އަމީނީ މަގުގައި ހުރި ގަސްތައް ކޮށައިދިނުން، އާންމުންގެ ފާޑުކިޔުމާއި ކަންބޮޑުވުން ވެސް އިތުރުވެފައި ވާތީ މާލޭ ސިޓީ ކައުންސިލުން ހުއްޓާލައިފި އެވެ.
30 ސެޕްޓެމްބަރ 2022
އަމީނީ މަގުގައި ހުރި ގަސްތައް ކޮށައިދިނުން، އާންމުންގެ ފާޑުކިޔުމާއި ކަންބޮޑުވުން ވެސް އިތުރުވެފައި ވާތީ މާލޭ ސިޓީ ކައުންސިލުން ހުއްޓާލައިފި އެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް އެ މަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތް އާރުޑީސީގެ އެދުމުގެ މަތިން ކުރަމުން އައީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ. އެކަމަކު އެ ގަސްތައް ކަނޑާތީ އާންމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ދާތީ، މި މަހުގެ 19 އިން ފެށިގެން ސިޓީ ކައުންސިލުން ވަނީ އެ ގަސްތައް ކޮށައިދިނުން ހުއްޓާލައިފަ އެވެ.
އެ ކައުންސިލުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، އާރުޑީސީން އެދިގެން ހަމައެކަނި ކޮށްދިން ކަމަކީ ބިޔަކޮށް ހެދިފައި ހުރި އެ ގަސްތަކުގެ އޮފިތައް ކޮށައިދިނުން އެކަންޏެވެ. އެ އިން އެއްވެސް ގަހެއް ކެނޑުމާއި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގަސްތައް ކޮށުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުންގެ މުވައްޒަފުން އުޅޭ މަންޒަރު ފެންނަ ފޮޓޯތައް އާންމުންވުމުން، އެ ކައުންސިލަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.
"އަޅުގަނޑުމެންގެ ކައުންސިލުގައި އޮންނަނީ ގަސްތައް ކޮށުމަށް މި ބޭނުންކުރާ އެންމެ ބޮޑު ސްނޯކްލިފްޓް. އެހެންވެ، އާރުޑީސީން އެދުނީ އެ ގަސްތަކުގެ އޮފިތައް ކޮށައިދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އެކަން ކޮށްދިނީ ވެސް ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއުއަކަށް އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުލިބެޔޭ ސަރުކާރުން ބުނާތީވެ. -- ސިޓީ ކައުންސިލުގެ އޮފިޝަލް
ގަސްތައް ކޮށުމަށްޓަކައި ސިޓީ ކައުންސިލުން ބޭނުންކުރަނީ 50 ފޫޓު އުހަށް އުފުލޭ ސްނޯކްލިފްޓެކެވެ.
"ސިޓީ ކައުންސިލުން އެކަން ކޮށްދިނީ ވެސް ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުލިބެއޭ ސަރުކާރުން ބުނާތީވެ. އެކަމަކު، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު އަންގަވާފައި އޮތީ އާންމުންގެ ނުރުހުން އެ ކަމުގައި އޮތީމާ އެކަން[އަމީނީ މަގުގެ ގަސްތައް ސިޓީ ކައުންސިލުން ކޮށައިދިނުން] އެއްކޮށް ހުއްޓާލަން. އެހެންވެ، އެކަން ހުއްޓާލައިފިން،" އޮފިޝަލް ވިދާޅުވި އެވެ.
އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މޭޔަރު ބޭނުމެއް ނުވޭ ސިޓީ ކައުންސިލަކީ ގަސް ކަނޑާ ބައެއްގެ ގޮތުގައި ލޭބަލްވާކަށް. އަޅުގަނޑުމެންނަކީ ގަސް އިންދާ ބައެއް."
އޮފިޝަލް ވިދާޅުވިގޮތުގައި، މަގުތަކުގައި ހުންނަ ގަސްތައް ސިޓީ ކައުންސިލުން ކޮށައިދެނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ. ކޮންމެހެން އެކަން ކުރަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ކޮށާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- އާންމުކޮށް ކޮށައި ބަލަހައްޓަނީ 15-17 ފޫޓަށް ވުރެ ތިރީގައި ހުންނަ ގަސްތައް.
- އާންމު ގޮތެއްގައި ކޮށައިދެނީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކާއި މަގު ބައްތިތަކާއި ގޭގޭގެ ފުރާޅުގައި ޖެހޭ ހިސާބުގައި ހުންނަ ގަސްތަކުގެ އޮފިތައް.
- ގޭގޭގެ ފުރާޅުގައި ޖެހޭ ގަސްތަކުގެ އޮފިތައް ކޮށައިދެނީ އާންމުންގެ ޝަކުވާ ލިބުމުން.
- މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނަށް ނުރައްކާވާ ގޮތަށް ހުންނަ ގަސްތައް.
އެނގިފައިވާ ގޮތުގައި، އެ ގަސްތަކުގެ ބުޑު ބުރިކޮށް، ގަސްތައް ކަނޑައިގެން ނެގީ އާރުޑީސީންނެވެ. އެ ކުންފުނިން ބުނެފައި ވަނީ އެ ގަސްތައް އުކާނުލާނެ ކަމަށާއި، ސަރުކާރުން ކ. ކުޑަގިރީގައި ހަދާ ޕިކްނިކް އައިލެންޑްގައި އެ ގަސްތައް އިންދާނެ ކަމަށެވެ.
އެ މައްސަލައިގައި ރައީސް އޮފީހުން އިއްޔެ ބުނީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަން ޖެހުނީ އެ ގަސްތައް ބަހައްޓައިގެން ތާރުއެޅެން ނެތިގެން ކަމަށެވެ.
ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް https://t.co/eUm10jqFJv
— Mihaaru (@Mihaarunews) September 29, 2022
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ، އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ އާރުޑީސީއާ އެވެ. އެކަމަކު، އާންމުންގެ އުންމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެ މަޝްރޫއު ފެށިތަނާހެން އެ ކުންފުނިން އެ މަގުގައި ހުރި ގަސްތައް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
ދަރުބާރުގެ ކައިރިން މަގު ހަދަން ފެށީ އަމީނީ މަގުގައި 20-30 އަހަރުން ވެފައި ހުރި ބޮޑެތި ގަސްތައް ކޮށާލައި އެ ގަސްތައް ނެގުމަށް ފަހު އެވެ. އެ ގަސް ކެނޑުން ހުއްޓުވަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގަސް ނުކަނޑައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވަން ކޯޓަށް މައްސަލައެއް ހުށަހަޅުއްވަން ވެސް ތައްޔާރުވަމުންނެވެ.
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މާލޭ މަގުތައް އަލުން ހަދަނީ، އަމީނީމަގުގައި ތާރުއަޅަނީ
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
އަމީނީމަގު: ގަސް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟
އަމީނީމަގުގައި ތާރުއަޅާތީ، އެ މަގުގެ ބައެއް ބަންދު
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން
ކައުންސިލާއެކު އެއްބަސްވުމެއް ނަހަދަން: އާރްޑީސީ