Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރޭސް ޖެހުން ހުއްޓުވައި ފިޔަވަޅު އަޅަން: ޕޮލިސް

ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން، އަދިވެސް އިތުރު ފިޔަވަޅު އަޅާނެ: ޕޮލިސް

06 ޖުލައި 2022

މީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް މަގުތަކުގައި ރޭސް ޖެހުމާއި ހުނަރު ދެއްކުން ފަދަ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ މީހުން ހުއްޓުވާ ކަމަށާއި މިހާރަށް ވުރެން އިތުރު ފިޔަވަޅުތަކެއް އެފަދަ މީހުންނާ ދޭތެރޭގައި އެޅުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް މަގުތަކުގައި ރޭސް ޖެހުމާއި ހުނަރު ދެއްކުން ފަދަ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ މީހުން ހުއްޓުވާ ކަމަށާއި މިހާރަށް ވުރެން އިތުރު ފިޔަވަޅުތަކެއް އެފަދަ މީހުންނާ ދޭތެރޭގައި އެޅުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބާރު ސްޕީޑުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި، ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީ ބަހެއްގައި ޖެހި މިދިޔަ އާދީއްތަދުވަހު ޒުވާން އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. އަންހެން ކުއްޖާގެ އިތުރުން އެ ކާރުގައި ދެން ތިބި ހަތަރު މީހަކަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ. އެ އެންމެންނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

މި އެކްސިޑެންޓް ހިނގި ގޮތުގެ ވީޑިއޯ އާއްމުވުމާ އެކު އާއްމުންގެ ކަންބޮޑުވުމަކަށް ވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފުލުހުން ފިޔަވަޅު ނާޅާ މައްސަލަ އެވެ. ޓްރެކް ސަރަހައްދުގައި އެކްސިޑެންޓް ހިނގުމުގެ ގަޑިއިރުތަކެއް ކުރިން އެ ކާރު ހުޅުލެ އާއި މާލޭގެ ބައެއް މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވި ތަން ބައެއް މީހުންނަށް ފެނިފައިވެ އެވެ.

ހެޑް އޮފް މާފަންނު ޕޮލިސް އިންވެސްޓިގޭޝަން، އަހްމަދު އިބްރާހިމް ވިދާޅުވީ އެ ކާރު ބާރު ސްޕީޑުގައި މަގުތަކުގައި ދުއްވި ކަމުގެ ޝަކުވާ އެކްސިޑެންޓް ހިނގި ފަހުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ކަށަވަރު ކުރަން ބައެއް މަގުތަކުގައި ސީސީޓީވީ ފުޓޭޖް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށްދާތީ އެކްސިޑެންޓުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

އޭނާ ވިދާޅުވި ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިފައި ހުންނަނީ ގަވާއިދަށް ކަމޭ ނުހިތައި ހިތުހުރި ގޮތަކަށް ދުއްވާތީ އެވެ.

"ބާރު ސްޕީޑުގައި ދުއްވުމާއި އޯވަޓޭކްކުރުމާއި ގޯޅި އެޅުމުގައި އެ މީހަކު ހިތުހުރި ގޮތަކަށް ވިސްނާ ވިސްނުމަކީ އެކްސިޑެންޓުތައް ހިނގަން ދިމާވާ ކަމެއް. ވަކި އުސޫލްތަކަށް ކަނޑައަޅާފައި ހުންނަ އިރު ވެސް ތަބާނުވާތީ އެކްސިޑެންޓުތައް ގިނަވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީގެ ހެޑް، ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ނުހުއްޓުވިޔަސް އެ އުޅަނދަކާ ދޭތެރޭގައި ފުލުހުން ފިޔަވަޅު އަޅާ ކަމަށެވެ.

ލައިސަންސް ނެތި ދުއްވާ އުޅަނދުތައް 15 ދުވަހަށް އަދި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް 30 ދުވަހަށް ފުލުހުންނަށް ހިފެހެއްޓެވެ. މިގޮތަށް މާލެ އާއި ހުޅުމާލޭގައި ވެސް ދުއްވުން އާއްމުވެފައިވާ އިރު، މިހާތަނަށް ކިތައް އުޅަނދު ހިފަހައްޓާފައިވާނެތޯ އެހުމުން އޭނާ ވިދާޅުވީ ސީދާ އަދަދެއް އެނގިވަޑައިނުގަތަސް ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.

"ތި ވިދާޅުވާ ގޮތަށް ހުރިހާ ދިމާލެއްގައި ހުރިހާ ކަންކަންމައްޗެއްގައި އަޅުގަނޑުމެންގެ ފުލުހުން އެއްފަހަރަކާ ނުތިބޭ. އެކަމަކު ޝެޑިއުލްކުރެވިގެން އެކަންކަމަށް އެޓެންޑްކުރަން. ހާއްސަކޮށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކަށް ފޯކަސްކޮށްގެން މަސައްކަތްތައް ކުރެވޭ. ރައްޔިތުން ގަބޫލުކުރާ ފެންވަރަށް އަޅުގަނޑުމެންނަށް ނުކުރެވި އޮވެދާނެ،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި އާއްމުންނަށް އުނދަގޫވާ ގޮތަށް ދުއްވުމަކީ ފުލުހުން ވެސް ކަންބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން މީހުންގެ ފުރާނަ އާއި މުދަލަށް އެތައް ގެއްލުމެއް ލިބެމުންދާ ކަން ފާހަގަކުރެއްވި އެވެ.

"އެކަން ކުޑަކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް އެބަކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުޅަނދު ސަލާމަތީ ގޮތުން ރައްކާތެރިތޯ އަމިއްލައަށް ދެނެގަތުން ވެސް މުހިއްމެ ކަމަށެވެ. އެތެރެކޮށްފައި ހުރި 80،000 ވެހިކަލްގެ ރޯޑްވާދިނަސް ކޮންމެ ދުވަހަކު ފުލުހުންނަށް ނުބެލޭނެ ކަމަށާއި އެކަމުގައި އާއްމުން މިހާރަށް ވުރެން ފަރުވާތެރިވާން ސަމީރު އެދިވަޑައިގަތެވެ.

ސަމީރު ވިދާޅުވި ގޮތުގައި މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކަން ހިތައިގެން ނޫނީ އެކްސިޑެންޓްތައް މަދެއް ނުކުރެވޭނެ އެވެ.

"މީގައި ބަލަންވީ ތިމާއަށް ލައިސަންސް ލިބުނު ކަމަށް ވިޔަސް ތިމާގެ ފަރިތަކަމަށް ވުރެން އަނެކާގެ ނުފަރިތަކަމަށް. ތިމާ ކިތަންމެ ފަރިތަވިޔަސް ދެން އަންނަ މީހާގެ ފަރިތަކަމެއް ނުއެއް އެނގޭނެ. އެވަރު ބަލައިގެން މަގު ބޭނުންކުރާ ނަމަ މި އެކްސިޑެންޓްތައް މަދުވާނެ،" އަހްމަދު ވިދާޅުވި އެވެ.