Roadha Mihaaru
ސިޓީގެ ވާދަވެރިންނަކީ އަބަދުވެސް ލިވަޕޫލް: ގާޑިއޯލާ

ސިޓީގެ ވާދަވެރިންނަކީ އަބަދުވެސް ލިވަޕޫލް: ގާޑިއޯލާ

15 އޮކްޓޯބަރ 2022

މާސީސައިޑް (އޮކްޓޫބަރު 15) - އެންމެ ފަހުގެ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގުގެ ތަށި ދިފާއު ކުރުމުގައި އެންމެ ބޮޑު ހުރަހަކީ އަދިވެސް ލިވަޕޫލް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (އޮކްޓޫބަރު 15) - އެންމެ ފަހުގެ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގުގެ ތަށި ދިފާއު ކުރުމުގައި އެންމެ ބޮޑު ހުރަހަކީ އަދިވެސް ލިވަޕޫލް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަނުގައި މިހާތަނަށް ލީގުގައި ބަލި ނުވެ އޮތީ ހަމައެކަނި ސިޓީ އެވެ. ނަމަވެސް ޕޮއިންޓެއްގެ ތަފާތުން އެޓީމު އޮތީ އާސެނަލްގެ ފަހަތުގައި، ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ދެ ވަނައިގަ އެވެ. ލިވަޕޫލް މިހާތަނަށް އަށް މެޗު ކުޅެފައި ވާއިރު، ދެ މެޗު ކާމިޔާބު ކޮށްގެން އެޓީމަށް ހޯދިފައި ވަނީ 10 ޕޮއިންޓެވެ. ދެ މެޗުން ބަލި ވެފައި ވާއިރު، ދެ މެޗުން މޮޅު ވެގެން އެ ޓީމު އަދި އޮތީ 11 ވަނައިގަ އެވެ.

ލީގުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ލީގުގައި ސިޓީގެ ވާދަވެރިންނަކީ އަބަދުވެސް ލިވަޕޫލް ކަމަށެވެ. އަދި ދެ ޓީމުގެ ކޮލިޓީ އަށް ބަލާއިރު، ދެ ޓީމުގެ ކުރިމަތިލުންތައް އަބަދުވެސް ވާދަވެރި ވެފައި އުނދަގޫ ކަމަށް ގާޑިއޯލާ ބުންޏެވެ.

"ނިމެން 10 މެޗަށް ވެފައި ވަނިކޮށް ތިޔަ ސުވާލު ކޮށްފި ނަމަ އަހަރެން ބުނާނަން، އަހަރެންނަކަށް ހިޔެއް ނުވެއޭ ލިވަޕޫލަށް ލީގު އެއް ވަނައަށް އެރޭނެހެން. އެ ކަމަކު އަހަރެމެން މި ތިބި ހާލަތާއި، ވޯލްޑް ކަޕް ވެސް ކުރިއަށް އޮތުމުން ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ،" ގާޑިއޯލާ ބުންޏެވެ.

"އެމީހުންގެ ކޮލިޓީ ހުރި ކަން އެބަ އެނގޭ، އެމީހުންނަށް އެނގޭނެ އަހަރެމެންގެ ފެންވަރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއް. އަދި ދެކޮޅަށް ނުކުންނަ އިރު އެނޫން ކަމަކަށް އަހަރެން އުއްމީދެއް ވެސް ނުކުރަން."

ފާއިތުވި ފަސް ސީޒަންގެ ތެރެއިން ސިޓީން ވަނީ ހަތަރު ފަހަރު ލީގް ކާމިޔާބު ކޮށްފަ އެވެ. ސިޓީ ފަހަތަށް ޖައްސާލީ 2019/2020 ސީޒަންގައި ލިވަޕޫލުންނެވެ. އެއީ ލިވަޕޫލުން 30 އަހަރު ފަހުން ނެގި ފުރަތަމަ ލީގު ތަށްޓެވެ. މިދިޔަ ސީޒަންގައި ލީގު ކާމިޔާބު ކުރަން ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން އެންމެ ފަހު މެޗާ ހަމައަށް ކުރިއަށް ދިޔަ އެވެ.

"ދުވަސްކޮޅެއް ކުރިން ލިވަޕޫލުން ދިޔައީ އިނގިރޭސި ފުޓުބޯޅައިގެ ބޮޑު ޝަރަފެއް ހޯދަން ވާދަ ކުރަމުން، ހަތަރު މުބާރާތް (ކާމިޔާބު ކުރަން)، ގިނަ ހަމަލާ ތަކެއް އުފެއްދި، ގިނަ ވަގުތު ބޯޅަ ގެންގުޅުނު، ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔަ، އެކަމަކު ފަހު ދުވަހު ފުރުސަތު ގެއްލުނީ. މިއީ ހަމަ އެއް ޓީމެއް، އެއް މެނޭޖަރެއް، ހާލަތު ބަދަލު ކޮށްލަފާނެ." ގާޑިއޯލާ އިތުރަށް ބުންޏެވެ.

"މިއީ މުބާރާތުގެ ތަބީއީ ކަމެއް، އަހަރެން ނުބަލަން ސީދާ ކުލަބުގައި އެންމެ އުފާވެރި ވަގުތުތަކެއް، ނުވަތަ ގޯސްކޮށް ގޮސްފައިވާ ކަންކަމެއް. އަހަރެން އެނަލައިޒް ކުރަނީ ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ކުޅުން ނެރުމަށް ގަސްދު ކޮށްގެން."

ލިވަޕޫލަށް ލީގަށް ވާދަކުރެވޭނެ ފުރުސަތު އޮތް ކަމަށް ކޮލްޕް އަކަށް ނުފެނޭ

ލިވަޕޫލާއި ސިޓީގެ ކުރިމަތިލުންތަކަކީ ފަހުގެ ތާރީހެއްގައި ލީގު ކަށަވަރުކުރަން މުހިއްމު މެޗެއް ގޮތުގައި ފާހަގަ ކުރެވެ އެވެ. ނަމަވެސް މި ސީޒަނުގައި ދެ ޓީމުގެ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް މިވަގުތު އެބަަ އޮތެވެ.

ސަމާސާ ރާގެއްގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، އެހެން ވެދާނެ ކަމަށާއި، ނަމަވެސް މި ސީޒަނުގައި އެ ރޭހުގައި ލިވަޕޫލް ނުހިމެނިދާނެ ކަމަށެވެ. އެކަމަކު ސިޓީގެ ވާދަވެރިކަމަކީ ލިވަޕޫލުން ކުރިއަށް ދިޔުމުގައި އަބަދުވެސް ލިބޭ ހިތްވަރެއް ކަމުގައި އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން ކްލޮޕް ބުނީ ސިޓީއިން ޓްރާންސްފާ މާކެޓްގައި ކުރާ ހޭދައާ އެއްވަރު ނުކުރެވޭނެ ކަމަށާއި، އެ ކަމުގައި ސިޓީއާ ވާދަކުރަން އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"އެއްވެސް ބަޔަކަށް ސިޓީއާ ވާދައެއް ނުކުރެވޭނެ އެ ކަމުގައި. ދުނިޔޭގެ އެންމެ މޮޅު ޓީމު ލިބި، ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރު (އާލިން ބްރައުޓް ހާލަންޑް) ލިބެން އޮތުމުން އަގަކަށް ނުބަލައި އޭނާ ހޯދަން ޖެހޭ،" ކްލޮޕް ބުންޏެވެ.

"އެކަމަކު ލިވަޕޫލުން ކީއްކުރީ؟ އަހަރެމެންނަށް އެމީހުން (ސިޓީ) މަސައްކަތް ކުރާ ގޮތަށް ކަންކަން ކުރިއަކަށް ނުގެންދެވޭނެ. ދުނިޔޭގައި ފައިސާ އޮވެގެން ކަންކަން ބޭނުން ގޮތަކަށް ކުރެވޭނެ ތިން ކުލަބެއް އޮތީ. ގާނޫނީ ގޮތުން ވެސް މައްސަލައެއް ނޯވޭ، އެމީހުން ބޭނުން ގޮތަކަށް ކަންކަން ކުރެވޭނެ," ކްލޮޕް ބުންޏެވެ.

"އަހަރެމެން ޖެހޭނީ އެކި ދިމަދިމާ ހޯދަން، މިތަނުން ޒުވާން ކުޅުންތެރިއެއް، އަނެއްތަނަކުން އަރަމުން އަންނަ ކުޅުންތެރިއެއް ނޫނީ އެހެން ތާކުން ހުނަރު ހޯދައިގެން. މިއީ އަހަރެމެން ކުރަން ވީ ކަމަކީ، އެމީހުންނާ ވާދަކުރަން. އެއީ އަހަރެންނަށް އެއްވެސް މައްސަލައަކަށް ނުވޭ."

ލިވަޕޫލުން ވަނީ ސިޓީ އިން ހާލަންޑް ގެނައި އަގަށް ވުރެ ބޮޑު ފީ އަކަށް އުރުގުއޭގެ ޒުވާން ފޯވާޑް ޑާވިން ނޫނޭޒް ގެނެސްފަ އެވެ. ހާލަންޑް މި ސީޒަނުގައި ސިޓީ އަށް މިހާތަނަށް 20 ލަނޑު ޖަހައިދީފައި ވާއިރު، ނޫނޭޒް އަށް އަދި ޖެހުނީ ހަތަރު ލަނޑެވެ. އެކަމާ ގުޅޭގޮތުން ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދީ، ޑާވިންގެ ދިފާއުގައި ކްލޮޕް ވަނީ ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ބުނެލަން ބޭނުމީ، މި ސީޒަނުގައި ސިޓީގެ ކުރިއަށް ޑާވިން ނޫނޭޒް ކުޅޭ ނަމަ، އޭނާ އަދި އިތުރު ލަނޑުތަކެއް ޖަހާލެވޭނެހެން އަހަރެންނަށް ހީވަނީ. ސިޓީ އަށް ވެސް އޭނާއަކީ ވަރަށް ރަނގަޅު ސްޓްރައިކަރަކަށް ވާނެ. އަހަރެމެން ޖެހޭނީ އަހަރެމެންގެ ކުޅުން ރަނގަޅު ކުރަން، އޭނާ އަށް ގިނަ ފުރުސަތު ތަނަވަސް ކޮށްދީގެން،" ކްލޮޕް ބުންޏެވެ.

މެޗާ ގުޅޭގޮތުން ކްލޮޕް ބުނީ، ޗެމްޕިއަންސް ލީގުގައި ރޭންޖާސް އަތުން ހޯދި ބޮޑު މޮޅާ އެކު ޓީމުގެ ރޫހު ރަނގަޅު ވެއްޖެ ކަމަށާއި، ނަމަވެސް މިވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ އިރު ހާލަންޑަށް އެކަނި ސަމާލު ވެގެން ނުކުޅެވޭނެ ކަމަށާއި، އެޓީމާ ދެކޮޅަށް ތައްޔާރު ވުމަކީ ފުޓުބޯޅައިގައި ބޮޑު ޗެލެންޖެއް ކަމަށެވެ.

އާ ސީޒަނުގައި ސިޓީ އާއި ލިވަޕޫލްގެ ފުރަތަމަ ކުރިމަތިލުން ލިވަޕޫލުން ކާމިޔާބު ކުރި އެވެ. ނަމަވެސް އެއީ ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ. މިދިޔަ ސީޒަންގައި ލީގުގައި މި ދެ ޓީމުގެ ދެ ކުރިމަތިލުން ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ލީގުގައި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން އޮތީ މާދަމާ ރޭ ލިވަޕޫލްގެ ދަނޑުގައި ރާއްޖެ ގަޑިން 8:30 ގަ އެވެ.