Roadha Mihaaru
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު

މަގު ހެދުމުގައި ކޮރަޕްޝަންގެ ތުހުމަތާ އެކު އެމްޑީޕީގެ މެމްބަރުން ވެސް ސަރުކާރާ ދެކޮޅަށް!

04 ޖުލައި 2022

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލައި ޕްލޭނިން މިނިސްޓްރީން ހިންގާ ގޮތަށް އާރުޑީސީއާ އެކު ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށް ސޮއިކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުކޮށް، މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ މެމްބަރުން ވެސް ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލައި ޕްލޭނިން މިނިސްޓްރީން ހިންގާ ގޮތަށް އާރުޑީސީއާ އެކު ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށް ސޮއިކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުކޮށް، މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ މެމްބަރުން ވެސް ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފި އެވެ.

މަގު ހެދުމުގެ މަޝްރޫއު، ކެބިނެޓުގެ ނިންމުމަކަށް ސިޓީ ކައުންސިލުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް އެމްޑީޕީގެ ކައުންސިލަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގައި އެމްޑީޕީގެ ހަ މެމްބަރަކު ތިއްބަވަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކައުންސިލްގައި އެމްޑީޕީ ތަމްސީލުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މިހާރު މި ފެންނަނީ މައި ސަރުކާރުން ނުފޫޒު ހިންގައިގެން ކުރާ ކަންކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެންދާތަން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

"އަޅުގަނޑުމެންގެ އެގްޒިސްޓިން ކޮންޓްރެކްޓެއް އޮއްވައި، އަލުން ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅޭއިރު، އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރުމެއް ނެތި ޓަސްލާފައި މިކަން ހަވާލު އެކުރީ ޕްލޭނިން މިނިސްޓްރީއާ،" އޭނާ ވިދާޅުވި އެވެ.

"ހިތާމަކުރަން، މިއެއް ނޫން އަޅުގަނޑުމެން ތަސައްވަރުކުރި ލާމަރުކަޒީ ނިޒާމަކީ."

އަމީނީމަގު މަރާމާތުކުރަން މާލެ ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށެވެ. އެކަމަކު އިއްޔެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު އެ އެއްބަސްވުން ހެދީ 84 ރުފިޔާ އަށެވެ.

މިއީ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ އަމަލެއް ކަމުގެ ތުހުމަތު މާލޭގެ މޭޔަރު ކުރެއްވި އެވެ.

"މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވައި 84 މިލިއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫނީ ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ ކުރެވެނީ. އެތަން އަތުލަންޏާ އަޅުގަނޑުމެން ބަދުނާމުކޮށްފައި ވެސް ގާނޫނީ ހަމައިގެ ތެރެއިން އެކަން ކުރަންވީ،" މުއިއްޒު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއު ކައުންސިލްގެ އަތުން އަތުލި މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކުރައްވައި އެއީ ލާމަރުކަޒީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަގު ހެދުމުގެ މަޝްރޫއު ކައުންސިލްގެ އަތުން އަތުލި މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކުރައްވައި އެއީ ލާމަރުކަޒީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަގު ހެދުމުގެ ޕްރޮޖެކްޓް ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރި މައްސަލައިގައި މުއިއްޒު މިއަދު ވިދާޅުވީ، އެ މަޝްރޫއު އަތުލީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އަތުލީ ކައުންސިލަށް މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނުކުރެވި ލަސްވެފައި ވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ވަނީ ބުނެފަ އެވެ. އެކަމަކު، ރައީސް އޮފީހުން އެ ކައުންސިލަށް އެ ކަހަލަ އެއްވެސް ނިންމުމެއް ނިންމި ކަމެއް އަދި މިހާތަނަށް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަމީނީމަގު ހަދަން އާރުޑީސީން ކަނޑައެޅި 39 މިލިއަން ރުފިޔާއަކީ އެ ކުންފުނިން ކަނޑައެޅި އަގެއް. އެ އަގު ފޮނުވީ އެ ކުންފުންޏަށް ފައިދާ ވެސް ލައިފައި،" މޭޔަރު ވިދާޅުވި އެވެ.

"އެހެންވެ، އެހާ ކުޑަ އަގެއްގައި ހެދެން އޮތް މަގެއްގެ މަސައްކަތް، ކަނޑައެޅި އަގަށް ވުރެ ދެގުނަ ބޮޑުކޮށް އަލުން ހަވާލުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް."

އޭނާ ވިދާޅުވީ އެ މަޝްރޫއު އަތުލި މައްސަލައިގައި ކައުންސިލުން ދެން އަމަލުކުރާނެ ގޮތަކާ މެދު އަންނަ ބުދަ ދުވަހު ބާއްވާ އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމަވާނެ ކަމަށެވެ.

މަސައްކަތް އަތުލީ ކައުންސިލަށް ނުވެގެން: މިނިސްޓްރީ

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ "މިހާރު" އަށް ވިދާޅުވީ، ހަމަ އެއް ނަމެއްގައި ހިންގާ ޕްރޮޖެކްޓަކަށް ވިޔަސް، އެއީ ސިޓީ ކައުންސިލާ އެއްވެސް ގުޅެމެއް ނެތް، އެ މިނިސްޓްރީން އިސްނަގައިގެން ހިންގާ ވަކި ޕްރޮޖެކްޓެއް ކަމަށެވެ.

"ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ މަސައްކަތް ނުވެފައި އޮތީމަ އެންމެ ފަހުން މިނިސްޓްރީން އިސްނަގައިގެން އެ މަސައްކަތް އާރުޑީސީއާ މި ހަވާލުކުރީ،" އޭނާ ވިދާޅުވެފައިވެ އެވެ.

އަމީނީމަގުގައި ތާރުއަޅަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާނެ ކަމަށާއި އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި، އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން އާރްޑީސީއާ އެކު ސޮއިކުރީ މިދިޔަ އަހަރު އޮކްޓޯބަރު 11 ގަ އެވެ. މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީއާ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ.