Roadha Mihaaru
ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ބިލެއް

ކުރީގެ މަޖިލިސް މެމްބަރުންނަށް އިނާޔަތް ނުލިބޭ ގޮތް ހަދަން ބިލެއް ހުށަހަޅައިފި

23 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ.

އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހެ އެވެ. އަދި މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހެ އެވެ. އަދި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

"...ރައްޔިތުންގެ މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަން ޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޕީން މީގެ ކުރިން ވަނީ ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހުން އެ މައްސަލަ ފާހެއް ނުވި އެވެ.