Roadha Mihaaru
ކުޑަގިރި މިސްކިތުގެ މަސައްކަތް ނިމެނީ

ކުޑަގިރީގައި ތަރައްގީ ކުރާ މިސްކިތުގެ މަސައްކަތް ނިމެނީ

14 ޖުލައި 2022

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރީގައި އަޅާ މިސްކިތުގެ މަސައްކަތް ނިމެން ކައިރި ވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރީގައި އަޅާ މިސްކިތުގެ މަސައްކަތް ނިމެން ކައިރި ވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މާލެ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރާ ކުޑަގިރީގައި އަޅާ މިސްކިތުގެ 70 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުންޏެވެ.

"މިހާރު ކުރިއަށް ދަނީ ސީލިންގް ކުރުމާއި ނިންމުމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތްތައް،" އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

ފެނަކައިގެ އެހީގައި އަޅާ 150 މީހުންގެ ޖާގައިގެ އެ މިސްކިތުގެ ބިންގާ އެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކުޑަގިރީގެ ފާލަން އެޅުމުގެ މަސައްކަތުގެ 80 ޕަސެންޓު މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިއަދު އެމްޓީސީސީން ބުންޏެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކުޑަގިރި ތަރައްގީކުރުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، މިމަހުގެ 26 ވަނަ ދުވަހު އެ ރަށް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޝްރޫއަކީ 41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.