Roadha Mihaaru
އަމީނީމަގު ހެދުމުގެ އެއްބަސްވުން ސިއްރެއްނުވާނެ:ހައިކޯޓް

އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ސިއްރެއް ނުކުރެވޭނެ: ހައި ކޯޓް

13 މާޗް 2023

އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ސަރުކާރުގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ސަރުކާރުގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ސަރުކާރުން ހެދި އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ.

ހުކުމުގައިވަނީ ސަބަބު ބަޔާން ކުރުމެއް ނެތި މައުލޫމާތު ދޭން ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބަލަން ފެށުމުން އާ ސަބަބުތަކެއް ނުދެއްކޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ ގާނޫނުގައި ބުނާ އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައުލޫމާތަކީ ގާނޫނުގައި ބުނާ ފަދަ އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތެއް ކަން ޕްލޭނިން މިނިސްޓްރީއަށް ކޯޓުގައި ބުނެދެވިފައެއް ނުވެ އެވެ. އަދި އެ މައުލޫމާތު ދޭން ދެކޮޅު ހަދަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، ތިން ވަނަ ފަރާތުގެ ތެރޭގައި ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ހުކުމުގައިވެ އެވެ. އަދި އާރުޑީސީއަކީ ވެސް ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

އަމީނީމަގު ހަދަން އާރުޑީސީއާ ހަވާލު ކުރުމަށްފަހު އެ މަގުގެ ފުރަތަމަ ސެގްމެންޓް މިހާރު ވަނީ ހުޅުވައިފަ އެވެ. އެ މަގުގެ ފުރަތަމަ ސެގްމެންޓްގެ ތާރު އެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.