މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދިފައި ވަނީ ބޮޑެތި މަގުތަކުގައި ޕާކުނުކުރެވޭނެ ގޮތް ހަދައިދޭން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
19 ޖުލައި 2022
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދިފައި ވަނީ ބޮޑެތި މަގުތަކުގައި ޕާކުނުކުރެވޭނެ ގޮތް ހަދައިދޭން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިމަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން މަސައްކަތްކުރަމުން އަންނައިރު އެކަމަށް ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދިފައި ވަނީ މާލޭގެ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިދިނުމަށް ކަމަށެވެ. އެކަމަކު ޕާކިންގެ މައްސަލަ މިހާ ބޮޑުވެފައިވަނިކޮށް ޕާކުކުރާނެ ޖާގަ ނުދައްކާ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭނެ ގޮތް ހަދައިފި ނަމަ، އެކަމާ ގުޅިގެން އާންމުންގެ ނުރުހުން ކައުންސިލަށް އަމާޒުވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންވިޔަސް، ކައުންސިލުން މަސައްކަތްކުރަނީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށާއި އެކަމާ ގުޅިގެން ކުރެވިދާނެ ކަންކަން ހޯދަމުން އަންނަ ކަމަށް ކައުންސިލުން ބުނެ އެވެ.
"އަޅުގަނޑުމެން ވާނީ ޕާކިން މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ވެސް މަޝްވަރާކޮށްފައި. ޕާކިން މައްސަލަ މާލޭގައި މިހާ ބޮޑުއިރު ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިފި ނަމަ ރައްޔިތުންނަށް ވަރަށް އުނދަގޫވާނެ. އެހެންވެ ކުރެވިދާނެ ކަންކަން ހޯދުމުގެ މަސައްކަތް އެބަ ކުރަން،" ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރު ފަޅިން ވާން ޖެހޭ ތައްޔާރީތައް މުޅިންހެން ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވެ އެވެ. ރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭތީ އޭގެ އެންމެ މުހިއްމު އެއް މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް މާލެ ގެނައި އިރު ވެސް ބަސް ހުއްޓާނެ ތަންތަން ކައުންސިލަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ބަސްތައް މާލޭގައި ބަހައްޓާނެ ތަންތަން ކަނޑައަޅައި ނިންމައި، ޑްރައިވަރުން ތަމްރީނުކޮށް ވެސް ނިންމައިފި އެވެ. އަދި މަރާމާތުކުރާނެ ގޮތްތައް ވެސް އޮތީ ރާވައިފަ އެވެ.
އެ ހުރިހާ ތައްޔާރީތައްވެ ބަސް ބަސް ދަތުރުތައް ފެށުމާ ބެހޭ ގޮތުން އެމްޓީސީސީން ސިޓީ ކައުންސިލަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިމަހުގެ 17 ގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ގިނަ މަޝްވަރާތަކެއްގައި ވެސް ކައުންސިލުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓަކީ ކައުންސިލުން ވެސް ވަރަށް ތާއީދުކުރާ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރު ކުންފުންޏަކުން ކުރިޔަސް އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގާއި އޯކިޑް މަގުގައި އެއްގޮތަކަށް ވެސް ޕާކުނުކުރެވޭނެ ގޮތަށް ހަދައިދޭން އެދިފަ އެވެ.
އެ ދުވަހު ވެސް އޭނާ ވިދާޅުވީ ޕާކުކުރާނެ ޖާގަ ނުދައްކާ ޕާކިން ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފަ އެވެ. މާލޭގައި ހިދުމަތް ދޭން ބޭނުންކުރާނީ 20-22 ސީޓް ހުންނަ 12 ބަހެވެ.
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ވިލިމާލެއަށް ބަސްތައް ގެންދިއުމުން ކައުންސިލުން ޕޮލިހަށް
ވިލިމާލެ އަށް ކައުންސިލުން ބަގީ، އެމްޓީސީސީން ބަސް!
ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް
ތާރީހީ ދުވަހެއް، މާލޭގައި ބަހުގެ ދަތުރުތައް ފަށައިފި