Roadha Mihaaru
ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!

ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!

27 ޖޫން 2022

އެއް ޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ގިނަ އަދަދެއްގެ ބަރަހަނާ ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން އުޅުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެއް ޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ގިނަ އަދަދެއްގެ ބަރަހަނާ ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން އުޅުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ބިދޭސީ ފިރިހެނަކާ އެކީ އެކި މީހުން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވަމުން ދާއިރު އަދި އާންމު ނުވާ އެތައް ބައެއްގެ ވީޑިއޯ ހުރި ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ޒިންމާދާރު އެކި މަގާމުތަކުގައި އުޅޭ މީހުން ހިމެނޭކަން ވެސް ވަނީ އެނގިފަ އެވެ.

މި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި މި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށްވެ އެވެ. މި ވީޑިއޯތައް ފަހުން މި އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.

ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި މާޗުގެ ފަހު ހަފްތާ އިން ފެށިގެން އެ މުއައްސަސާ އިން އަންނަނީ ވީޑިއޯތަކުގެ މައްސަލަ އާއި ބްލެކްމެއިލް ކުރުމުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މިހާރު އެކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.

މިއަދު ވަނީ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ފޮޓޯއެއް ވެސް ލީކުވެފަ އެވެ. އެކަމާ ބެހޭ ގޮތުން އޭނާ ވެސް ވަނީ އެ ވީޑިއޯ ދައްކައިގެން ބްލެކްމެއިލްކޮށް ދެ ލައްކަ ޑޮލަރު ހޯދަން އުޅުނު ކަމަށް ބުނެފަ އެވެ.

ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ.

ވީޑިއޯ އާންމުވުމާ އެކު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އަނދުން ހުސެއިންގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.