Roadha Mihaaru
ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި ރިޗާލިސަންއަށް ނުކުޅެވޭނެ

ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި ރިޗާލިސަން އަށް ނުކުޅެވޭނެ

05 ޖުލައި 2022

ލަންޑަން (ޖުލައި 5) - އެވަޓަން ދޫކޮށް އަންނަ ސީޒަނުގައި ޓޮޓެންހަމަށް ސޮއިކުރި ބްރެޒިލް ފޯވާޑް ރިޗާލިސަން އަށް، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭ ގޮތަށް އިނގިރޭސި އެފްއޭ އިން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖުލައި 5) - އެވަޓަން ދޫކޮށް އަންނަ ސީޒަނުގައި ޓޮޓެންހަމަށް ސޮއިކުރި ބްރެޒިލް ފޯވާޑް ރިޗާލިސަން އަށް، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭ ގޮތަށް އިނގިރޭސި އެފްއޭ އިން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ރިޗާލިސަން އަށް އަދަބު އައީ، މިދިޔަ ސީޒަނުގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރި ވަގުތު ހިނގި ކަންކަމާ ގުޅިގެންނެވެ. މިއާ ގުޅިގެން ރިޗާލިސަން ލީގުގައި އެއް މެޗަށް ސަސްޕެންޑް ކުރުމާ އެކު، ވަނީ 25،000 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޗެލްސީ ކޮޅަށް ލަނޑު ޖެހުމާ އެކު ސަޕޯޓަރަކު ދަނޑަށް އެއްލި "ސްމޯކް ފްލެއާ" އެއް ހިފައިގެން އުފާފާޅުކޮށް ރިޗާލިސަން ވަނީ އަލުން ސަޕޯޓަރުންނާ ދިމާއަށް އެއްލައިފަ އެވެ. ކުޅުންތެރިޔާ ވަނީ އޭނާގެ އެ އަމަލު ބަލައިނުގަނެވޭނެ ކަމަށް އަމިއްލައަށް އިއުތިރާފު ވެސް ވެފަ އެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑާ އެކު މޮޅުވުމުން އެވަޓަން ލީގުގައި ރެލިގޭޓް ނުވެ ސަލާމަތް ވާން ކުރި މަސައްކަތަށް ބޮޑު ލުޔެއް ލިބުނެވެ. ރިޗާލިސަން މިދިޔަ ސީޒަނުގައި އެޓީމަށް 10 ގޯލު ޖަހައިދީ، ފަސް ލަނޑު ޖަހަން އެހީވި އެވެ.

ޓޮޓެންހަމުން ރިޗާލިސަން ގަތީ 60 މިލިއަން ޕައިންޑުގެ އަގަކަށް، ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަންނަ ސީޒަނުގައި އެޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައި ވާއިރު، މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ވެސް ކުޅޭނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ރިޗާލިސަން، 25، އަންނަނީ މި ފަހުން ބްރެޒިލްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުންނެވެ. އޭނާ ވަނީ ބްރެޒިލްގައި ބްރެޒިލް ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުންނެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބްރެޒިލް އިން ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކުރި ފައިނަލުގައި ލަނޑު ވެސް ޖަހައިދީފަ އެވެ. އަދި ޖެހިގެން އައި އަހަރު ޖަޕާނުގެ ޓޯކިޔޯގައި އޮތް އޮލިމްޕިކްސް ގައި ބްރެޒިލް އިން ރަން މެޑަލް ހޯދި އިރު، ފަސް ލަނޑު ޖަހައި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް ބަދަލުވެ، ރިޗާލިސަންގެ އެންމެ މޮޑު އަމާޒަކަށް ވާނީ، މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ދާ ބްރެޒިލްގެ ޓީމުން ޖާގަ ހޯދުމެވެ. ރިޗާލިސަންގެ އިތުރުން ޓޮޓެންހަމުން ވަނީ އިންޓަ މިލާނުގެ ކްރޮއޭޝިއާ ވިންގާ އިވާން ޕެރިސިޗާއި، ބްރައިޓަން އަށް ކުޅޭ މާލީ މިޑްފީލްޑަރު ވައިވެސް ބިސޫމާ އަދި ސައުތެމްޓަންގެ ގޯލްކީޕަރު ފްރޭޒާ ފޮސްޓާގެ ސޮއި ހޯދައިފަ އެވެ.

ލީގުގައި ޓޮޓެންހަމް ފުރަތަމަ ކުޅެން އޮތީ ސައުތެމްޓަންއާ ދެކޮޅަށެވެ. އެއަށް ފަހު ދެވަނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ.