Roadha Mihaaru
ޓޯކިޔޯގައި ކަރަންޓް މަދުން ބޭނުންކުރަން އަންގައިފި

އާދަޔާ ހިލާފަށް ހޫނުވާތީ ޓޯކިޔޯގައި ކަރަންޓް މަދުން ބޭނުންކުރަން އަންގައިފި

28 ޖޫން 2022

މި ދުވަސްވަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް އާދަޔާ ހިލާފަށް ހޫނުވަމުން ދާތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރަން އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފި އެވެ.

މި ދުވަސްވަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް އާދަޔާ ހިލާފަށް ހޫނުވަމުން ދާތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރަން އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފި އެވެ.

ޖަޕާނުގެ އިކޮނޮމިކް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ބުނީ މެންދުރު ގަޑީގައި ކަރަންޓަށް އޮންނަ ޑިމާންޑް މި ދުވަސްވަރު އާދަޔާ ހިލާފަށް އިތުރުވަމުން ވެސް ދާ ކަމަށެވެ. އެގޮތަށް ދާ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި، 37 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޓޯކިޔޯގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިވާނެ ކަމަށެވެ.

ކަރަންޓަށް އޮންނަ ޑިމާންޑް ވަރަށް ބޮޑުވެ، ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަތައް ވެސް މިހާރު ވަނީ ގިނަވެފަ އެވެ.

ބޭނުންނުކުރާ ލައިޓްތަކާއި އެހެން އެއްޗެހި ނިއްވާލަން އެ މިނިސްޓްރީން އެދުނެވެ. އެހެން ނަމަވެސް، އެންމެ ހޫނުގަދަވާ ގަޑީގައި ހީޓްސްޓްރޯކުން ސަލާމަތްވުމަށް އޭސީ ބޭނުންކުރަން އިރުޝާދު ދިނެވެ.

މިދިޔަ ހަފުތާ ބަންދުގައި ޓޯކިޔޯގެ ހޫނުމިން ވަނީ 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އުފުލިފަ އެވެ. އެ ގައުމުގެ އެހެން ސިޓީއެއް ކަމަށްވާ އިސެސަކީގައި ހޫނުމިން ވަނީ 40.2 ޑިގްރީ ސެލްސިއަސް އަށް އުފުލިފަ އެވެ. އެއީ ޖޫން މަހު ޖަޕާނުގައި މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ މަތީ ޓެމްޕަރޭޗާ އެވެ.

ޖޫން އަކީ ޖަޕާނުގައި އާންމުކޮށް ހޫނު މޫސުން ފެށޭ މަހެވެ. އެކަމަކު، މީގެ ކުރިން އާންމުކޮށް އެ ގައުމުގެ ހޫނުމިން އެ މަހު ހުންނަނީ 30 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގަ އެވެ.

މިދިޔަ މާޗު މަހު ޗަޕާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމާ ގުޅިގެން ވެސް އެ ގައުމުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެފަ އެވެ. އެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ބައެއް ނިއުކްލިއާ ޕަވާ ޕްލާންޓުތައް ވަގުތީ ގޮތުން ބަންދުކުރަން ވެސް ޖެހުނެވެ. އަދި ޖައްވަށް ވިހަ ގޭސްތައް ބޭރުވުން މަދުކުރުމުގެ ގޮތުން ފޮސިލް ފިއުލް ޕްލާންޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޖަޕާނުގެ ބައެެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހާ ހަމަ އަށް 46 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އަދި އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން 96 އަހަރު މީހަކު މަރުވެފައިވާ ކަމަށެވެ.