Roadha Mihaaru
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން

މަގުހެދުމުގެ މަޝްރޫއު އަތުލަންޖެހުނީ ސަރުކާރުން ބޭނުންވި ގޮތަށް ސިޓީ ކައުންސިލުން އެއްބަސްނުވުމުން: މިނިސްޓްރީ

05 ޖުލައި 2022

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އަތުލަން ޖެހުނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައި، ކުޑަ އަގެއް ދީގެން ފެންވަރު ދަށްކޮށް އެ މަގުތައް ހަދަން އުޅުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އަތުލަން ޖެހުނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދައި، ކުޑަ އަގެއް ދީގެން ފެންވަރު ދަށްކޮށް އެ މަގުތައް ހަދަން އުޅުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކޮށް އެހާ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރާއި ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަވެ، އެކަން ހައްލުނުވުމުން އެންމެފަހުން އެ މަޝްރޫއު މިނިސްޓްރީން ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމީ ކަމަށެވެ.

އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން ކަނޑައެޅި އަގަށް ވުރެ ދެގުނަ ބޮޑުކޮށް ކަމަށާއި އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އަށް ރައްދުދެއްވައި، އަކްރަމް ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ހަދަން އުޅުނީ ވަރަށް ކުޑަ އަގެއްގައި ފެންވަރު ދަށްކޮށް ކަމަށެވެ.

"ހަމަ ރަނގަޅު އަގެއްގައި މިނިސްޓްރީން އާރުޑީސީ އަށް އެ މަޝްރޫއު ދީފައި އެ އޮތީ. ކޮރަޕްޝަނެއް އޭގައި ނޯންނާނެ. ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ވެސް ބަލަންވީ ކޮރަޕްޝަން އޮތްތޯ. އަދި އެ މަޝްރޫއު އަތުލީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އެއާ ހިލާފުނުވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް -- ފައިލް ފޮޓޯ: މިހާރު

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް -- ފައިލް ފޮޓޯ: މިހާރު

"ސިޓީ ކައުންސިލުން ދީފައި އޮތް އަގު ހެވީ، އެ މީހުން މާ ފެންވަރު ދަށްކޮށް އެ މަގު ހަދަން އުޅުނީމަ. ސަރުކާރުން ބޭނުންވަނީ ފެންވަރު ރަނގަޅުކޮށް، ޒަމީނާކޮށް އެ މަގު ހަދަން."

އަކްރަމް ވެސް ވިދާޅުވީ، އާރްޑީސީއާ އެކު މާލޭ ސިޓީ ކައުންސިލުން ހެދި އެއްބަސްވުމުގައި އަމީނީމަގު މަރާމާތުކުރުން ނޯންނާނެ ކަމަށެވެ. އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އިއްޔެ ވިދާޅުވީ، އެ ކުންފުންޏާ އެކު ސިޓީ ކައުންސިލުން ހެދި އެއްބަސްވުމުގައި އަމީނީމަގު މަރާމާތުކުރުން ނެތް ކަމަށެވެ.

"އަމީނީ މަގު މާ ބޮޑަށް ހަލާކުވެ، އާންމުންނަށް އުނދަގުލަކަށްވެފައި އޮތީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވެވަޑައިގަތީ ވީހާ ވެސް އަވަހަކަށް އެ މަގު ރަނގަޅު ފެންވަރެއްގައި ތަރައްގީކުރަން،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލުން އާރްޑީސީއާ ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެކަމަކު، ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު އެ އެއްބަސްވުން ހެދީ 84 ރުފިޔާ އަށެވެ. އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެ އެވެ.

އަމީނީމަގު ހަދަން ސިޓީ ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ނަހަދާ ކަމަށް ސަރުކާރާއި އާރުޑީސީން ބުންޏަސް، އެ މަގާއި މާލޭގެ ބޮޑެތި އެހެން ބައެއް މަގުތަކުގައި ތާރުއެޅުމަށާއި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަށް މިހާރުގެ ކައުންސިލުން ގެނައި ބަދަލުތަކާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 11 ގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީ އާއި ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ތިން މަގެއް ހެދުމަށް ފަހު، މި އަހަރު ފެށުނު ގޮތަށް މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ. ކައުންސިލުން ބުނީ އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓް ނުދީގެން ކަމަށެވެ.

އަމީނީމަގުގައި ތާރުއަޅަން މިދިޔަ އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާނެ ކަމަށާއި އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް ބުންޏެވެ.