Roadha Mihaaru
ބަރަހަނާ ވީޑިއޯ ލީކުކުރި ބަޔަކު ދެނެގަނެވިއްޖެ: ޕޮލިސް

ބަރަހަނާ ވީޑިއޯ ލީކުކުރި ބަޔަކު ދެނެގަނެވިއްޖެ: ޕޮލިސް

27 ޖޫން 2022

އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުކުރަމުންދާ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުކުރަމުންދާ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާއި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ވީޑިއޯތައް ލީކުކުރާ މައްސަލާގައި ހިމެނޭ ބަޔަކު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

"މި މައްސަލާގައި ހިމެނޭ ފަރާތްތަކެއްގެ މައުލޫމާތު މިހާރު ވަނީ ދެނެގަނެވިފައި. އެ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ،" ރިޔާޒު ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި އެއް ޖިންސުން ގުޅުން ހިންގުމާއި ބްްލެކްމެއިލް ކުރުމުގެ މައްސަލައިގެ ވީޑިއޯތައް މި ފަހުން އާންމުވިޔަސް ރިޔާޒު ވިދާޅުވިގޮތުގައި މިދިޔަ މާޗު މަހުން ފެށިގެން އޭގެ ރިޕޯޓް ލިބިގެން، ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމަށާއި ތަހުގީގީ އިޖުރާއަތުތަކާ އެއްގޮތަށް އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މާޗު މަހުގެ ފަހުކޮޅާ ހިސާބުން ފުލުހުންނަށް ކޮންމެވެސް ވަރަކަށް މައުލޫމާތުތަކެއް ލިބިގެން އެ ބާވަތުގެ މައްސަލައެއް ތަހުގީގުކުރުމުގައި އަޅުގަނޑުމެން ބޭނުންކުރަން ޖެހޭ ބައެެއް އުކުޅުތައް ބޭނުންކޮށްގެން ތަހުގީގުކުރެވެމުންދާ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ތަހުގީގުގެ މިހާތަނަށް ވެސް ވީޑިއޯތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދިފައިވާ ކަމަށެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު ހެކި ހޯދުމަށް ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރަން ޖެހެނީ ވެސް ވަކި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ބައެއް ފަހަރު މީޑިއާތަކުން ހޯދަން އުޅޭ މައުލޫމާތު ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރިޔާޒު ވިދާޅުވީ މީޑިއާ އަށް މައުލޫމާތުދީ، ސުރުހީ ހަދަން ފުރުސަތުދީ، މީހުން ކިޔަން އެ މައުލޫމާތުތައް ދެވިދާނެ ކަމަށެވެ. އެކަމަކު އޭރުން މައްސަލައިގެ ނަތީޖާ އަށް ވާސިލުނުވެވޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އޮތް ޗޮއިސްއަކީ ތަހުގީގާ ގުޅޭ ސްޓެޓެޖީތައް ތަހުގީގުގެ މަގްސަދަށް ހިންގުން. ނުވަތަ މީޑިއާތައް އެ މައުލޫމާތުތައް ބޭނުންވާ ފަރާތްތައް އެންޓަޓައިން ކުރުމަށް އެ ވާހަކަ ދެއްކުން. އަޅުގަނޑުމެން ބޭނުންވަނީ ފުލުހުންގެ މަސައްކަތް ވީހާ ވެސް ފުޅާކޮށް، ވީހާ ވެސް ޓްރާންސްޕޭރަންޓްކޮށް މައުލޫމާތު ފަތުރައިގެން ކުރިއަށް ގެންދަން. އެހެން ނަމަވެސް އެކަމާ ގުޅޭ ވަގުތުގައި އެ މައުލޫމާތެއް ހާމަކުރުން އަޅުގަނޑުމެންގެ ސްޓެޓެޖީއަކީ،" ރިޔާޒު ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތަހުގީގާ ގުޅޭ އޮޕަރޭޝަނަލް ކަންކަމާ ގުޅިގެން މީޑިއާތަކުން އެޑްވާންސްކޮށް އެ މައުލޫމާތު ބޭނުންވެގެން އެ އުޅޭ އުޅުމުގައި އިތުރަށް ވިސްނާލައި އަޅުގަނޑުމެންނަށް ގާނޫނީ ހަމަތަކުގެ ތެރެއިން ތަހުގީގު ކުރިއަށް ގެންދަން ފުރުސަތު ދިނުން."

އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ތިބި ކަމަށް ބުނާ މީހުން ހައްޔަރު ނުކުރަނީތޯ ސުވާލު އުފައްދައިފަ އެވެ. ފުލުހުން ބުނީ މީހުން ހައްޔަރުކުރުމަށް ބަލާނީ ގާނޫނީ ސަބަބުތަކަށް ކަމަށާއި ހައްޔަރުކުރަންޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އެ މީހުން ހައްޔަރުކުރާނެ ކަމަށެވެ.

ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ.

ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަނދުން ހުސެއިންގެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.