Roadha Mihaaru
ޗެލްސީން ހަނިގޮތަކަށް އެވަޓަން ބަލިކޮށްފި

ފުރަތަމަ މެޗުގައި ޗެލްސީން ހަނިގޮތަކަށް އެވަޓަން ބަލިކޮށްފި

07 އޯގަސްޓް 2022

ލިވަޕޫލް (އޮގަސްޓް 6) - މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން، ޗެލްސީ އިން ޕްރިމިއާ ލީގު އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން އެވަޓަން ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (އޮގަސްޓް 6) - މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން، ޗެލްސީ އިން ޕްރިމިއާ ލީގު އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން އެވަޓަން ބަލިކޮށްފި އެވެ.

އެވަޓަންގެ ގޫޑިސަން ޕާކުގައި އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ އެންމެ ފަހުވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޕެނަލްޓީ ސްޕެޝަލިސްޓް، އިޓަލީގެ ޖޯޖީނިއޯ އެވެ. މިއީ ޗެލްސީގެ ވާތު ބެކް ބެން ޗިލްވެލް އަށް އެވަޑަންގެ އަބްދުލާޔޭ ޑޮކޫރޭ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި ހާފުގައި އެންގޯލޯ ކަންޓޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރުމުން ލިބުނު ރީބައުންސް ބޯޅައިގައި، މެންޗެސްޓާ ސިޓީ އިން ގެނައި ފޯވާޑް ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހައިދީފަ އެވެ. ނަމަވެސް އޭނާ އޮފްސައިޑުގައި ހުރުމުން އެ ގޯލު ބަލައެއް ނުގަތެވެ.

އަނިޔާވެގެން މިދިޔަ ސީޒަންގެ ފަހު ބައި ގެއްލުނު ޗިލްވެލް މުޅިން ރަނގަޅު ވެގެން މިރޭގެ މެޗުގައި ސްޓާޓް ކުރި އިރު، ކޯޗު ތޯމަސް ޓުޗެލް ވަނީ އަލަށް ގެނައި ފޯވާޑް ސްޓާލިންގެ އިތުރުން، ނަޕޯލީ އިން ގެނައި ޑިފެންޑަރު ކަލިދޫ ކުލިބަލީ ވެސް ސްޓާޓު ކޮށްފަ އެވެ. ކުލިބަލީ ވަނީ އެވަޓަން އިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ފަހަތުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އެވަޓަންގެ އެންމެ ކުރިއަށް ކުޅުނު ގޯޑޮން ބޯޅަ ހިފައިގެން ދާން އުޅެނިކޮށް، ކުލިބަލީ ޓެކުލް ޖަހައި ބޯޅަ ކްލިއާ ކޮށްލަނީ.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ އެންމެ ކުރިއަށް ކުޅުނު ގޯޑޮން ބޯޅަ ހިފައިގެން ދާން އުޅެނިކޮށް، ކުލިބަލީ ޓެކުލް ޖަހައި ބޯޅަ ކްލިއާ ކޮށްލަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން އިއްޔެ ޗެލްސީ އިން ސޮއިކުރުވި ވާތު ބެކް މާކް ކުކުރޭޔާ އަދި، މިދިޔަ ސީޒަނުގައި ލޯނުގައި އުޅުނު އާމަންޑޯ ބްރޯޔާ އާއި ކޮނޯ ގަލަގާ އަށް ވެސް ޓުޗެލް ވަނީ މި މެޗުގައި ފުރުސަތު ދީފަ އެވެ.

ކުކުރެޔާ ކުޅެން ނުކުމެ އުފެއްދި ފުރުސަތެއްގައި ސްޓާލިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެވަޓަންގެ ފަހަތުގައި މޮޅަށް ކުޅުނު ވިޓަލީ މިކޮލެންކޯ ވަނީ ބްލޮކް ކޮށްފަ އެވެ.

އެވަޓަން ގޮވައިގެން ލަމްޕާޑް މި މެޗަށް ނުކުތީ ސެންޓަ ފޯވާޑެއް ނުލައި، ވިންގަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އެންތޮނީ ގޯޑޮން އެންމެ ކުރިޔަށް އަރުވައިގެންނެވެ. އަދި ޓީމުގެ ކެޕްޓަން ސޭމަސް ކޯލްމަން މިދިޔަ ސީޒަނަށް ފަހު ކަކުލުގެ ސާޖަރީއެއް ކޮށްފައި ވާއިރު، ޕްރީ ސީޒަނުގައި ވެސް އޭނާ ބައިވެރިއެއް ނުވެ އެވެ. ލަމްޕާޑް ބުނާގޮތުގައި ކޯލްމަންގެ ފިޓްނެސް ރަނގަޅުކުރަން އެވަޓަންގެ 21 އަހަރުން ދަށުގެ ޓީމާއެކު މެޗުތަކުގައި ބައިވެރި ވާނެ އެވެ.

މިދިޔަ ސީޒަނުގައި އެޓީމުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދި ރިޗާލިސަން، ޓޮޓެންހަމް ހޮޓްސްޕާ އަށް ވިއްކާލި އިރު، ފޯވާޑް ޑޮމިނިކް ކެލްވާޓް ލެވީން ހުރީ އަނިޔާގަ އެވެ. އޭނާ ރަނގަޅުވާން މަހެއްހާ ދުވަސް ބޭނުންވެ އެވެ. އަނެއްކޮޅުން ވެނެޒުއޭލާ ފޯވާޑް ސަލޮމޮން ރޮންޑޮން ހުރީ ސަސްޕެންޝަނެއްގަ އެވެ. ހަމަ އެއާ އެކު ޓޮމް ޑޭވީސް އަންނަ ހަފްތާ އަލުން ފަރިތަކުރުންތަކުގައި ބައިވެރި ވާނެ ކަމަށް ލަމްޕާޑް ބުނެފައި ވާއިރު، އަންޑްރޭ ގޮމޭޒް ވެސް މުޅިން ފިޓުވާން ދެ ހަފްތާ ނަގާނެ ކަމަށް ވެއެވެ.

ފަހަތުން އަރައި ޓޮޓެންހަމަށް ފުރިހަމަ މޮޅެއް

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. ސައުތެމްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޓީމު މޮޅުވީ ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުންނެވެ.

ކުލުސެވްސްކީ، ޓޮޓެންހަމަށް ލަނޑު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކުލުސެވްސްކީ، ޓޮޓެންހަމަށް ލަނޑު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 12 ވަނަ މިނިޓުގައި ސައުތެމްތަންގެ ކެޕްޓަން ޖޭމްސް ވާޑް-ޕްރައުސް ޖެހި ލަނޑުން އެޓީމު ލީޑު ނަގައިފައި ވަނިކޮށް، ޑިޔާން ކުލުސެވްސްކީ ނެގި ހުރަހަކުން 21 ވަނަ މިނިޓުގައި ޓޮޓެންހަމަށް އެއްވަރު ކޮށްދިނީ ޒުވާން ވިންގާ ރަޔާން ސެސެނިޔޯން އެވެ. އަދި އޭގެ 10 މިނިޓް ފަހުން ސޮން ހެއުން މިން ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެން ލީޑު ފުޅާ ކޮށްދިނީ އެރިކް ޑަޔާ އެވެ.

ޓޮޓެންހަމްގެ ތިންވަނަ ލަނޑަކީ 61 ވަނަ މިނިޓުގައި އެމަސަން ރޯޔަލް ސައުތެމްޓަންގެ ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅައެއް، ސައުތެމްޓަންގެ ކުޅުންތެރިއެއް ކްލިއާ ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޭގެ ދެ މިނިޓު ފަހުން ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކުލުސެވްސްކީ އެވެ.

މިއީ 1986 ވަނަ އަހަރަށް ފަހު ޓޮޓެންހަމުން ލީގު ސީޒަނެއްގެ ފުރަތަމަ މެޗުގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، ލީޑްސް ޔުނައިޓެޑުން ވެސް ވަނީ ފަހަތުން އަރައި ވުލްވްސް ބަލިކޮށްފަ އެވެ.

ލީޑްސްގެ ދަނޑުގައި ޑެނިއެލް ޕޮޑެންސް، މެޗުގެ ހަވަނަ މިނިޓުގައި ޖެހި ލަނޑުން ވުލްވްސް އަށް ލީޑު ލިބިފައި ވަނިކޮށް، ލީޑްސް އިން އެއްވަރުކުރީ 24 ވަނަ މިނިޓުގައި ރޮޑްރިގޯ މޮރޭނޯ ޖެހި ލަނޑުންނެވެ. އަދި އެޓީމު މޮޅުވި ލަނޑަކީ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް ޕެޓްރިކް ބެމްފޯޑް ހުރަސްކޮށްލި ބޯޅައެއް ވުލްވްސްގެ ރަޔާން އައިޓް ނޫރީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އަލަށް ޕްރޮމޯޓްވި ބޯންމައުތުން 2-0 އިން ރޭ ވަނީ އެސްޓަން ވިލާ ބަލި ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ޖެފާސަން ލާމާ އެވެ. އަދި ފަހު ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމަށް ގެނައި ވޭލްސްގެ ފޯވާޑް ކިއެފާ މޫރް އެވެ. މިދިޔަ ސީޒަނުގައި މޫރް ވަނީ ބޯންމައުތަށް ޗެމްޕިއަންޝިޕުގައި ކުޅުނު ހަތަރު މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި މިރޭގެ މެޗަކީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އަލުން ޕްރިމިއާ ލީގަށް އައިސް ބޯންމައުތުން ފުރަތަމަ މެޗު ކާމިޔާބު ކުރި އިރު، ފުލަމް ވަނީ ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. ނަމަވެސް 23 އަހަރު ފަހުން ޕްރިމިއާ ލީގުން ޖާގަ ހޯދި ނޮޓިންހަމް ފޮރެސްޓް ވަނީ ފުރަތަމަ މެޗުގައި ނިއުކާސަލް ޔުނައިޓެޑު އަތުން 2-0 އިން ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު އިރު ނިއުކާސަލްގެ ފުރަތަމަ ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ފަބިއަން ޝާ އެވެ. އަދި 78 ވަނަ މިނިޓުގައި ލީޑް ފުޅާ ކޮށްދިނީ ކެލަމް ވިލްސަން އެވެ.