Roadha Mihaaru
ޔޫކްރޭން އަމާން ދިނުމުން ހަނގުރާމަ ހުއްޓިދާނެ: ރަޝިޔާ

ޔޫކްރޭން އަމާން ދިނުމުން ހަނގުރާމަ ހުއްޓިދާނެ: ރަޝިޔާ

29 ޖޫން 2022

"އަސްކަރީ ޚާއްސަ ހަރަކާތްތަކެއް"ގެ ނަމުގައި، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެއީ ޔޫކްރޭން ސިފައިން އަމާންދީ ހަތިޔާރު ބެހެއްޓުން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

"އަސްކަރީ ޚާއްސަ ހަރަކާތްތަކެއް"ގެ ނަމުގައި، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެއީ ޔޫކްރޭން ސިފައިން އަމާންދީ ހަތިޔާރު ބެހެއްޓުން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް، ޖީ7ގެ ގައުމުތަކުގެ ވެރިން އިއްޔެ އެއްބަސްވެވަޑައިގެންނެވި އިރު، ރަޝިޔާ އިން އިއްޔެ ބުނެފައިވަނީ ޔޫކްރޭން ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ހަމައަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ޖީ7ގެ ވެރިން އެއްބަސްވީ، ޖަރުމަން ވިލާތުގެ ބެވޭރިއާގައި މިމަހުގެ 26 ވަނަ ދުވަހު ފެށި ވެރިންގެ މަހާސިންތާ ނިންމުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

މި މަހާސިންތާގައި ޖީ7ގެ ގައުމުތަކުގެ ހުރިހާ ވެރިންވެސް ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުތައް އޮތީ ޔޫކްރޭނާ އެކުގައި ކަމަށެވެ. އަދި ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނަށް ހަތިޔާރު ދިނުމަށް ވެސް އެބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

ޖީ7ގެ ވެރިން ރަޝިޔާއާ ދެކޮޅަށް އެއް ގަލަކަށް އަރާފައިވާ އިރު، ރަޝިޔާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ޔޫކްރޭން ސިފައިންގެ ކުރިމަތީގައި އޮތީ އެންމެ ގޮތެކެވެ. އެ ގޮތަކީ ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށާއި، ދުވާލު އިރު އޮއްސުމުގެ ކުރިން ވެސް ހުރިހާ ކަމެއް ނިންމައިލުމުގެ ފުރިހަމަ އިޚްތިޔާރު ޔޫކްރޭން ސިފައިންނަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕެސްކޯވް ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓައިލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށްޓަކައި ބޭނުންވަނީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އޭނާގެ ލަޝްކަރަށް ކުރައްވާ އެންމެ އަމުރެއް ކަމަށާއި، އެއީ ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށް ވެސް ޕެސްކޯވް ވިދާޅުވި އެވެ. އެއަށް ފަހު ރަޝިޔާގެ ހުރިހާ ޝަރުތުތަކެއް ޔޫކްރޭނުން ގަބޫލުކޮށް ހަނގުރާމައިގެ ހާލަތުން މިންޖުވެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިސް ނެންގެވުމަށް ފަށާފައިވާ އަސްކަރީ ހާއްސަ ހަރަކާތްތައް ޔޫކްރޭންގައި ކުރިއަށް ދަނީ ދުރާލައި އެކަން ރާވާފައިވާ ގޮތަށެވެ. އަދި އެ ހަރަކާތްތަކުގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން ކަމަށާއި، އެއްވެސް ކަމެއް ކަނޑައަޅާފައިވާ އަމާޒުން ކައްސައިނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.