Roadha Mihaaru
މަޖިލީހުގެ ހައިޖާނުގެ ތެރެއިން ޗާގޯސް ސުވާލުތައް އޮޔާ!

މަޖިލީހުގެ ހައިޖާނުގެ ތެރެއިން ޗާގޯސްގެ ސުވާލުތައް އޮޔާ!

08 ޖޫން 2023

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިދިކޮޅުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ބުރަދަނެއް ވެސް ހުއްޓެވެ. ކާމިޔާބު ނުވާނެ ކަން އެނގި ތިބެމެ، މައްސަލަ އަމާޒުކޮށްފައި އޮތީ ގައުމުގައި މި ވަގުތު އޮތް ހައްސާސް މައްސަލައިގެ މުހިންމު ސުވާލުތަކަކަށް ޖަވާބު ހޯދުމަށެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިދިކޮޅުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ބުރަދަނެއް ވެސް ހުއްޓެވެ. ކާމިޔާބު ނުވާނެ ކަން އެނގި ތިބެމެ، މައްސަލަ އަމާޒުކޮށްފައި އޮތީ ގައުމުގައި މި ވަގުތު އޮތް ހައްސާސް މައްސަލައިގެ މުހިންމު ސުވާލުތަކަކަށް ޖަވާބު ހޯދުމަށެވެ.

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ތަނެއް ކަމަށް ސްޓޭންޑު ބަދަލުކުރީ ކީއްވެތޯ އާއި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައުޔުއެއް ނުހޯއްދެވީ ކީއްވެތޯ އާއި ދެކުނުގެ މަސްކަނޑުން ބައެއް ދޫކޮށްލަން އެއްބަސްވެވަޑައިގެންނެވީ ކީއްވެތޯ، މިއީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައިގެ ތެރެއިން ބަންޑާރަ ނައިބާ ކުރައްވަން ބަންޑެލި ކޮށްފައި ހުރި ބައެއް ސުވާލުތަކެވެ.

އެ މައްސަލަ މަޖިލީހުގެ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވަނިކޮށް، މަޖިލީހަށް ހާޒިރުވެވަޑައިނުގަނެ، އޭޖީ ހަމައެކަނި ލިޔުމުން ދިފާއު ފޮނުއްވުމުން އިދިކޮޅު މެމްބަރުން ރުޅިގަދަވީ ވެސް އެހެންވެ އެވެ. ލިޔެފައި އޮތް އެއްޗެއް މަޖިލީހުގެ އަމީންއާއްމު ތަޅުމަށް އިއްވައި ދެއްވުމުގެ ބަދަލުގައި، އެ ސުވާލުތަކަށް ޖަވާބު ބޭނުންވީ ސީދާ ބަންޑާރަ ނައިބުގެ ދުލުންނެވެ.

ފުލުފުލުގައި ނިޒާމީ މައްސަލަތައް ނަންގަވައިގެން މަޖިލީހުގެ ތަޅުން ހަލަބޮލިކޮށްލައި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލިޔުމުން އެކަނި ދިފާއު ހުށަނޭޅުއްވޭނެ ކަމާއި އޭޖީ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަންޖެހޭނެ ކަމަށް ހަރުއަޑުން އިދިކޮޅު މެމްބަރުން ގޮވާލައްވަމުން ގެންދެވި އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ވާގި ދެއްވައި، އެކަން ސާފުކުރައްވަން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދަވަން ނިންމަވައި، އެ މައްސަލަ މަޑުޖައްސާލެއްވި އެވެ.

އެކަމަކު، އޭޖީގެ ނިންމުން ފަހުން ބަދަލުކުރެއްވި އެވެ. އަނގަބަހުން ނޫނީ ލިޔުމުން ޖަވާބުދާރީވުމުގެ ހައްގު ލިބިދޭ ކަމަށް ރިފްއަތު ގަބޫލުކުރެއްވި ނަމަވެސް، މަޖިލީހަށް ހާޒިރުވެވަޑައިގެން ދިފާއު ހުށަހެޅުއްވުމުގެ ފުރުސަތަކަށް އަމިއްލައަށް އެދިވަޑައިގެންނެވި އެވެ. އެއާ އެކު ދެން އެންމެ އަވަހަށް ޖަލްސާ އޮންނަ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާ އަށް އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ އަލުން އެޖެންޑާ ކުރި އެވެ.

ނައިމަ ވެސް ގޯސް، އައިމަ ވެސް ގޯސް

އެކަމަކު މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް އޭޖީ މަޖިލީހަށް ގެންނަވައިގެން ތަޅުމުގައި ޗަރުކޭސް ކުޅުއްވި މަންޒަރު ފެނުނެވެ. ފުރަތަމަ ދުވަހު އިސްތިޝާރީ ލަފާ ނުލިބޭ ކަމަށް ބުނެ، މައްސަލަ ތަޅުމަށް ހުށަހަޅަން ވެސް ފަހަތު ފަޔަށް ބުރަވި މަންޒަރު ފެނުނެވެ. އިރުއިރުކޮޅާ ނިޒާމީ މައްސަލަތައް ނަންގަވައިގެން އިދިކޮޅު އެހެން މެމްބަރުން ވެސް ބޭނުންވީ އެކަން ސާފުކުރައްވާށެވެ. ރަނގަޅު އެއްގޮތް ވެސް އޮތް ހެނެއް ހިއެއް ނުވި އެވެ. މަޖިލީހަށް ވަޑައިނުގަނެ ލިޔުމުން ޖަވާބު ފޮނުއްވީމާ ގޯސްވި މެމްބަރުން، ރިފްއަތު ވަޑައިގެންނެވީމަ ވެސް ގޯސްވި ކަހަލަ އެވެ. އެ ޒުވާބުގެ ތެރޭގައި އެތައް މެދުކެނޑުމަކަށް ފަހު މައްސަލަ ހުށަހެޅި، ދިފާއުގެ ފުރަތަމަ 10 މިނެޓު ރިފްއަތަށް ލިބިވަޑައިގެންނެވި އެވެ.

މާ ބޮޑު ޖަވާބެއް ވެސް ނުދެއްވުނެވެ. މެމްބަރުންގެ އަޑުގަދަކުރުމާއި ޒުވާބާ ހެދި އެވެ. ނިޒާމީ މައްސަލަ އިން ސަލާމަތް ނުވުމުންނެވެ.

އޭގެ ފަހުގައި މަދު މެމްބަރަކަށް ބަހުސްގައި ވާހަކަ ދައްކަވައި، ޖަލްސާ ކުރިއަށް ގެންދެވޭވަރު ވީ މެންދުރު ކެއުމުގެ ވަގުތާ ހަމައަށެވެ. ފަހު ދަންފަޅި ފެށުމާއެކު އިދިކޮޅު މެމްބަރުން ޝަކުވާ ކުރެއްވީ އޭޖީ ދެއްކެވި ވާހަކައާ ގުޅުވަ އެވެ. ސިޔާސީ ވާހަކަތައް ދައްކަވައި ވާދަވެރިންނަށް ނުސީދާކޮށް ރައްދު ދެއްވުމުގެ ބަދަލުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން ޑިމާންޑު ކުރައްވަމުންނެވެ. ދިފާއުގައި ވާހަކަ ދައްކަވަން އޭޖީއަށް ބާކީ 20 މިނެޓު އޮތް ނަމަވެސް، އެ ވަގުތަށް ވެސް ފުރުސަތު ނުދެއްވި އެވެ. ސުވާލާއި ޖަވާބުގެ ސެޝަނެއްގެ ސިފަ ޖައްސަވަން، ކޮޅަށް ތެދުވެވަޑައިގެން، ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަކުރައްވައި އިހުތިޖާޖު ކުރެއްވީ އެވެ. އެންމެ ފަހުން މަޖިލީހުގެ ނިޒާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ރިޔާސަތުން ޖަލްސާ ނިންމާލީ އެވެ.

ވިދިގެން އައި އަންގާރަ ދުވަހުގެ ޖަލްސާއަށް ވެސް ރިފްއަތު ގެންނަވައިގެން ފެށީ އަދި މާ ގޯސްކޮށެވެ. އަލުން މައްސަލައިގެ ބަހުސަށް ދިޔުމުގެ ކުރިން، ބަންޑާރަ ނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވާ އިދިކޮޅުން މައްސަލައެއް ހުށަހެޅީ އެވެ. އިމްތިޔާޒްގެ މައްސަލަ ތަޅުމުން ފާސްނުވުމުން ކޮމިޓީ އަށް ދާނީތޯ އަނެއްކާވެސް ގާނޫނީ ސުވާލެއް އުފެދުނީ އެވެ. އަދި އެކަން ނުނިންމައި، އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވަން ފެއްޓެވުމުން، ރިޔާސަތުން ނަޝީދު ވަނީ އޭޖީގެ މައްސަލަ މިވަގުތަށް މަޑުޖައްސައިލީ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

ސުވާލުތަކަށް ޖަވާބު ނުލިބުން ދެރަ

ހޯމަ ދުވަހުގެ ޖަލްސާ ކުރުކޮށްލިއިރު، ބަހުސްގައި ވާހަކަ ދައްކަވަން ލިސްޓުގައި އިނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އުޝާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަރުކާރުން ކަނޑު ވިއްކާލި ކަމަށް ބުނެ އެއްތަންވެފައިވާ ކޯލިޝަނުގައި ވެސް ހިމެނޭ އެމްއެންޕީގެ ފަރާތުން މި މައްސަލާގައި ވާހަކަ ދައްކަން ހަމަޖެހިފައި އޮތީ އޭނާ އެވެ.

"އަޅުގަނޑުމެން ބަންޑާރަ ނައިބާ ކުރަން ބޭނުންވެފައި ހުރި ވަރަށް މުހިންމު ގާނޫނީ ސުވާލުތަކެއް ހުރި. އެކަމަކު އެއްވެސް ވާހަކައެއް ވެސް ސުވާލެއް ވެސް ނުކުރެވި މި ދިޔައީ،" ކުރީގެ ޑެޕިޔުޓީ އޭޖީ ކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ދުވަސް މަތިން ބަންޑާރަ ނައިބު ގެންނަވައިގެން، ދެކުނުގެ އިން ވަކި ކުރުން ފަދަ މުހިންމު މައްސަލައެއްގައި ސުވާލު ކުރުމުގެ ފުރުސަތު ގެއްލުމުގައި ދެ ފަރާތުން ވެސް ވަނީ ގޯސް ހަދައިފަ އެވެ.

އިދިކޮޅު މެމްބަރުން އަމަލުކުރެއްވި ގޮތާއި ރިޔާސަތުން މުޅި މައްސަލަ ގެންދެވި ގޮތް ވެސް އުޝާމަށް ކަމަކު ނުދެ އެވެ. އެގޮތުން، އިމްތިޔާޒްގެ މައްސަލައާ ގުޅުވައި އިތުބާރު ނެތް ކަމުގެ މައްސަލަ ރިޔާސަތުން މަޑުޖައްސާލީ ކޮން ވިސްނުމެއްގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ސުވާލުތައް އޭޖީ އާ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް، އެކަށީގެންވާ ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ރޫހެއްގަ އެއް ނޫން ބަންޑާރަ ނައިބު ހުންނެވީ. ވަރަށް ޒާތީވެ، އަންޕްރޮފެޝަނަލްކޮށް ޖަވާބުތައް ދެއްވީ-- އުޝާމް

"މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ރޫހެއްގަ އެއް ނޫން ބަންޑާރަ ނައިބު ހުންނެވީ. ވަރަށް ޒާތީވެ، އަންޕްރޮފެޝަނަލްކޮށް ޖަވާބުތައް ދެއްވީ،" އުޝާމް ވިދާޅުވި އެވެ.

އެކަމަކު ރިފްއަތަށް ކަނޑައަޅާފައިވާ އޮތް ވަގުތުގެ ބާކީ 20 މިނެޓާ ހަމައަށް ބަހުސް ކުރިއަށް ގެންދެވުނު ނަމަ، އޭޖީގެ ފަރާތުން "ކޮންމެވެސް ވަރެއްގެ" ޖަވާބުތަކެއް ލިބުނީސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޖަވާބު ނުދޭ ނަމަ މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް

ނަމަވެސް، އުޝާމްގެ އެ އުއްމީދާއި މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތް ތަފާތެވެ. އޭނާ "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު މަޖިލީހުގައި އޮތް އިރު، އޭޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ، އެކަން ކާމިޔާބުނުވާނެ ކަން އެނގިވަޑައިގެން ކަމަށެވެ.

"އަޅުގަނޑު މައްސަލަ ހުށަހެޅީ އޭޖީގެ ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވެއްޖެ ކަމަށް ގަބޫލުކުރެވިގެން. އެއީ ޗާގޯސް މައްސަލައާ އެ ޒިންމާތަކާ ގުޅުންހުރީމަ. އެހެންވީމަ އެ މައްސަލައިގަ ވަރަށް ސާފުކޮށް ހުންނާނެ އެ ސުވާލުތައް ހިމަނާފަ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރިފްއަތު ލިޔުމުން ފޮނުއްވި ދިފާއުގައި ވެސް އަދި ފަހުން މަޖިލީހަށް ވަޑައިގެން ވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ދެއްކެވީ މުޅިން އެހެން ވާހަކަތަކެއް ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

ރިފްއަތު ލިޔުމުން ޖަވާބު ފޮނުއްވުމުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ހޯދަން އިދިކޮޅު މެމްބަރުން ޑިމާންޑު ކުރެއްވި ސަބަބު ވެސް އޭނާ ސާފުކޮށްދެއްވި އެވެ. އެގޮތުން، އާދަމް ޝަރީފް ވިދާޅުވީ ހަމައެކަނި ލިޔުމެއް ފޮނުވާލައިގެން، ގާނޫނުއަސާސީގައި އެ ބުނާ މަޖިލީހަށް ޖަވާބުދާރީ ވެވުނީ ކަމަށް ނުބެލޭނެ ކަމަށެވެ.

"ޑެލިބަރޭޝަނަކަށް ދާންޖެހޭނެ. މެމްބަރުންގެ ކުރިމައްޗަށް ވަޑައިގެން، ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނީ. އެއީ ރައްޔިތުންނަށް ޖަވާބުދާރީވުމަކީ. އެހެންނޫނީ މާދަމާ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެއްދީމާ، ތިން ފޮޅުވަތުގެ ގަނޑެއް ނޫންތޯ ފޮނުވާލައްވާނީ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު ހާމަކަން ބޮޑު ގޮތެއްގައި ތަފްސީލުކޮށް ވާހަކަ ނުދެއްކެވުމުގެ ގެއްލުން ސަރުކާރަށް މާބޮޑެވެ. ފައްސަތަކޭ މިލިއަން ޑޮލަރަށް ސަރުކާރުން ކަނޑު ވިއްކާލި ފަދަ ތުހުމަތުތައް އުފަންވަނީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

"ޗާގޯސް މައްސަލާގައި ސަރުކާރުން މި ބުނަނީ ރާއްޖެއަށް އެންމެ ފައިދާވާ ގޮތަށޭ ކަންކަން ކުރީ. އެހެންވިއްޔާ އެކަން ރީތިކޮށް ކިޔައިދޭންވީ ނޫންތޯ؟ އިކުއިޑިސްޓަންސް އޭ އެންމެ ރަނގަޅީ ބުނަންޏާ އެއިގެ ވެސް ހެއްކާ އެކު ދައްކަންވީ ނޫންތޯ؟ ޑރ. މުނައްވަރު ފަދަ ގާނޫނީ މާހިރުން އެ ދައްކަވާ ވާހަކަތަކަށް ޗެލެންޖުކޮށްފަ ކިޔާދޭންވީ ނޫންތޯ؟،" އޭނާ ވިދާޅުވި އެވެ.

އެއިގެ ބަދަލުގައި ހުރިހާ ކަމެއް ފޮރުވައި، އެއްވެސް ޖަވާބެއް ނުދެއްވުމުން، ޗާގޯސް މައްސަލާގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް އިދިކޮޅުން އިސްވެ ދައްކާ ވާހަކަތަކަށް އިތުރު ބާރެއް ލިބޭ ކަން ފާހަގަކުރެއްވި އެވެ.

ޕަބްލިކްގެ ސުވާލުތަކަށް ޖަވާބު ނުދެއްވީމަ، އެއީ ޕަބްލިކް ކޯޓުގަ އަޅުގަނޑުމެންނަށް ލިބޭ މޮޅެއް: އާދަމް ޝަރީފް

އާދަމް ޝަރީފް އާއެކު އިދިކޮޅު މެމްބަރުންގެ މަގުސަދުގައި އޮއްޓަރު ހުރި ކަމަށް އެއްބަސްވިޔަސް، އާންމުންނަށް ފެންނާނީ ބަންޑާރަ ނައިބު ގެންނަވައިގެން މަޖިލީހުގައި ޖެހި ޒާތެއްގެ ސަކަރާތްގަނޑެވެ. އަމިއްލައަށް ހުށަހެޅި މައްސަލައަށް އަމިއްލައަށް ހުރަސްއަޅައި، ހުއްޓުވި މަންޒަރެވެ. އެއާ އެކު، އިދިކޮޅުގެ ނިޔަތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބެ އެވެ. ޗާގޯސް މައްސަލައިގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ބަންޑާރަ ނައިބަށް ދެވުނު ނަމަ، އެ ޖަވާބުތަކުގެ ރަނގަޅާއި ނުބައި އާންމުން އަމިއްލައަށް ވަޒަންކުރެވުނީހެވެ.

އެކަމަކު މިހާރު ކަން ހިނގާދިޔަ ގޮތުން، ބަންޑާރަ ނައިބުގެ އިތުބާރުނެތް ކަމުގެ މައްސަލަ އާއެކު، ޗާގޯސް މައްސަލާގައި ހުރި ސުވާލުތަކާއި ބޭނުންވެގެން އުޅުނު ޖަވާބުތައް ވެސް އޮޔާ ދިޔައީ އެވެ. އެންމެ ފަހުން ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ އެޖެންޑާ އިން "ގެއްލިއްޖެ" އެވެ. ސަރުކާރުގެ ކަމާ ގުޅޭ ވަޒީރު އެންމެ ރަނގަޅަށް ޖަވާބުދާރީ ކުރުވޭނެ މާލަމަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވިޔަސް އިދިކޮޅު މެމްބަރުން މުޅި މަޖިލިހުގެ ނިޒާމު ގަޑުބަޑުކޮށްލީ އެވެ. މުޅި މައްސަލަ އޮޔާ ދުއްވާލީ އެވެ.