Roadha Mihaaru
ވިލިމާލެ އަށް ކައުންސިލުން ބަގީ، އެމްޓީސީސީން ބަސް!

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީ، އެމްޓީސީސީން ބަސް!

17 ޖެނުއަރީ 2023

މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން މިއަދު އިއުލާންކޮށްފައި ވަނިކޮށް، އެމްޓީސީސީން އެ އަވަށުގައި މި މަހު ބަހުގެ ހިދުމަތް ފަށާނެ ކަމަށް އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން މިއަދު އިއުލާންކޮށްފައި ވަނިކޮށް، އެމްޓީސީސީން އެ އަވަށުގައި މި މަހު ބަހުގެ ހިދުމަތް ފަށާނެ ކަމަށް އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން ބަގީގެ ވީޑިއޯއަކާއެކު މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނީ، ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މި މަހުގެ ފަހުކޮޅު މާލެ ގެންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ގެންނަ ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ހަތަރު ސީޓުގެ ތިން ބަގީއަކާއި ހަ ސީޓުގެ ތިން ބަގީ އަދި 12 މީހުންގެ ޖާގަ އޮންނަ ބަގީއެއް ވެސް ގެންނާނެ ކަމަށެވެ. އެއީ އޭގެ ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ގޮތަށް ހަދާފައިވާ، ވިލިމާލޭގެ މާހައުލާ ވެސް ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ ބަގީތަކެއް ކަމަށް ބުންޏެވެ.

މި ހިދުމަތާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ މީހުންނަށް އެދޭ އަމާޒަށް ވާސިލުވުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މޭޔަރު ޑރ. މުއިއްޒު "މިހާރު" ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މޭޔަރު ޑރ. މުއިއްޒު "މިހާރު" ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމީ، އެ މަސައްކަތް ކުރި ކުންފުންޏަށް އެ ކަން ނުކުރެވޭ ކަމަށް ބުނެ އެވެ. ނައިންޓީ ނައިން ހޯލްޑިން" އިން އެ ހިދުމަތް ދޭ ގޮތާ މެދު ސިޓީ ކައުންސިލުން ހިތްހަމަނުޖެހޭތީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ މައްސަލަ އޮތީ ސިވިލް ކޯޓުގަ އެވެ.

އެ ކުންފުންޏަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި އެ ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ގައި ވަގުތީ އަމުރެއް ނެރެފަ އެވެ.

އެމްޓީސީން ގެންނަނީ ހަ ބަސް

އެމްޓީސީސީން ބުނީ ވިލިމާލެ އަށް ހާއްސަ ކޮށްގެން އެ ކުންފުނިން ގެންނަނީ ތިމާވެއްޓާ ރައްޓެހި ހަ ބަސް ކަމަށެވެ. އެއީ 11 މީހުންނަށް އެއްފަހަރާ އިށީނދެ ތިބެވޭނެ ހެން ސީޓް ހަރުކޮށްފައިވާ ބަސްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަދި މީގެ އިތުރުން ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ ވެސް އޮންނާނެ އެވެ. ވީމާ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެ އެވެ،" އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، ވިލިމާލެ އަށް ބަހުގެ ހިދުމަތް ފުޅާކުރުމުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުން ކަމުގައި އުފަލާއެކު ދަންނަވަމެވެ. އަދި އާރްޓީއެލް ވިލިމާލެ ބަހުގެ ހިދުމަތާ ގުޅޭ މެޕާއި ޝެޑިއުލްގެ މައުލޫމާތު މި ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމުގައި ވެސް ދަންނަވަމެވެ،" އެމްޓީސީސީގެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުން އުޅެނީ ލަމާރުކަޒީ ނިޒާމަށް ހުރަސްއަޅަން: މުއިއްޒު

އެމްޓީސީސީގެ އެ ނިންމުން ކުއްލި ގޮތަކަށް އައުމާ ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ހުރިހާ ތައްޔާރީތަކެއް ވެފައި އޮއްވައި، އެމްޓީސީސީން އެ އަވަށުގައި ބަހުގެ ހިދުމަތް ފަށަން އުޅޭ ކަމަށް ބުނުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

"ވިލިމާލެ އަށް ޕަބްލިކް ޓްރާސްޕޯޓް ބަސްތަކެއް އަރުވާކަށް ރައްޔިތުން ބޭނުންނުވޭ،" މޭޔަރު ވިދާޅުވި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ދޭން ނިންމައި، އެ ކަމަށް ބޭނުންވާ އުޅަނދުތައް ހޯދަން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

"ނައިންޓީ ނައިން ހޯލްޑިން" އިން ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން އެ ކުންފުންޏަށް ކޮށްދޭން ޖެހޭ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ކޮށް ނުދޭތީ ބަގީގެ ހިދުމަތް ދޭން އުނދަގުލެވެ. އޭގެ ތެރޭގައި ބަސް ރޫޓު ހެދުން ފަދަ ކަންކަން ހިމެނެ އެވެ. ބަސް ރޫޓާއި ވެހިކަލް ހުއްޓިތައް ގާއިމު ކޮށްނުދީ، ކައުންސިލުން އެއްބަސްވުން ބާތިލުކުރަން ކަނޑައަޅާފައި ވަނީ އެ އެއްބަސްވުުމުގެ މަގުސަދާއި ގާނޫނާ ހިލާފަށް ކަމަށް ވެސް "ނައިންޓީ ނައިން ހޯލްޑިން" އިން ކުރިން ބުނެފައި ވެ އެވެ.