވާހަކަތައް ދައްކާނަން. އޭރުން އޭނަ އަށް ވިސްނޭނެ ކަމަށް މި ބަލަނީ. އޭރުން އެނގޭނެ އޭނަ އަށް ހެދުނީ ދޮގެއް ކަން ވެސް،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިނުވެ 68 މެޗު ހަމަކުރި ނަމަވެސް އެންމެ ފަހުން އަމިއްލަ ދަނޑުގައި މޮޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ލިވަޕޫލް ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ބާްންލީ އާއި ބްރައިޓަން އަތުން ބަލިވެފަ އެވެ. ސިޓީ އެންމެ ފަހުން ލިވަޕޫލް ދަނޑުގައި ލީގު މެޗަކުން މޮޅުވީ 2003 ވަނަ އަހަރު އެވެ. އަނެއްކޮޅުން ކޯޗިން ކެރިއަރުގައި އެންމެ ގިނަ މެޗުތަކުގައި ވާދަކޮށް ގާޑިއޯލާ އަށް މޮޅެއް ނުލިބި އޮތީ ލިވަޕޫލް ދަނޑުގަ އެވެ.

"ލިވަޕޫލް ދަނޑުގައި އެ ޓީމަށް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވުނަސް. އަހަރެންގެ ތަޖުރިބާގައި އެއްޗެއް ބުނާނަމަ ލިވަޕޫލާ ދެކޮޅަށް އެންފީލްޑްގައި މެޗު ކުޅުމަކީ ފަސޭހަކަމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު މެޗުން މޮޅުނުވުމުން ސިޓީ އަށް ވަނީ އެއް ވަނައިގައި ލީޑުފުޅާކުރަން ފުރުސަތު ލިބިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 22 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ހަތަރެއްގައި ލިވަޕޫލް އޮތީ 22 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މި ފަހަރު ލީގުގެ ރޭހުގައި އޮންނަން ބޭނުންނަމަ މިރޭ ސިޓީއާ ދެކޮޅަށް ނަތީޖާ ނެރެން ޖެހެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.