Roadha Mihaaru
ގާޑިއޯލާ އަނެއްކާ ވެސް ލިވަޕޫލަށް ތައުރީފުކޮށްފި

ގާޑިއޯލާ އަނެއްކާ ވެސް ލިވަޕޫލަށް ތައުރީފުކޮށްފި

21 ސެޕްޓެމްބަރ 2019

މެންޗެސްޓާ (ސެޕްޓެމްބަރު 21) - ކޯޗިން ކެރިއަރުގައި މިހާތަނަށް އިދިކޮޅަށް ނުކުތް އެންމެ ވަރުގަދަ އެއް ޓީމަކީ ލިވަޕޫލް ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާ ވެސް ލިވަޕޫލަށް ތައުރީފުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ސެޕްޓެމްބަރު 21) - ކޯޗިން ކެރިއަރުގައި މިހާތަނަށް އިދިކޮޅަށް ނުކުތް އެންމެ ވަރުގަދަ އެއް ޓީމަކީ ލިވަޕޫލް ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާ ވެސް ލިވަޕޫލަށް ތައުރީފުކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ރަނގަޅު ލީޑެއް ނަގާފައިވަނިކޮށް ގާޑިއޯލާ ވަނީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ލިވަޕޫލަށް ތައުރީފުކޮށްފަ އެވެ. އެކަމަކު ފަހުން ސިޓީން ވަނީ ލީގުގެ ރޭހުގައި ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު އެއް ޕޮއިންޓުގެ ތަފާތުން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރު ލީގުގައި މިހާތަަނަށް ލިވަޕޫލުން ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއް ވަނަ މަގާމުގައި އޮތްއިރު، ސިޓީ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓް ފަހަތުގަ އެވެ. އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި ލިވަޕޫލް ކުރީގައި އޮތުމުން އެ ޓީމަށް ތައުރީފުކޮށްގެން ގާޑިއޯލާ ބޭނުންވަނީ މީޑިއާގެ ފޯކަސް އަނބުރާލާ ލިވަޕޫލަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރުތަކެއް ކުރުމަށެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ ލިވަޕޫލަކީ އަހަންނާ ދެކޮޅަށް ކުޅުނު އެންމެ ވަރުގަދަ ޓީމު. އެ މީހުންގެ ޑިފެންސް އެޓޭކް. ދެން ކައުންޓައެޓޭކް ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އެ ފަދަ ޓީމެއް ފަހަތަށް ޖައްސާލުމުގެ ޗެލެންޖަކާ ކުރިމަތިލައިގެން އަހަރެމެން ތިބޭއިރު ވަރަށް ވިސްނައިގެން ކުޅެން ޖެހޭނީ. ލިވަޕޫލް އެ އޮތީ ހައްގު މަގާމެއްގައި،" ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުން ވަނީ މި ފަަހަރު އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓި އަތުން ބަލިވެފަ އެވެ. ގާޑިއޯލާ ބުނީ އަބަދު އެފަދަ ނަތީޖާތައް ތަކުރާރު ނުވާނެ ކަމަށެވެ.

"ނޯވިޗް މެޗުގައި ގޯސްތަކެއް ހެދިއްޖެ. އެކަމަކު އަބަދު އެހެނެއް ނުވާނެ. އަހަރެމެންގެ ގޭމް ކުޅެފިނަމަ ނަތީޖާ ނެރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ އައިމެރިކް ލަޕޯޓް އާއި ޖޯން ސްޓޯންސް ކުޅުމާ ދުރުގައި ހުރުމެވެ. ގާޑިއޯލާ ބުނީ އެ ޖާގަ އަށް ބޭނުންކުރެވޭ ގޮތަށް ހުރީ މެދުތެރެއަށް ކުޅޭ ބްރެޒިލްގެ ފެނާންޑީނިއޯ ކަމަށެވެ.